މެންޗެސްޓާ ޔުނައިޓެޑް ތަސައްރަފްފުދެން ވެއްޖެ: މޮރީނިއޯ

10 Nov 2018 | 05:29

މެންޗެސްޓާ ޔުނައިޓެޑް ބޮޑުވެ ތަސައްރަފްފުދެން ވެއްޖެކަމަށާއި ކުޅުން އިތުރަށް ރަނގަޅު ކުރަން ދަސްކުރަންވެއްޖެ ކަމުގައި ކޯޗް މޮރީނިއޯ ބުނެފިއެވެ. އަދި މިކަންކަން ރަނގަޅު ނުކޮށްފިނަމަ ކުރިއަށް އޮތްތަނުގައި މެޗުތަކުން ބަލިވާނެކަމުގެ އިންޒާރުވެސް އޭނާވަނީ ކުޅުންތެރިންނަށް ދީފައެވެ.

އެންމެ ފަހުން ކުޅުނު މެޗުގައި ފަހަތުން އަރައި ޔުވެންޓަސް ބަލިކުރިއިރު މިއީ ޔުނައިޓެޑް މި ސީޒަނުގައި ފަހަތުން އަރައި މޮލުވި ހަތަރުވަނަ މެޗެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އަވައްޓެރި މެންޗެސްޓާ ސިޓީއައި މިއަންނަ އާދިއްތަ ދުވަހު ބައްދަލުކުރުމުގެ ކުރިން ނޫސްވެރިންނައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ޔުނައިޓެޑަކީ އެހާ ފަސޭހައިން ބަލި ގަބޫލުކުރާ ޓީމެއް ނޫންކަމަށާއި ނަމަވެސް މެޗު ފެށިގެން ބައިކޮޅަށް ލަނޑުތަކެއް ވައްދާލައިގެން އަބަދަކު ސަލާމަތެއް ނުވާނެކަމަށެވެ.

ބައިކޮޅަށް އިދިކޮޅު ޓީމުތަކުން ލަނޑު ޖަހާ ކުރި ހޯދާ މައްސަލައަށް ހައްލެއް އަންނާނީ މުޅި ޓީމު އެކައްޗެއްގެ ގޮތުގައި ކުޅުން ރަނގަޅުކޮށް، މެޗުގައި ކުޅުން ފަށާގޮތްވެސް ރަނގަޅު ކޮށްގެންކަމަށް މޮރީނިއޯ ބުންޏެވެ.

ފޯވަޑް ލުކާކޫއައި ބެހޭ ގޮތުން ސުވާލުކުރެވުމުން މޮރީނިއޯ ބުނީ ލުކާކޫ ފަރިތަކުރުން ތަކުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް ފަރިތަކުރުން ތަކުގައި ބައިވެރިވުމަށް މެޑިކަލް ޓީމުން އެންމެ ރަނގަޅު ކަމުގައި ބުނެފިނަމަ އޭނާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން ފެނިގެން ދާނެކަމުގެ އިޝާރާތެއްވެސް މޮރީނިއޯ ދިނެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑް ލީގު ނިންމާލީ ތާވަލުގެ ދެވަނައިގަ އޮވެގެންނެވެ. އެފަހަރު ސިޓީ ލީގު ކާމިޔާބުކުރީ 19 ޕޮއިންޓުގެ ތަފާތަކާއެކުއެވެ. މިސީޒަނުގައި އެއްވެސް ލީގު މެޗަކުން ބަލިނުވެ ތާވަލުގެ އެއްވަނައިގަ ސިޓީ އޮތްއިރު ޔުނައިޓެޑް އޮތީ ތާވަލުގެ ހަތްވަނައިގަ އެވެ. އެއީ ނުވަ ޕޮއިންޓުގެ ފަރަގަކާއެކީ އެވެ.

ޔުނައިޓެޑް އަދި ސިޓީ އެންމެފަހުން ބައްދަލުކުރި މެޗުގައި ސިޓީއިން ދެ ލަނޑުޖަހައި ކުރި ހޯދާފަވަނިކޮށް ޔުނައިޓެޑްވަނީ ފަހަތުން އަރާ ތިން ލަނޑުޖަހައި އެމެޗު ކާމިޔާބު ކޮށްފައެވެ.

Advertisement

ކޮމެންޓް