ރެއާލް މެޑްރިޑް ކުޅުނު މެޗް އަނެއްކާވެސް އެއްވަރުވެއްޖެ

02 Sep 2019 | 07:55

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް އަދި ވިލަރެއާލް ބައްދަލުކުރި މެޗް 2-2 ކުން އެއްވަރު ވެއްޖެއެވެ.

ވިލަރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖަހާ ކުރި ހޯދީވެސް އެޓީމުންނެވެ. 12 ވަނަ މިނެޓުގައި ވިލަރެއާލް ލީޑް ނެގިއިރު ރެއާލްއަށް ނަތީޖާ އެއްވަރު ކުރެވުނީ ފުރަތަމަ ހާފުގެ އިތުރު ގަޑިގައި ބޭލް ޖަހައިދިން ގޯލުންނެވެ.

ދެންވެސް މެޗުގައި ކުރި ހޯދީ ވިލަރެއާލްއެވެ. ގޯލެއް ޖެހުމަށް ރެއާލް ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ ދެއްކި އިތުރު ގަޑީގައެވެ. ރެއާލްގެ ދެވަނަ ގޯލުވެސް އެޓީމަށް ޖަހަދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބު ކޮށްދިން ބޭލްއެވެ.

ވިލަރެއާލްގެ ފަރާތުން މެޗުގައި ފެނުނު ގޯލުތައް އެޓީމަށް ޖަހައިދިނީ މޮރޭނޯ އަދި ގޯމޭޒްއެވެ.

ބޭލްއަށް ވަނީ މި މެޗުގައި ރަތް ކާޑު ދައްކަ ދަނޑުވެސް ފޮނުވާލާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުންނެވެ. މިއާއެކު އޭނާ ވެފައިވަނީ ކްރިސްޓީއާނޯ ރޮނާލްޑޯއަށް ފަހު ސްޕެނިޝް ލީގް މެޗެއްގައި ދެ ގޯލު ޖެހުމަށްފަހު ރަތް ކާޑަކާއެކު ދަނޑުން ފޮނުވާލި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މިދިޔަ ހަފްތާގައި ރެއާލް ކުޅުނު މެޗުވެސް ނިމުނީ އެއްވަރު ވެގެންނެވެ. ހީކުރިވަރަށް ވުރެ ދަށް ނަތީޖާތަކެއް މި ސީޒަނުގައި ނެރެމުން އަންނަ ރެއާލް މި ނަތީޖާއާއެކު އޮތީ ފަސް ޕޮއިންޓާއެކު ފަސް ވަނައިގައެވެ. ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައިގަ އޮތީ އެޓްލެޓިކޯ މެޑްރިޑެވެ.

Advertisement

ކޮމެންޓް