ގަވާއިދާއި ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ ރައްޔިތުން ގެންދިއުމުގައި އެގައުމުގެ އެހީއަށް އެދިއްޖެ

05 Apr 2020 | 22:23

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުން އަނބުރާ އެޤައުމަށް ގެންދިޔުމާ ބެހޭ ގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒިރާއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު މި ދެބޭފުޅުން ވަނީ މިއަދު ފޯނުން ގުޅުއްވައި، ކޮވިޑް-19 އާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 ފެތުރުމުގެ ކުރިންވެސް ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށިކަން ފާހަގަކުރައްވާފައެވެ. އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ޙާލަތެއްގައިވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެޤައުމަށް ގެންދިޔުމުގައި އެހީތެރިކަމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ އެކަމަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް