އަޅުވެތިވުމާއި ލޯބި ދެއްކުމުގައި އިސްކުރެވެނީ ކޮންމަގެއް!!

04 Nov 2018 | 09:01

ނޮވެމްބަރ އެއްވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެވަޑައިގެންނެވި ދުވަހަކީ މާލެއަށް ވަރަށް ފުރިހަމަ އީދެއްގެ މަންޒަރު ފެނިގެންދިޔަ ދުވަހެކެވެ. އެދުވަހު ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެއްކުރެވުނު ކަނޑުމަތީގެ ގާފިލާގެ ހަރަކާތްތަކަކީވެސް ފާހަގަކޮށްލެވޭނެ ހަރަކާތްތަކެވެ. މީހުން އެމީހުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ބޮޑެތި އުޅނަދުފަހަރުތައް ކުއްޔަށްހިފައި ރަންރީނދޫ ދިދަތަކުން ގަތާލާފައިވާ މަންޒަރަކީ ބަލައި ފޫހިނުވާނެފަދަ މަންޒަރުތަކެކެވެ.

އެއަށްފަހު މަރްހަބާގެ އަސްލު މަހެފިލްކަމުގައިވާ އެމޑީޕީގެ މައިހަރުގެ ކުރިމަތީގައި އާޓިފިޝަލް ބީޗްގައި ތައްޔާރުކޮށްފައިވާ މަހެފިލް ޚާނާއާށްއަށް ވަޑައިގެންނެވުމަށް މާލޭގެ މަޖީދީމަގުން ހިންގަވާފައި ވަޑައިގެންނެވިއިރު މަގުމަތިން އޮއްސެމުންދިޔަ ރަންދީދޫ ކަރުދާސްމާތައް ހީވަނީ ބަޑިބޭހުގެ މަންޒަރުތަކެއްގެތެރޭގައި އުޅެވޭހެންނެވެ. ވިދާކަރުދާހުގެ މާތަކަށް އިރުގެ އަލި އެޅިގެންދާއިރު އެފެންނަ ރީތިކަމެކެވެ. ހިތާއި ހިތުގެ ގުޅުމުން ގުޅިފައިވާ އެތައްހާސް ބަޔަކު ރައީސް މުހައްމަދު ނަޝީދުގެ ވަށައިގެން އެނބުރެމުންދިޔަ މަންޒަރު ފެނުމުން ހިތަށް ސިފަކުރެވޭނީ ތަވާފުކުރުމުގައި ފެނިގެންދާފަދަ މަންޒަރުތަކެއްހެންނެވެ.

ކޮންމެއަކަސް ހިތުގެ ގުޅުމުގެ މަހެފިލް ކަމުގައިވާ ހެދިގޮނޑުދޮށުގެ މަހެފިލްގެ މައިމަރުކަޒަށް އެންމެން އެއްވެ އުފާ ފާޅުކުރަމުންދިޔަގޮތެވެ. ރައީސް ނަޝީދުގެ ކޮންމެ ވާހަކަފުޅަކަށް އެއްވެފައިވާ ހުރިހައި އެންމެން އެއް އަޑަކުން އެދޭޖަވާބުން މުޅި ހިސާބުގަނޑުގެ ޖައްވު ގުގުމައިގެންދެއެވެ.

ރެއަލް މެޑްރިޑްގެ ދަނޑުގައި އެޓީމާއި ވާދަވެރި ޓީމެއް ކުޅޭ މެޗެއް ބަލާލަން ޓިކެޓްނަގައިގެން ސެންޓިއާގޯ ބަރނެބިއާއަށް ނުވަތަ މެންޗެސްޓަރޔުނައިޓެޑް ފުޓްބޯޅަ މެޗެއް ބަލާލަން އޯލްޑްޓްރެފޯރޑްއަށް ވަދެވިއްޖެނަމަ އެތަނުގައި ކުރެވޭނީ އެހެން ދުނިޔެއެއްގެ އިހްސާސެވެ. މީހުންގެ ހަމަހޭވެރިކަމެއް ނުހުންނާނެއެވެ. އެއީ އެއަށްވުރެ މާ އުފާވެރި އިހްސާސްތަކެކެވެ. ހަމައެފަދައިން ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ކިޔަން އެއްވި މީހުންނަށްވެސް އެއީ އެފަދަ އުފާވެރި ވަގުތެކެވެ.

