ރައީސް އޮފީހުގެ ސިޓީއެއް ކަމަށް ބުނެ ދައުރު ކުރަމުން ދަނީ ފޭކް ސިޓީއެއް

17 Sep 2018 | 23:21

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުއްވާފައިވާކަމަށް ބުނެ، ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ސިޓީއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީއެއް ނޫންކަމަށް އެ އޮފީހުން ބުނެފި އެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ސިޓީގައި ބަޔާންކޮށްފައިވަނީ ރިޓަޔަރކުރާ އުމުރުގެ މީހުނަށް ދައުލަތުގެ ބަޖެޓުންދޭ ފައިސާ 2019 ވަނަ އަހަރުގެ ބަޖެޓުގައި ނުހިމެނުކަމަށް ބުނާއިރު، 2019 ވަނަ އަހަރުގެ ބަޖެޓާއި ބެހޭގޮތުން އެ އޮފީހުން އެއްވެސް ފަރާތަކަށް އެއްވެސް އިރުޝާދެއް އަދި މިހާތަނަށް ދީފައިނުވާނެ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، އެ ސިޓީގައި ޖަހާފައިވާ ނަންބަރަކީ ދައުކަތުގެ ސިޓީ ތަކުގައި ނަންބަރު ޖަހާ އުސޫލުތަކަށް ބަލާއިރު، އެ އޮފީހުން މިނިސްޓްރީ އޮފް ޓޫރިޒަމަށް ފޮނުވާ ސިޓީގައި ޖަހާ ނަންބަރުކަމަށާއި، އަދި ސިޓީގައިވާ ނަންބަރުގައި އެ އޮފީހުން އެއްވެސް ތަނަކަށް ސިޓީއެއް ފޮނުވާފައި ނުވާނެކަމަށެވެ.

އެ ސިޓީގައިވާ ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ގދ.ފަރެސްމާތޮޑާގައި ވާހަކަ ދައްކަވަމުން ރިޓަޔަރމަންޓް އުމުރަކީ މިހާރު 65 އަހަރަށް އޮންނަ އޮތުން 74 އަހަރަށް ނުވަތަ 75 އަހަރަށްބަދަލުކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމުގެ މާނަ އޮޅޭގޮތަށް ފަތުރަކުންދާ ވާހަކަ ތަކެއް ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުން ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރ މަހާއި ހަމައަށް އުފައްދާފައިވާ ވަޒީފާތައް ސެޕްޓެމްބަރ މަހަށް ފަހު ވަނީ އުވާލަން ނިންމާފައެވެ. އަދި ރިޓަޔާ ކުރާ އުމުރު 70 އަހަރަށް މައްޗަށް ޖައްސަން ނިންމާފައި ވާތީ އެލަވަންސަށް ބަދަލު ގެނެސްގެން ބަޖެޓް ތައްޔާރު ކުރުމަށް ވެސް ސިޓީގައި ވެއެވެ.

Advertisement

ކޮމެންޓް