ދިވެހިންގެ ދީނީ ވަހުދަތު ގެއްލޭފަދަ އެއްވެސްކަމެއް ނުކުރާތި: ފުލުުހުން

06 Oct 2019 | 00:44

ދިވެހިންގެ ދީނީ ވަހުދަތު ގެއްލޭފަދަ އެއްވެސްކަމެއް ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓްގެ މައްސަަލަ 03އޮކްޓޯބަރުގައި އާންމު ފަރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނައި ކަމަށެވެ. އަދި އެރިޕޯޓާއި ގުޅޭގޮތުން ތަހުގީގެއް ހިންގުމަށް ނިންމައި ކަމާއިގުޅޭ މައުލޫމާތު ސާފުކުރަމުންދަނިކޮށް، ހަމަ އެދުވަހު އެ ރިޕޯޓްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ހުށައެޅިކަމަށް ވަނީ ބުނެފައެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ކުރާ އިސްލާމްދީނާއި އިދިކޮޅު އަމަލުތަކަކީ ފުލުހުން ސީރިއަަސް މައްސަލަތަކެއްގެ ގޮތުގައި ވަރަށްބޮޑު އަހައްމިއްޔަތުކަމެއްދީ، ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއް ކަމަށެވެ.

އެހެންކަމުން މި މައްސަލައާއި ގުޅިގެންވެސް ފުރިހަމަ ތަހުގީގެއް ހިންގައި ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ތަހުގީގުކުރުމަށް ފެެށުމަށްފަހުވެސް އެމްޑީއެންއާއި ގުޅޭ މިފަދަ ޝަކުވާތަކެއް ހުށައެޅި ބެލެމުންދާާކަން ކަމާއިބެހޭ އިދާރާތަކަށް ހިއްސާކޮށްފައިވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ފުލުހުން ވަނީ ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުމާއި ނަފްރަތު އުފެދޭފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށާއި ދިވެހި ރައްޔިތުންގެ ދީނީ އަދި ޤައުމީ ވަހުދަތާއި އެއްބައިވަންތަކަމާއި، ނިޒާމު އާންމު ގެއްލޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް އެދިފައެވެ.

މި ބަޔާން ނިންމާލަމުން ފުލުހުން ވަނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެކަމުގައި އެއްވެސް ފަސްޖެހުމެއް ނެތި އަޅަމުންގެންދާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް