މޮބައިލް ލީގަލް އެއިޑް ކްލިނިކް މިފަހަރު ކުޅުދުއްފުށީގައި

22 Jan 2020 | 22:13

އާންމު ރައްޔިތުން ގާނޫނަށް ހޭލުންތެރިކުރުވުމަށާއި މުޖުތަމައުގައި ހަވާސާވެފައި ތިބޭ ފަރާތްތަކަށް ގާނޫނީ އެހީތެެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި މޮބައިލް ލީގަލް އެއިޑް ކްލިނިކެއް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24ވަނަ ދުވަހާއި 25ވަނަ ދުވަހުގައެވެ.

12ގާނޫނީ ވަކީލުންނާއި އެކު ކުރިއަށްދާ މި މޮބައިލް ލީގަލް އެއިޑް ކްލިނިކްގައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމްއާއި އަސާސީ ހައްގުތަކަށް ޢާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގާ ޕްރޮގްރާމަކާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ގެވެށި އަނިޔާއިން ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމާއި ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް ހިންގާ ޕްރޮގްރާމެއް ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން 25 ޖެނުއަރީގެ ހެނދުނު 10:00 އިން މެންދުރުފަހު 14:00އަށް އެ ސިޓީގެ ހޮނިހިރު ބާޒާރު ސަރަހައްދުގައި އާންމުންނަށް ގާނޫނީ ލަފާ ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ޤާނޫނީ ލަފާ ފޯރުކޮށްދޭނެ މައްސަލަތަކަކީ:

- ކޮންޓްރެކްޓާ ގުޅޭ މައްސަލަތައް؛

- ބިމާއި މުދަލާއި ގުޅޭ މައްސަލަތައް؛

- ވަޒީފާގެ މައްސަލަތައް؛

- ބެންކް ލޯނާ ގުޅޭ މައްސަލަތައް؛

- އިންސާނީ ހައްޤުތަކާއި އަސާސީ ހައްޤުތަކާ ގުޅޭ މައްސަލަތައް؛

- ގެވެށި އަނިޔާގެ މައްސަލަތައް- މަދަނީ ބައި، ކަމަށް ޕީއައިއެލްސީން މައުލޫމާތުދެއެވެ.

މި ޕްރޮގްރާާމް މީގެ ކުރިން އައްޑޫ ސިޓީ، ގދ.ތިނަދޫ، ބ.އޭދަފުށި އަދި ހއ.ހޯރަފުށީގައި ވަނީ ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފައެވެ.

Advertisement

ކޮމެންޓް