އެމްޑީއެން އުވާލުމާއި ދެކޮޅު މޭރުމަކުން އެމްޑީީޕީން ވާހަކަދައްކައިފި

12 Oct 2019 | 22:17

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް އުވާލުމާއި ދެކޮޅު މޭރުމަކުން އެމްޑީޕީން ވާހަކަދައްކައިފިއެވެ.

އެޕާޓީން މިފަދަ މޭރުމަކުން ވާހަކަ ދައްކާފައިވަނީ މިއަދު ހަވީރު ނެރުނު ބަޔާނެއްގައެވެ.

އެމްޑީޕީން ބުނީ އެޕާޓީން ގަބޫލުކުރާ އެންމެ މުހިއްމު އެއް އުޞޫލަކީ، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދިނުންކަމަށެވެ.

އަދި ހަމަ ކޮންމެ މީހަކާމެދުވެސް ޤާނޫނުގައިވާ ގޮތުގެ މަތީން ޢަމަލު ކުރެވުމާއި ޤާނޫނުގެ ބޭރުން އަދި ކަންކަން ހިންގުމަށް ކަނޑައަޅާފައިވާ އިޖުރާޢާތުތަކުގެ ބޭރުން ކަންކަން ކުރުމުގެ ފުރުޞަތު ހަމަ އެއްވެސް ފަރާތަކަށް ނުދިނުންކަމަށް ވަނީ ބުނެފައެވެ.

"މިޕާޓީ ޤަބޫލުކުރަނީ ޤާނޫނާ ޚިލާފަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާ މެދުވެސް، އަދި އަނިޔާވެރިކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި، ރައްޔިތުންނަށް ބިރުދައްކަމުންދާ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅަންޖެހޭކަމަށެވެ. ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދައްކާ ވާހަކަ ދެއްކުމަކީ އެއްވެސް މުޖްތަމަޢެއްގައި ހުއްދަ ކަމެއް ނޫނެވެ. އެފަދަ ކަންކަމުން ޤައުމަށް ލިބޭނޭ ހަމަޖެހުމެއް އަދި ދީނަށް ލިބޭނޭ ކުރިއެރުމެއްވެސް ނޯންނާނެއެވެ. އެފަދަ ވާހަކަތައް ދެއްކުމަކީ، ޤައުމުގައި ބައިބައިވުން އިތުރުވެ، ރާއްޖޭގެ އާންމު މަސްލަހަތަށާއި އަމަން އާންމަށް ނުހަނު ގެއްލުން ވެގެންދާ ކަމެވެ. ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ޤައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ ކަމީ މިޕާޓީ ހިތާމަ ކުރާ ކަމެކެވެ" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ އެޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއްކަމަށާއި އެޕާޓީއަކީ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއިދު ކުރާނެ ޕާޓީއެއްނޫންކަމަށެވެ.

Advertisement

ކޮމެންޓް