އެމްޑީއެންގެ ރިޕޯޓަށް ޑރ.ޝަހީމް ބަސްދީގަތުމެއް ދެއްވާފައިވޭ!

15 Oct 2019 | 16:39

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން 2015ވަނަ އަހަރު ތައްޔާރުކޮށްފައިވާ "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"އަށް އޭރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ބަސްދީގަތުމެއް ދެއްވާފައިވާކަން ހާމަވެއްޖެއެވެ.

މިކަން ވަނީ އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް ކުރި ޓްވީޓެއްގައިވެސް ފާހަގަކޮށްފައެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދިޔަ މި ރިޕޯޓުގެ ކޮޕީއެއް ވޮއިސްއަށް ލިބިފައިވާއިރު، އެ ރިޕޯޓުގައި ވަނީ ނުވަ ސުވާލުގެ މައްްޗަށް ބިނާކޮށް އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާއި އެކު އިންޓަރވިއުއެއް ބާއްވާފައެވެ. މި އިންޓަރވިއުކޮށްފައިވަނީ ޝަހިންދާ އިސްމާއިލް، މުޝްފިގު މުހައްމަދު އަދި ލީވާން ޝަރީފްކަމަށް ވަނީ ލިޔެފައެވެ.

އެގޮތުން އެފަރާތްތަކުން ޑރ.ޝަހީމާއި ސުވާލުކޮށްފައިވަނީ މިިނިސްޓްރީގެ މަސައްކަތްތަކާއި، ޖިހާދުގެ ނަމުގައި ސީރިޔާއަށް ޒުވާނުންދާ މައްސަލައާއި، އިސްލާމް ޓެކްސްޓް ފޮތްތަކާއި، ޑީ-ރެޑިކަލައިޒޭޝަން ޕްރޮގްރާމާއި އަދި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާއި ބެހޭގޮތުންނެވެ.

މި ރިޕޯޓުގެ މައްސަލަ ނަންގަވައި، ޑރ.ޝަހީމް ވަނީ ދާދިފަހުން ޓްވީޓްކުރައްވާފައެވެ. އެބޭފުޅާ ވިދާޅުވީ އިސްލާމްދީނާއި މާތް ރަސޫލާގެ ޤަދަރަށް އުނިކަން އަންނަ ގޮތަށް އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލައިގައި ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން އެ ޖަމާޢަތާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ތަކުރާރުކޮށް ގޮވާލާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް އިލްޔާސް ޖަމާލް ވިދާޅުވީ އިސްލާމީ ޖަމްއިއްޔާއަކުން މި ރިޕޯޓުގެ މައްސަލަ 2016ވަނަ އަހަރުގެ ތެރޭގައި އޭރުގެ އިސްލާމިކް މިނިސްޓްރީއަށް ހުށައެޅިގެން އެނގިފައިވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މި ރިޕޯޓް ހެދުމަށް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ސްކޫލްތަކަށް ސުވާލުކަރުދާހެއް ހުށައަޅައިފައި ވާނެކަމަށް ވަނީ އެމްޑީއެންގެ ރިޕޯޓުގައި ބުނެފައެވެ. މި ސުވާލު ކަރުދާހުގެ ޖަވާބު ހޯދާފައިވަނީ ސްކޫލްތަކުގެ ޕްރިންސިޕަލް ނުވަތަ ޑެޕިއުޓީ ޕްރިންސިޕަލް އަދި އިސްލާމް ޓީޗަރެއްގެ ކިބައިންކަމަށް ވަނީ ބުނެފައެވެ. ރިޕޯޓުގައިވާ ގޮތުގައި މި ސުވާލުކަރުދާސް މާލޭގެ ސްކޫލްތަކާއި އަތޮޅު ތެރޭގެ ސްކޫލްތަކަށް ވަނީ ހުށައެޅިފައެވެ.

Advertisement

ކޮމެންޓް