އެމްޑީޕީގެ ޓްވީޓަރއާއި އެސްއެމްއެސްވިއުގަތަކުން ގިވާލުމާއެކު ލައްކަ ގިނަބަޔަކު އެއްވިއެވެ. ދެޖިންސުގެ ޒުވާނުންނާ މެދުއުމުރާއި މުސްކުޅިންނާ ކުޑަކުދިންނެވެ. އެއުފާވެރި މަހެފިލް ނިމި މީސްތަކުން އެކިފަރާތްފަރާތަށް ނުކުމެގަތްވަގުތަކީ މަޣްރިބް ނަމާދަށް ބަންގި ގޮވި ވަގުތެވެ.

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިނުކުތާއެވެ. މަރުހަބާދެންނެވުމަށް ނުކުތުމަށް ގޮވާލުމުން އެއަށް އިޖާބަދީ ހިނިތައް ހޮރުހޮރުތަކުން ނުކުންނަފަދައިން ނުކުމެ މީސްތަކުން އެއްވެތިބެ އުފާފާޅުކޮށްހެދިއެވެ. އެކަމަކު ﷲ ގެ ހަޟްރަތަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގަތުމަށް އަދި ނަސީބު ލިބިގަތުމަށްއައުމަށް މިސްކިތްތަކުގެ ތާޅަފިލިތަކުން ގޮވަންފެށުމުން އިޖާބަދިން މަންޒަރެއް ނުފެނުނެވެ.

އަޅުގަނޑަށް ހުރެވުނީ އިބްރާހީމީ މިސްކިތް ކައިރީގައެވެ. މީސްތަކުންނާގެން މަގުއޮތީ ތޮއްޖެހިފައެވެ. ބައިބޯކަމުން ޓްރެފިކްވެސް ޖޭމްވެފައެވެ. ބަންގި ނިމިގެން ގަމަތްވެސް ދިނެވެ. ހަމަދައުވަތު ދެވުނީ ތިމާ ހެއްދެވި ރައްބުގެ ދަރުބާރަށް ވަނުމުގެ ނަސީބު ލިގަތުމަށެވެ.

އެކަމަކު މީސްތަކުންގެ މޫނުތައް ހުރީ މިސްކިތާއި ދުރަށެވެ. އެއަޑު ނީވޭފަދައެވެ. މަދުމީހަކު އަވަސްއަވަހަށް އެމީސްތަކުންގެތެރެއިން ނުކުމެގެންއައިސް ވުޟޫއުކޮށްގެން މިސްކިތައްވަނެވެ. މިސްކިތާއިދިމާއިންމޫނު އަބުރައިލިމީހުން ގެއަށްގޮސް ނަމާދުނުކުރާނެކަމެއް ނޭގެއެވެ. އެކަމަކު ތިމާގެ ދުނިޔަވީ އުފާތަކުގެ ދަރުބާރާއި ގަދަކީރިތިވަންތަ ﷲގެ ދަރުބާރާ ދެކަމުން ކުރެ އިސްކުރެއްވުނީ ކޮންކަމެއްތޯއެވެ.

ހިތާހިތުގެ ގުޅުމުގެ ލޯތްބޭ ބުންޏަސް މިއިން ދައްކައިދެނީ އިންސާނާ އިންސާނަކަށްޓަކައި އަޅުވެތިވެފައިވާ މިންވަރެވެ. އެވާހަކަ ތެދަށް ބުނާމީހާއަށް ލައުނަތްދިނުން އެއީ މޮޅު މިޒަމާނުގެ ތަހްޒީބުކަމަކަށްވެދާނެއެވެ. 

Advertisement

ކޮމެންޓް