ދިހަ މަހަށް ބޭނުންވާވަރަށް ކާޑުގެ ބާވަތްތައް ލިބޭނެކަން ޔަގީން: މަބްރޫކް

28 Apr 2020 | 13:15

ދިވެހިރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދިހަ މަސް ދުވަހަށް ލިބޭނެކަން ޔަގީންކުރެވިފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހޯލްސޭލް ބައެއް ވިޔަފާރިތައް ހުއްޓާލުމާއި ގުޅިގެން ކާބޯތަކެތީގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި މެދު ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ތަނެއް ބަންދުކުރުމުން ބަލަނީ ވީހާވެސް އަވަހަށް އެތަނެއް ޑިސްއިންފެކްޓްކޮށް އައިސޮލޭޝަނާއި ކަރަންޓީން ކުރަންޖެހޭ ފަރާތްތަކުގެ ކަންތައްތައް ނިންމުމަށްފަހު، އެތަނެއް އަލުން ހުޅުވޭތޯ ކަމަށެވެ. އަދި އެފަދަ ތަންތަނުގެ މުދާ ފޯރުކޮށްދިނުމުގައި ދޭންވާ އެއްބާރުލުން ދެމުންގެންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގެ ގައުމުތަކުން ތަކެތި ގެނައުމަށް ކާގޯ ފްލައިޓްތަކާއި، ކަނޑުބޯޓުތައްވެސް ދަތުރުކޮށް ހަދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އެގޮތުން ކާގޯ ފްލައިޓްތަކުން ތަކެތި ގެންނައިރުގައިވެސް ފުރަތަމަ އިސްކަން ދެނީ ކާނާގެ ބާވަތްތަކަށްކަމަށް އެބޭފުޅާ ވިދާޅުވިއެެވެ.

މަބްރޫކް އިތުރަށްވަނީ ކުރިއަށް އޮތް ދިހަ މަސް ދުވަހަށް ވާ ވަރަށް ކާޑުގެ ބާވަތްތައް ޔަގީންކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައެވެ. އެގޮތުން އެސްޓީއޯގެ ހުރިހާ ގުދަންތައް ފުރާ ކާޑުގެ ބާވަތްތައް ހުރިކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް