ސިޓީ މޮޅުވިއިރު ޗެލްސީ އެއްވަރުވެއްޖެ

31 Aug 2019 | 22:56

އިނގިރޭސި ޕްރމިއާ ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗް ފަސޭހަކަމާއެކު ކާމިޔާބު ކޮށްފިއެވެ. ބްރައިޓަންއައި ދެކޮޅަށް ކުޅުނު މެޗް ސިޓީ ކާމިޔާބުކުރީ 4-0 ކުންނެވެ.

މުޅި މެޗް ޑޮމިނޭޓްކުރި ސިޓީ ވަނީ ފުރަތަމަ ހާފުގަ ދެ ގޯލް އަދި ދެވަނަ ހާފުގަ ދެ ގޯލް ޖަހާފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ގޯލް ޖެހީ މި ސީޒަނުގައި މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑި ބްރޫނޭއެވެ. ޑި ބްރޫނޭ ދިން ބޯޅައަކުން އެޓީމުގެ ދެވަނަ ގޯލް ޖަހައިދިނީ އަގުއޭރޯއެވެ.

އިފެކްޓިވް ކުޅުމެއް ކުޅުނު ސިޓީގެ ލީޑް ތިން ގޯލަށް ފުޅާ ކޮށްދިނީވެސް އަގުއޭރޯއެވެ. ސިޓީގެ ހަތަރު ވަނަ ގޯލް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެންއެރި ބެނާޑޯ ސިލްވާއެވެ.

މި މެޗުގައި ބްރައިޓަންވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފައިވެއެވެ. ނަމަވެސް ސިޓީގެ ޑިފެންޑަރުން އަދި ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއު ކޮށްފައެވެ.

މި މެޗުގައި ސިޓީ ކާމިޔާބުކުރި ހަތަރު ގޯލާއެކު މިހާތަނަށް އެޓީމް ލީގުގައި ކުޅުނު ހަތަރު މެޗުގައި ޖެހި ގޯލުގެ އަދަދު ވަނީ ސާދަ އަށް އަރާފައެވެ.

މުޅި މެޗުގައިވެސް ސިޓީއަށް ދިމާވި ހަމައެކަނި ނުތަނަވަސް ކަމަކީ ޑިފެންޑަރ ލަޕޯޓޭއަށް އަނިޔާވެ ސްޓްރެޗަރުގައި ދަނޑުމަތިން ބާލުވަން ޖެހުމެވެ.

ލީގުގައި ޝެފީލްޑް ޔުނައިޓެޑައި ދެކޮޅަށް ޗެލްސީ ކުޅުނު މެޗް ނިމުނީ 2-2 ކުން އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ޗެލްސީ ނެގިއިރު ގިނަ ބަޔަކަށް އުންމީދު ކުރެވުނީ ދެވަނަ ހާފުގައި ޗެލްސީއިން އިތުރު ގޯލުތަކެއް ޖަހާ ފަސޭހަކަމާއެކު މެޗް ކާމިޔާބު ކުރާނެ ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް ޝެފީލް ވަނީ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ގޯލެއް ޖަހާ އުންމީދު އާކޮށްފައެވެ.

ޗެލްސީއިން ތިން ޕޮއިންޓަށް ކުރި އުންމީދުތަށް ގެއްލިގެން ދިޔައީ 89 ވަނަ މިނެޓުގައި ޝެފީލްޑް އުފެއްދި ހަމަލާއެއްގައި ޗެލްސީގެ ޑިފެންޑަރ ޒޫމާ އަތުން ބައިކޮޅަށް ވައިން ގޯލާއެކުއެވެ. 

މެޗުގައި ޗެލްސީގެ ފަރާތުން ފެނުނު ދެ ގޯލުވެސް ޖަހައިދިނީ އިނގިރޭސި ޒުވާން ފޯވަޑް އެބްރަހަމްއެވެ.

Advertisement

ކޮމެންޓް