ރަނިލް އުޅުއްވީ އެކަހެރިކޮށް، ގަދަބާރުން ކަންކަން ކުރަން: ސިރިސޭނާ

29 Oct 2018 | 12:04

 ކޮޅުބުން މުހައްމަދު މުއައްލިމް އިބްރާހީމް

ސްރީލަންކާާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި މިދިޔަ ހުކުރު ދުވަހާއި ހަމައަށް ހުންނެވި ޔޫއެންޕީގެ ލީޑަރ ރަނިލް ވިކްރަމަސިންހަ އުޅުއްވީ އެކަހެރިކޮށް ގަދަބާރުން ކަންކަން ކުރައްވަންކަމަށް، އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

މިއަދު އިރުއޮއްސުނު ވަގުތު ގައުމާއި މުޚާތަބު ކުރަމުން ރައީސް ސިރިސޭނާ ވިދާޅުވީ ރަނިލް ވިކްރަމަސިންހަ އުޅުއްވީ އެކަހެރިވެ، ގަދަބާރުން ކަންކަން ކުރައްވަން ކަމަށާއި އޭގެ ސަބަބުން އެމަނިކުފާނާއި ރަނިލްއާއި ދެމެދު ބައިވަރު މައްސަލަތައް ޖެހިވަޑައިގެންނެވިކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތައް ނިންމުމުގައިވެސް ފާއިތުވެދިޔަ ތިންއަހަރާއި ބައިގެ ތެރޭގައި ބޮޑެތި މައްސަލަތައް ޖެހުނު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑާއި ރަނިލްގެ މަސައްކަތް ކުރުމުގެ ސަގާފަތުގައި ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި"، ލަންކާގެ މީޑިޔާތަކުން ވަގުތުން ދުރަށް ދެއްކި ޚިތާބުގައި ސިރިސޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ރޭވި ހާދިސާގައި ކެބިނެޓުގެ ވަޒީރެއްގެ އަތެއްވާކަމަށް ވިދާޅުވެފައެވެ. މި ހާދިސާއާއި ގުޅިގެން މީގެކުރިން ވަނީ ފުލުސް އޮފިސަރެއް ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

"މިފަދަ ސިޔާސީގޮތުންނާއި އިގްތިސާދީ ގޮތުން ނާޒުކު ފައްތަރެއްގައި ގައުމު އޮވެ، އަޅުގަނޑު މަރާލަން ރޭވި ހާދިސާ ހިނގުމުން އެންމެ ރަނގަޅު ގޮތަކަށް ފެނުނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ސަރުކާރެއް އުފެއްދުމުގެ ދައުވަތުދީ ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމަށް އެމަނިކުފާނު އައްޔަން ކުރުން"، ސިރިސޭނާ ވިދާޅުވިއެވެ.

ރައީސް ސިރިސޭނާ މި ޚިތާބުގައި ވަނީ މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަން ކުރުމަކީ ލަންކާގެ ގާނޫނު ތަކާއި އެއްގޮތަށް ހިނގައިދިޔަ ކަމެއް ކަމުގައި ވިދާޅުވެ، އެކަމަށް ގާނޫނީ މާހިރުންގެ ލަފާވެސް ހޯއްދަވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް