އަތުގައި ޕާސްޕޯޓް ނެތުމުން ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ހަ ދިވެއްސަކު ގެންގޮސްފި

05 Jan 2020 | 23:56

އަތުގައި ޕާސްޕޯޓް ނެތްކަމަށް ބުނެ ސްރީލަންކާގެ ކޮހުވަލަ ސަރަހައްދުން ހަ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަން ފޮރިން މިނިސްޓްރީގެ ފަރާތުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންދެވުނު 6 ދިވެއްސަކަށް ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ގެންދަނީ ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އަދި އެމްބަސީގެ ކޮންސިއުލަރ ސްޓާފުން މިވަގުތު ޕޮލިސް ސްޓޭޝަންގައި ހަރަކާތްތެރިވަމުންދާކަމަށް މިއުވާން ވަނީ ވިދާޅުވެފައެެވެ.

އެނގިފައިވާ ގޮތުގައި މި ފަރާތްތަކުން މިވަގުތު ތިބީ ކޮހުވަލަ ޕޮލިސް ސްޓޭޝަންގައެވެ. މީގެ ތެެރެއިން ހަތަރު ފަރާތެއް ދޫކޮށްލާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެއީ ތިން ކުޑަކުއްޖަކާއި އެކުދިންގެ މަންމައެވެ.

ކޮހުވަލަ ސަރަހައްދުގައި ހުންނަ މަރިޔާދު ކޮފީ ވިލާ ނަމަކަށްކިޔާ ދިވެހި ކެފޭއަކަށް ވަދެ އަތުގައި ޕާސްޕޯޓް ނެތް ބައެއް ފަރާތްތައް ގެންދިޔަކަމަށް މީސް މީޑިޔާގައި ވަނީ މައުލޫމާތު ފެތުރިފައެވެ. ކޮހުވަލަ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދެއްގައި ލަންކާގެ ފުލުހުންގެ މިފަދަ ހަރަކާތްތަކެއް ހިންގަމުންދާކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.

އޮންލައިން ނޫސް ސީއެންއެމްގައި ބުނެފައިވާ ގޮތުގައި މީގެ ތެރެއިން އެކަކުގެ ވިސާގެ މުއްދަތު ހަމަވެފައިވައިވާާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

މިކަމާއި ގުޅިގެން ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވަނީ ބޭރަށް ނުކުންނަ ވަގުތުތަކުގައި ޕާސްޕޯޓް ގެންގުޅުމަށް އިރުޝާދުދީފައެވެ. އަދި ލަންކާގެ އިދާރާއަކަށް ޕާސްޕޯޓް ހަވާލުކޮށްފައިވާނަމަ، އެކަމުގެ ރަސީދެއް އަތުގައި ބޭއްވުމަށްވެސް ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް