އެމްޑީޕީއަށް އިންތިޚާބުތައް ކާމިޔާބުކޮށްދިނުމަށް އެންމެ ބޮޑު މަސައްކަތެއް ކުރީ އަންހެނުން: ނިޔާޒު

27 Aug 2019 | 10:35

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީއަށް އިންތިޚާބުތައް ކާމިޔާބުކޮށްދިނުމަށް އެންމެ ބޮޑު މަސަައްކަތެއް ކުރީ އަންހެނުންކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ނިޔާާޒު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ދެ އަންހެންބޭފުޅަކު އައްޔަންކުރުމަށް ޖޭއެސްސީން ރުހުން ދިނުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަހުމަދު (މޮސްޓާ) ކުއްލި މައްސަލައެއްގެ ގޮތުގައި ހުށައެޅުއްވުމުން އެ މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ އެމްޑީޕީގެ އެންމެބޮޑު އެއް މަސައްކަތަކީ އިންތިޙާބްތައް ކާމިޔާބުކުރުން ކަމަށާއި އިންތިޙާބުތައް ކާމިޔާބު ކުރުމަށްޓަކައި އަންހެނުން ކޮށްދީފައި ހުރި މަސައްކަތަކީ ރެކޯޑް ތަކުން ފެންނަން ހުރި މަސައްކަތްތަކެއްކަމަށެވެ.

އެގޮތުން ނިމިދިޔަ ރިޔާސީ އިންތިޚާބުގެ އިދާރީ މަސައްކަތްތަކުގެ ނުވަދިހަ އިންސައްތަ ކޮށްފައިވަނީ އަންހެނުންކަމަށް ނިޔާޒްވަނީ ފާހަގަކުރައްވާފައެވެ.

"ޕޮލިސީ ޕޭޕަރުތައް ހެދުމުގައާއި ކޯލް ސެންޓަރ ހެދުމުގައާއި އަދި އެ ނޫންވެސް އެހެނިހެން އިދާރީ މަސައްކަތްތަކުގައި ނުވަދިހަ ޕަސެންޓް މަސައްކަތަކީ އަންހެނުންގެ މަސައްކަތް" މެންބަރު ނިޔާޒު ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވަނީ އިސްލާމީ އެހެނިހެން ގައުމުތަކުގައިވެސް އަންހެނުން މިހާރުވެސް ފަނޑިޔާރުކަން ކުރައްވާކަމަށް ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް