ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޣަނީ ވަކިކުރަން ފާސްކޮށްފި

04 Dec 2019 | 16:02

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަބްދުލްޣަނީ މުހައްމަދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ފަނޑިޔާރު ޣަނީ ވަކި ކުރަން ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވިއިރު، ވަކިކުރަން ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓުދެއްވިއެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

ފަނޑިޔާރު ކަމުން ޣަނީ ވަކިކުރަން ނިންމީ، ސުޕްރީމް ކޯޓުގައި ގާނޫނާ ހިލާފަށް ނިންމި މައްސަލަތަކާ ގުޅިގެން އެކޮމިޝަނުން ބަލަމުންދިޔަ ސުލޫކީ މައްސަލަތަކާ ގުޅިގެންނެވެ. ޖޭއެސްސީ ން މީގެ ކުރިން ހާމަކުރި ގޮތުގައި އޭނާގެ ތިން މައްސަލައެއް އެ ކޮމިޝަނުން ބެލިއެވެ.

އަދި ފަނޑިޔާރު ޣަނީގެ އިތުރު މައްސަލައެއް އޭސީސީންވެސް ދަނީ ބަލަމުންނެވެ. އެއީ ފަނޑިޔާރު ޣަނީ ހައިކޯޓުގައި ހުންނަވައި ސުޕްރީމް ކޯޓަށް ބަދަލުކުރެއްވި އިރު، އެހެން ފަނޑިޔާރަކާއި ހަވާލުކުރެއްވި ފައިލުގައި ނުބަލައި މައްސަލައެއް އޮތްކަމަށް ބުނާ މައްސަލައެކެވެ.

ފަނޑިޔާރު ޣަނީގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށްފަހު ޖޭއެސްސީން އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެމައްސަލަ ޖުޑިޝަރީ ކޮމެޓީން ދިރާސާކޮށްފައިވަނީ އިއްޔެއެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވަނީ ފަނޑިޔާރުންގެ ގާނޫނުގައި ހުރި އެކިއެކި މާއްދާތަކާ ޣަނީ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމް ކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ޣަނީ ކުރައްވާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. މިއީ ގާނޫނުއަސާސީގައި ބަޔާންކުރާ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ އަމަލުތަކެއް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ފަނޑިޔާރު ޣަނީ މިއަދު ވަކިކުރުމުން، މިސަރުކާރު ވެރިކަމަށް އައިއިރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުން މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދާއި އަދި ފަނޑިޔާރު އަބްދުﷲ އަރީފް މިހާރު މިވަނީ މަގާމުން ވަކިކޮށްފައެވެ. ފަނޑިޔާރު އަރީފުގެ މައްސަލަތަކެއް ހުށަހެޅުމުން ދާދި ފަހުން އޭނާ ވަނީ ރިޓަޔަ ކުރައްވައިފަ އެވެ.

ޣަނީ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ. ރ. އަލިފުއްޓަށް އުފަން ފަނޑިޔާރު އަބްދުލްޣަނީ 2000 ވަނަ އަހަރު ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ ޝަރީއާ އެންޑް ލޯގެ ދާއިރާއިން މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީންނެވެ.

ފަނޑިޔާރުގެ އިސްލާހު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އޭގެ އިތުރުން ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައްވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އިއްޔެ ވަނީ ރ.މާކުރަތު ކޯޓުގެ މެޖިސްޓްރޭޓު ވަކިކުރަން މަޖިލީހުން ނިންމައި ޖުޑިޝަރީ ކޮމެޓީއަށް ދިރާސާ ކުރަން ފޮނުވުމާއެކު، އޭނާ އިސްތިއުފާދެއްވައިފައެވެ.

Advertisement

ކޮމެންޓް