ޖަމީލާއި އުމަރުގެ ކިބައިން ޕީޕީއެމް ސަލާމަތްކުރަންޖެހޭ: ހަލީމް
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދުޖަމީލު އަހުމަދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކިބައިން ޕީޕީއެމް ސަލާމަތްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މާލީ ސެކިއުރިޓީއާއި ބެހޭ ބިލަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކައިގައި ވިދާޅުވީ، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލަސްލުމުން އެޕާޓީގެތެރެއަށް ޑރ. ޖަމީލާއި އުމަރު އަތްގަދަކުރަން މަސައްކަތް ކުރައްވާ ކަމަށެވެ.
"ޖަމީލާއި އުމަރު ނަސީރު ޕީޕީއެމް ދަމައިގަންނަން އެ ކުރާ މަސައްކަތް އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އެކަމަށް އަޅުގަނޑު ތިޔަ ބޭފުޅުންނާއެކު އިހުތިޖާޖު ކުރާނަން.'' ހަލީމު ވިދާޅުވިއެވެ.
ހަލީމު ވިދާޅުވީ ޕީޕީއެމްގައި ތިއްބަވަން ޖެހޭނީ އެ ޕާޓީގައި މިހާރު ވެސް މަސައްކަތް ކުރާ މެންބަރުން ކަމަށެވެ. އެގޮތުން އެ ޕާޓީގެ ލީޑަރަކަށް ވުމަށް އެންމެ ރަނގަޅު ބޭފުޅަކީ މެންބަރު ޝިޔާމު ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ހަލީމު ވިދާޅުވި އެވެ. ހަލީމް އެހެން ވިދާޅުވުން އެމްޑީޕީގެ މެންބަރުން އަތް ޖަހައި އެކަމަށް ތާއީދު ކުރެއްވިއެވެ.
ޕީޕީއެމްގެ ލީޑާޝިޕަށް އުމަރު އައުމާއި ގުޅޭގޮތުން ހަލީމު ވާހަކަ ދެއްކެވިއިރު، އުމަރު އިއްޔެ ''ވޮއިސް''އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ރައީސް ޔާމީންގެ ނުރުހުމުގައި ޕީޕީއެމްއަށް އަތްގަދަ ނުކުރާނެ ކަމަށެވެ. ނަމަވެސް އަބަދުވެސް ޕީޕީއެމްއަށް ވާނުވާ ބައްލަވާ ކަމަށް ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists