ރައީސް ޔާމީން ޖަލުގައި ހުންނެވި ހާލަތާއި ގުޅޭ ވާހަކަތައް ދޮގުކޮށްފި

26 Jan 2020 | 13:29

ކުރީގެ ރައީސް އަބްދުﷲ ޔާާމީން މާފުށި ޖަލުގައި ހުންނެވި ހާލަތާއި ގުޅޭގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަތައް ހޯމް މިނިސްޓްރީން ދޮގުކޮށްފިއެވެ.

ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ގައިދީންނަށް ކަށަވަރުކޮށްދޭން ޖެހޭ އަސާސީ އިންސާނީ ހައްގުތަކާއި، ފޯރުކޮށްދޭން ޖެހޭ އިނާޔަތްތައް ރައީސް ޔާމީނާއި މެދު ތަފާތު ކުރުމެއް ނެތި ފޯރުކޮށްދެމުންދާ ކަމަށެވެ.

އަދި މީޑިޔާ ފެތުރެމުންދާފަދަ އެއްވެސް ކަަމަކާއި ގުޅޭ ޝަކުވާއެއް އެމަނިކުފާނާއި، ވަކީލުންނާއި އާއިލާއިންވެސް ކޮށްފައިނުވާކަަމަށް ވަނީ ބަޔާނުގައި ބުނެފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 30ވަނަ ދުވަހު އިންސްޕެކްޓަރ އޮފް ކަރެކްޝަންސް ސާވިސް އާއި ރައީސް ޔާމީން ބައްދަލު ކުރެއްވިއިރުވެސް، އެފަދަ އެއްވެސް ޝަކުވާއެއް ކޮށްފައިނުވާކަމަށް ހޯމް މިނިސްޓްރީން ވަނީ ބަޔާންކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިިދިކޮޅު ކޯލިޝަނުން ހއ.ބާރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ، ޖަލުގައި ފެންވެރުމުގެ ކަންތަކުގެ ދަތިކަމާއި ތުނބުޅި ބޭލޭނެ ގޮތެއް ނެތް ވާހަކަ އާއި ގަސްދުގައި އަޑުގަދަކުރާތީ ނިދަން އުދަނގޫވާ ވާހަކަ ރައީސް ޔާމީން ވިދާޅުވިކަމަށް ވިދާޅުވެފައެވެ.

އަދި ކާން ގެންނަ ތަކެތި ރޯ ނުފިލުވާ ހުންނަ ވާހަކައާއި 45 ދުވަސް ވެގެންދިޔައިރުވެސް ކާން ދެނީ ހަމަ އެކައްޗެއް ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް