ބަފަޔަކު އޭނާގެ އަމިއްލަ ދަރިފުޅު ރޭޕް ކުރުމަކީ މުޅި އިންސާނީ ނަސްލު ފެއިލްވުން: މުފްތީ މެންކް

18 Jan 2020 | 09:20

ބަފަޔަކު، އޭނާގެ އަމިއްލަ ދަރިފުޅު ރޭޕްކުރުމަކީ މުޅި އިންސާނީ ނަސްލު ފެއިލްވުން ކަމަށް ޒިންބާބްވޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީމެންކް ވިދާޅުވެއްޖެއެވެ.

ރޭ އިސްލާމީ މަރުކަޒު ހޯލުގައި ބޭއްވި "ޔޫތް ޑިސްކަޝަން ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން މެންކް ވިދާޅުވީ، ބައްޕައަކު އޭނާގެ އަމިއްލަ ދަރިފުޅު ރޭޕް ކުރުމަކީ މުޅި އިންސާނީ ނަސްލު ފެއިލްވުން ކަމަށާއި މިކަމުގައި ވަކި ގައުމަކަށް، ގަބީލާއަކަށް، ނަސްލަކަށް ނުވަތަ ޕާޓީއަކަށް އިނގިލި ދިއްކުރަން ނުޖެހޭ ކަމަށެވެ.

މުފްތީ ވިދާޅުވީ، ދަރިންދެކެ ލޯބި ނުވާ، އަދި އެކުދިންނަށް އިހުތިރާމް ނުކުރާ މައިންބަފައިން ތިބޭކަމަށެވެ. ދަރިފުޅު ހިމާޔަތް ކުރުމުގެ ޒިންމާ އަދާ ކުރަންޖެހޭ ބައްޕައަކު މިފަދަ ކަމެއް ކުރުމަކީ ބޮޑު ލަދުވެތި ކަމެއް ކަމަށްވެސް މުފްތީ ވިދާޅުވިއެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި އެކުއްޖާގެ ބައްޕަ، ކާފަ، މުނި ކާފަވެސް ވަނީ ހައްޔަރުކޮށްފައެވެ. ކާފަ އާއި މުނި ކާފަގެ ބަންދަށް މިހާރުވަނީ 15 ދުވަސް ޖަހައިފައެވެ.

ތުއްތު ކުއްޖާ މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައެވެ. ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު، ކުއްޖާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

ކުޑަކުއްޖާ ރޭޕްކުރި މައްސަލައިގައި، ދައުލަތުގެ ކަމާ ބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް ޖެންޑާ ކޮމެޓީއަށް ހާޒިރުކުރަން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

މިބައްދަލުވުމުގައި ޖިންސީ ގޯނާއާ ގުޅިގެން ހުރިހާ މުއައްސަސާތަކަށް ހުށަހަޅާފައިވާ ހުރިހާ މައްސަލަ ތަކެއްގެ މައުލޫމާތު ތައް ހޯދައި، އެ މައްސަލަތަކާ ގުޅުން ހުރި ހުރިހާ މުއައްސަސާތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރަން އެ ކޮމިޓީން ރޭ ވަނީ ފާސްކޮށްފައެވެ.

Advertisement

ކޮމެންޓް