ދިވެހިރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަށް ޚާއްސަކޮށްގެން ވެބްސައިޓެއް އިފްތިތާހުކޮށްފި

12 May 2020 | 16:22

ދިވެހިރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަށް ޚާއްސަކޮށްގެން ވެބްސައިޓެއް ޤާއިމްކޮށް އާންމުކޮށްފިއެވެ.

ހޯމަ ދުވަހު ހެނދުނު ބޭއްވި ވަރޗުއަލް ރަސްމިއްޔާތެއްގައި މި ވެބްސައިޓް އާންމުކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ޔުމްނާ މައުމޫން އާއި ވިލާތުގެ އިއްތިޙާދުން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަހާސިރި ޑެނިސް ޗައިބީއެވެ.

މި ވެބްސައިޓަކީ ވިލާތުގެ އިއްތިޙާދުގެ މާލީ އެހީއާއި، ސަޤަފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އެއްބާރުލުމާ އެކު، ދިވެހި އާކިޓެކްޓް އަދި ހިރިގަލު މިސްކިތްތަކާއި ބެހޭ ތަޖުރިބާކާރެއް ކަމުގައިވާ އަލްފާޟިލް މައުރޫފް ޖަމީލް ތައްޔާރުކުރައްވާފައިވާ ވެބްސައިޓެކެވެ. ވެބްސައިޓް ޑިވެލޮޕްކޮށް ފަރުމާކޮށްފައިވަނީ އަލްފާޟިލް މުއައްވަޒް ޔޫސުފެވެ.

ވެބްސައިޓް އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޔުމްނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތަކުން ރަމްޒުކޮށްދެނީ ދިވެހިންގެ އިސްލާމީ ތާރީޚާއާއި، މުއްސަނދި ތަރިކައާއި، ހުނަރުން ފުރިގެންވާ ފަންނުވެރިކަން ކަމަށެވެ، އަދި އެ މިސްކިތްތައް ރޭވުމުގައި ބޭނުންކޮށްފައިވާ އުކުޅުތަކުގެ މޮޅުކަމާއި މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ، މިފަދަ ވެބްސައިޓެއް ޤާއިމްކުރެވި އާންމުންނަށް އޭގެ ބޭނުން ހިފޭނެ މަގު ތަނަވަސްވެގެން ދިއުމަކީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތަކެއް ހިމެނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބާރެއްކަން ބަޔާންކުރައްވައި، މި މަސައްކަތުގައި ވިލާތުގެ އިއްތިޙާދުން ވެފައިވާ އެހީއަށްޓަކައި އެ އިއްތިޙާދަށް މިނިސްޓަރ ޝުކުރު ދެންނެވިއެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ، ދުނިޔެއަށް މިހާރު ކުރިމަތިވެފައިމިވާ ފަދަ ދަނޑިވަޅުތަކުގައި ސަގާފަތާއި ތަރިކަ މުހިންމު ވަނީ އެއިން އެއްބައިވަންތަކަން ގެނުވައި، އެއްބަޔަކު އަނެއް ބަޔަކަށް އަޅައިލާ އިހުތިރާމު ކުރަން ދަސްކޮށްދީ، އުއްމީދު އާކޮށްދޭތީ ކަމަށެވެ. އަދި ޒަމާނާއި އެއްގޮތަށް، ތާރީޚާއި ތަރިކައިގެ މަޢުލޫމާތު ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބެގެންވެސް އޮންލައިން މަންސަތަކުން ލިބޭނެ މަގު ފަހިކުރުމުގެ މުހިއްމުކަން މިއަދު އިތުރަށް ހާމަވެގެން ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ޗައިބީ ވިދާޅުވީ، ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަކީ މިވަގުތު ދުނިޔޭގައި ހުރި މިފަދަ ހަމައެކަނި މިސްކިތްތައްކަމުން، އެ މިސްކިތްތަކަކީ ދިވެހިންގެ މުހިއްމު ތަރިކައެއް ކަމަށާއި، އަދި އެ މިސްކިތްތަކާއި ގުޅޭ މަޢުލޫމާތު މިފަދަ ވެބްސައިޓެއް މެދުވެރިކޮށް ލިބޭނެ މަގު ތަނަވަސްކޮށްދެވުން މިއީ ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށެވެ.

ވެބްސައިޓް ޤާއިމްކުރުމުގައި އިސްކޮށް މަސައްކަތްކުރެއްވި މައުރޫފް ޖަމީލް މި ރަސްމިއްޔާތުގައި ވިދާޅުވީ، މި ވެބްސައިޓް މެދުވެރިކޮށް މިހާރު ރާއްޖޭގައި ހުރި ހުރިހާ ހިރިގަލު މިސްކިތްތަކާއި ގުޅޭ މަޢުލުމާތު ލިބޭނެ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި މި ވެބްސައިޓް އިތުރަށް ތަރައްޤީ ކުރައްވާނެކަމަށެވެ.

ކޮރަލް ސްޓޯން މޮސްކްސް އޮފް ދި މޯލްޑިވްސް ވެބްސައިޓް ފަރުމާކޮށްފައިވަނީ ދިވެހި ބަހާއި އިނގެރޭސި ބަހުންވެސް މަޢުލޫމާތު ހިމަނައިގެންނެވެ. މި ވެބްސައިޓްގައި ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކާއި، އެ މިސްކިތްތައް ހުރި ތަންތަނާއި، މިސްކިތްތަކުގެ ފަރުމާ އާއި، އެ މިސްކިތްތަކުގެ ތާރީޚުވެސް ހިމަނާފައިވެއެވެ. މީގެ އިތުރުން ފަންނީ ގޮތުން ރާއްޖޭގެ ހިރިގަލު މިސްކިތްތަކުގައި ފާހަގަކުރެވޭ ކަންކަމުގެ ތަފްޞީލުތައްވެސް މި ވެބްސައިޓްގައި ވަނީ ހިމަނާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިސްކިތްތަކުގެ ހާލަތަށް އަންނަމުންދާ ބަދަލުތައްވެސް މި ވެބްސައިޓް މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ.

މިއަދު އާންމުކުރި ވެބްސައިޓްގެ ވެބްއެޑްރެހަކީ www.coralstonemosques.com އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އަލްފާޟިލާ ޔުމްނާ މައުމޫނާއި ސަފީރު މަހާސިރި ޑެނިސް ޗައިބީ އަދި އަލްފާޟިލް މައުރޫފް ޖަމީލް އާއިއެކު، މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލް މުޙައްމަދު ޠާރިޤާއި، ވިލާތުގެ އިއްތިޙާދުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ޕޮލިޓިކަލް، ޓްރޭޑް އެންޑް ކޮމިއުނިކޭޝަންސް ސެކްޝަންގެ ވެރިޔާ ތޯސްޓަން ބާގްފްރީޑް އާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް ޝަމްޢޫން ޙަމީދާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޙައްވާ ނަޒްލާގެ އިތުރުން މި ވެބްސައިޓް ފަރުމާކޮށް އުފެއްދި އަލްފާޟިލް މުއައްވަޒް ޔޫސުފް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް