ދައުލަތުގެ ދަރަނި 70 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް އަންދާޒާކުރެވޭ: އަމީރު

24 Apr 2020 | 16:02

ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ އަދަދު ގާތްގަނޑަކަށް 70 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް އަންދާޒާކުރެވޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ދަރުބާރުގޭގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު އޮންނާނެގޮތާއި ބެހޭގޮތުން ފަސް ސިނޭރިއޯއެއް ތައްޔާރުކުރެވިފައިވާ ކަމަށާއި، އެގޮތުން ވުން އެންމެ ގާތް ސިނޭރިއޯއަކީ ތިންވަނަ ސިނޭރިއޯކަމަށެވެ. މި ހާލަތުގައި މިދިޔަ އަހަރާއި އަޅާބަލާއިރު ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 50 އިންސައްތައާއި ހަމައަށް ދަށްވެގެންދާނެކަމަށް އަންދާޒާ ކުރެވޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި އެންމެ ގޯސް ސިނޭރިއޯ ކަމުގައިވާ ފަސްވަނަ ސިނޭރިއޯގައި ދިވެހިރާއްޖެއަށް މިއަހަރު ދެން އިތުރު އެއްވެސް ފަތުރުވެރިއެއް ނާންނާނެކަމަށް މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ މިފަދަ ހާލަތެއްގައި ދިވެހިރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަން 11.5 އިންސައްތައިން ދަށްވާނެކަމަށް ބެލެވޭ ކަމަށެވެ. އެއީ ނޮމިނަލް ޖީޑީޕީގެ އަދަދުން ބަލާކަމުގައިވާނަމަ 81 ބިލިޔަން ރުފިޔާއެވެ. 

މިނިސްޓަރ ހާމަކުރެއްވި ގޮތުގައި މި ހާލަތާއި ގުޅިގެން ދައުލަތުގެ ޖުމްލަ ދަރަނީގެ އަދަދު ގާތްގަނޑަކަށް 70.4 ބިލިޔަން ރުފިޔާއަށް އުފުލިގެން ދާނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. އެއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ ގާތްގަނޑަކަށް 86.8 އިންސައްތައެވެ.

އަމީރު އިތުރަށް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތާއި، އިމާރާތްކުރުމުގެ ސިނާއަތުގެ އިތުރުން އެކްސްޕޯޓްތައް ކުރާ މިންވަރު ދަށްވުމާއި ގުޅިގެން ދިވެހިރާއްޖެއަށް ލިބިދޭ ބޭރު ފައިސާގެ މިންވަރު ވަނީ ދަށްވެފައެވެ. އަދި ބައެއް ބާވަތްތަކުގެ މުދާތައް އިމްޕޯޓްކުރުން މަދުވުމާއި ގުޅިގެން އިމްޕޯޓަށް ޚަރަދުކުރާ ފައިސާގެ ބޮޑު ބައެއްވެސް އުނިވެފައިވާކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މި ހާލަތުގައި ދައުލަތަށް އާމްދަނީ ލިބުން މަދުވާނެތީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

އެގޮތުން ޓެކްސްއާއި އެހެނިހެން އާމްދަނީތައް މަދުވެފައިވާކަން މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި ބޭރުގެ ފަރާތްތަކުގެ ލޯނާއި ހިލޭ އެހީ ހޯދުންފަދަ ކަންތައްތައް ސަރުކާރުން ދަނީ ކުރަމުންނެވެ.

Advertisement

ކޮމެންޓް