ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒް 2026 ގެ ތެރެއިން ބާއްވާ ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވެވޭ ގޮތަށް ރަޖިސްޓްރީ ހުޅުވާލައިފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ، ދިވެހި ސަޤާފީ ފަންނުވެރިކަން ދިރުވައި ކުރިއެރުވުމާއި އެ ދާއިރާގައި ވާދަވެރި މާޙައުލެއް ބިނާކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ބަނޑިޔާ ޖެހުމާއި ލަނގިރި ޖެހުމާއި ތާރަ ޖެހުމާއި ދަނޑި ޖެހުމުގެ އިތުރުން މާފަތި އަދި ފަތިގަނޑު ޖެހުން ހިމެނޭ ގޮތަށް ސަޤާފީ ހުށަހެޅުންތައް ހުށަހެޅޭނޭ ކަމަށެވެ.
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެއް ވަނައަށް 75000 ރުފިޔާ ދެ ވަނައަށް 50000 ރުފިޔާ ތިން ވަނައަށް 25000 ރުފިޔާ ދިނުމަށް ނިންމާފައިވާ އިރު އެންމެ މަޤްބޫލު ޓީމެއް ހޮވައި އެ ޓީމަށް ވެސް 25000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 17 ސެޕްޓެމްބަރު 2026 ގެ ކުރިން ބީސީސީގެ ސޯޝަލް މީޑިއާ މަންސަތަކުގައި ހިއްސާކޮށްފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނޭކަމަށް އެފަރާތުން ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists