މާލޭ ރައްޔިތުންނަށް 7000 ހައުސިން ޔުނިޓު އަޅާނަން: ރައީސް

18 Feb 2020 | 16:51

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެތެރޭގައި މާލޭގެ ރައްޔިތުންނަށް 7000 ހައުސިން ޔުނިޓު އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، މާލޭ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރިޔާސީ ކެމްޕޭންގައި ވައުދުވެވަޑައިގެންނެވިކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް މަސް ދުވަސް ތެރޭގައި ފުރަތަމަ 1700 ހައުސިން ޔުނިޓާއި، 1300 ހައުސިން ޔުނިޓްގެ ބިންގާ އަޅާނެ ކަމަށެވެ.

އަދި އިތުރު 4000 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހާއްސަކޮށް 4000 ހައުސިންގ ޔުނިޓްތައް އަޅާދޭނެ ކަމަށް ރިޔާސީ އިންތިހާބުގައި ވައުދުވި ކަމަށާއި، އެހެން ނަމަވެސް މާލޭގެ ރައްޔިތުންނަށް ހާއްސަކޮށް އެއަށްވުރެ އިތުރު ހައުސިންގ ޔުނިޓްތައް ބޭނުންވާ ކަމަށެވެ.

''ކުރިއަށް މިއޮތް މަސްދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފުރަތަމަ އަޅަން ގަސްދުކުރާ 1،700 ހައުސިން ޔުނިޓާއި، 1،300 ހައުސިން ޔުނިޓް، މުޅިއެކު 3،000 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން،ކުރީގެ ސަރުކާރުތަކުގެ ވައުދާއި އެއްގޮތަަށް ހިޔާ މަޝްރޫއަށް ކުރިމަތިލާފައިވާ ފަރާތްތަކާއި، ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް އޭރުގެ ސަރުކާރުން ވައުދުވެ އެއްބަސްވެފައިވާ ގޮތަށް އެ ކަންތައްތައް ލަސްތަކެއް ނުވެ ކޮށްދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް