އަދީބު ހައްޔަރުކުރަން އަމުރު ނެރެ ނުދިން މައްސަލަ މަޖިލީހަށް

05 Aug 2019 | 17:31

ކުރީގެ ނައިބު ރައީސް އަހުމަދުއަދީބު އަބްދުލްޣަފޫރު ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރު ނެރެ ނުދިން މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

މައްސަލަ ހުށަހަޅުއްވަމުން އިލްޔާސް ލަބީބު ވިދާޅުވީ ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އަދީބަށް ކަމަށެވެ.

އަދި ފާއިތުވެ ދިޔަ ތިން އަހަރު ތެރޭގައި ރާއްޖޭގައި ހިނގާދިޔަ ޖިނާއީ ބޮޑެތި ކުށްތަކުގެ ތުުމަތުތައްވެސް އަދީބުގެ މައްޗަށް ކުރެވޭ ކަމަށެވެ.

އިލްޔާސް ލަބީބު ވަނީ ތަފާތު ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.

އަދީބު ހައްޔަރުކުރުމުގެ އަމުރަކަށް އެދުނީ އޭނާ ޓަގު ބޯޓެއްގައި ފިލައިގެން ދިޔަ މައްސަލައިގައެވެ. އަދީބު ފިލައިގެން ދިއުމުން އިންޑިއާ ސިފައިން ކަނޑުމަތިން ޓަގު ބޯޓް ހިފަހައްޓައި ރާއްޖޭގެ ސިފައިންނާ ހަވާލުކުރުމުން ސިފައިން ރޭގެ ވަގުތެއްގައި އަދީބު ވަނީ ރާއްޖެ ގެނެސް، ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

Advertisement

ކޮމެންޓް