އަބުރުގެ ގާނޫނު އުވާލެއްވުމަށް އަބްދުﷲ ޝާހިދު ހުށަހަޅުއްވައިފި

27 Oct 2018 | 13:40

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ރައްޔިތުން މަޖިލީހަށް އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު އުވާލުމަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ޝާހިދު އަބުރުގެ ގާނޫނު އުވާލުމަށް ހުށަހެޅުއްވުމަށް މަޖިލީހަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި ޝާހިދު ވިދާޅުވީ، މިގާނޫނުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭކަމަށެވެ.

އަދި ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ބައެއް ހައްގުތަކާއި މިނިވަންކަން ނިގުޅައިގެންފައިވާތީ ނުވަތަ ތައާރަޒްތަކެއް ހުރުމުންކަމަށެވެ.

"އަބުުރު ރައްކާތެރިކުރުމާއި ހިޔާޅު ފާޅުކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ގާނޫނީ ގޮތުން ފުށުއަރައި ކަންތައްތަކާއި މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާތީއާ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ އަސާސީތަކާއި ދިވެހި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާއި މިނިވަންކަން ލިބިދޭ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ބަޔާންކޮށް ބައިނަލް އަގްވާމީ ގާނޫނީ ހަމަތަކާއި އުސޫލުތަކާއި ތައާރަޒްވާތީއާ އަބުރު ރައްކާތެރިކުރުމާއި ހިޔާލް ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ ގާނޫނު އަސާސީގެ 20، 26، 27، 28، 37، 43، 56 އަދި 61 އެއްވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގުތަކާއި މިނިވަންކަމަށް އުނިކަން ލިބޭގޮތަށް ކަންކަން ބަޔާންކޮށްފައިވާތީ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު ބާތިލް ކުރުމަށް، އުވާލުމަށް މި ހުށަޅަނީ،" ޝާހިދު ވިދާޅުވި އެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ މިގާނޫނު ބާތިލް ކުރަން ހުށައެޅުއްވީ ނޫސްވެރިނަށް މިނިވަންކަން ހޯދައިދެއްވުމަށް ކަމަށް ވިދާޅުވިއެވެ.

"މިއަދު މަޖިލީހަށް ހުށަހަޅަނީ ރައްޔިތުންގެ ތެރެއިން ހިޔާލު ފާޅުކުރުމުގެ މަސައްކަތުގައި މަސައްކަތް ކުރައްވަމުން ގެންދެވި އެތައް ބޭފުޅުންނަކަށް ލިބެމުންދިޔަ އަނިޔާތަކާއި ތުއްދުރާތަކާއި އެބޭފުޅުންގެ ނިއުޅާގަނެފައިވާ ހައްގުތައް ހަނދާން ކުރަމުން، މިއަދު ބިލް ހުށަހަޅަނީ މަރާލެވިފައިވާ، ޝަހީދުކޮށްލެވިފައިވާ، އަހުމަދު ރިލްވާނާއި ޔާމިން ރަޝީދުގެ މަތިން ހަނދާން ކުރަމުން، މިއަދު ބިލް މި ހުށަހަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް ރާއްޖޭގެ ރިޕޯޓަރުންނާއި ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތްކުރާ މުއައްޒަފުންނަށް މިދިޔަ ދުވަސްތަކުގައި ލިބެމުންދިޔަ އަނިޔާތަކާއި ދުއްތުރާތަކާއި ތިޔަބޭފުޅުން ތަހައްމަލް ކުރަމުންދިޔަ ހިތްދަތިކަން ހަނދާން ކުރަމުން، ބިލް ހުށަހަޅަނީ، ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ އެޅުވިފައިވާ ހިލިހިލާތައް

ބުރިބުރި ކޮށްލުމުގެ ބޭނުމުގައި،" ޝާހިދު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަބުރު ގާނޫނާއި އެންޓި ޑިފެކްޝަން ގާނޫނު ފުރަތަމަ 100 ދުވަހުގެ ތެރޭގައި އުވާލުމަށް ވައުދު ވަޑައިގެންފައެވެ. އަދި ވިލުފުށީ ދާއިރާ މެންބަރ ރިޔާޒް ރަޝީދު ވަނީ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މަޖްލީހަސް ހުށައަޅުއްވާފައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement