ލާމަރުކަޒީ ނިޒާމަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީއަށް ކައުންސިލްތައް ނުލިބުން: އަސްލަމް

04 Nov 2019 | 08:21

ރާއްޖޭގެ ރަށްތައް ލާމަރުކަޒީގެ ނިޒާމުގެ ތެރެއަށް އަލުން އަނބުރާ ގެނައުމަށްޓަކައި އެނިޒާމަށް ގެންނަށް ބަދަލަކީ މުޅި ރާއްޖެއަށް ގެނެވޭނެ ބޮޑު ބަދަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީގެ ނައިބް ރައީސް ކަމަށް ވާދަކުރައްވަން ނިންމަވާ އަސްލަމްއަށް ތާއީދު ހޯދުމަށް ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ލާމަރުކަޒީކޮށް މިރާއްޖެ ހިންގުމަކީ އެމްޑީޕީގެ އެންމެ ބޮޑު އެއް ވައުދު ކަމަށާއި އަދި އެމްޑީޕީގެ އެންމެ ބޮޑު އެއް މަޝްރޫއުވެސް ކަމަށެވެ.

އެގޮތުން އަސްލަމް ފާހަގަކުރެއްވި އެންމެ މުހިއްމު ކަމަކީ ސަރުކާރަށްވެސް، އެމްޑީޕީއަށްވެސް ލާމަރުކަޒީ ނިޒާމަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީއަށް ކައުންސިލްތައް ނުލިބި ދިއުން ކަމަށެވެ.

އެހެންކަމުން މިނިޒާމަށް ބަދަލުތަކެއް އަންނައިރު އެންމެ މުހިއްމު ކަމަކީ ކައުންސިލްތަކަށް ބާރުތަކެއް ލިބިގެން ދިއުން ކަމަށްވާއިރު، ދަތިތަކުން އަރައިގަންނައިރު ކައުންސިލްތައް ދޫކޮށްނުލުމަށް އަސްލަމް އެދިވަޑައިގެންނެވިއެވެ.

އަދި ދެނުކުގެ އަތޮޅުތަކަށް ކުރި ދަތުރުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ މައިގަނޑު ގޮތެއްގައި ރައްޔިތުންގެ ހުރީ އެއް ޝަކުވާތަކެއް ކަމަށާއި، އެގޮތުން ވަޒީފާ ހޯދުމުގެ ދަތިކަމާއި، މަޝްރޫއުތައް މަޑު ޖެހިފައި އޮތުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ތަނަވަސްކަން ކުޑަވެފައިވާ ކަމަށް ރައްޔިތުންނަށް މިއަދު ކުރެވޭ އިޙްސާސްތަކަށް ވަރަށް އަވަހަށް ނިމުމެއް ގެނެވޭނެ ކަމަށްވެސް އަސްލަމް ވިދާޅުވެފައެވެ.

އެގޮތުން ސަރުކާރުގެ ތަރައްޤީގެ އެކްޝަން ޕްލޭން މިހާރު ނިމި، ވަކި ވަކި މަޝްރޫއުތައް އެކުލަވާލެވި 2020 ވަނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވާއިރު، ބަޖެޓަށް ބަހުސް ކުރަން ފެށުމާއި އެކު މަޝްރޫއުތަކުގެ ތަފްސީލްތައް ރައްޔިތުންނަށް އެނގިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ވަރަށް ގިނަ މަޝްރޫއުތަކެއް އައްޑޫ ސިޓީއަށްވެސް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ކުރި ކެމްޕެއިން ދަތުރުތަކުގައި އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މެމްބަރު އަސްލަމްގެ އިތުރުން އެމްޑީޕީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

Advertisement

ކޮމެންޓް