ކޮވިޑް އިޖާބައިގެ ނަމުގައި ދިވެހި ރައްޔިތުންނަށާއި ބިދޭސީންނަށް ދީލަތި އެހީ!

28 May 2020 | 06:32

މުޅި ދުނިޔެއަށާއި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް 19ގެ ބަލިމަޑުކަމުގެ މުސީބަތުގެ ދަނޑިވަޅުގައި އެހީ ޖަމިއްޔާ އާއި ވެލްނެސް އެސޯސިއޭޝަން އަދި އެކްސްޕެކްޓް ސަޕޯޓް ވައިބާ ކޮމިއުނިޓީ (ބައި ރީނާ) ގުޅިގެން ރާއްޖޭގެ އެތައް ބަޔަކަށާއި ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އެތަކެއް ރައްޔިތުންގެ ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވެފައި މި ދަނޑިވަޅުގައި މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ނިކަމެތި ރައްޔިތުންނަށް ދީލަތި އެހީތެރިކަން ފޯރުކޮށްދީފަވެއެވެ.

ކޮވިޑް އިޖާބައިގެ ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮޖެކްޓްގެ ދަށުން ފުރަބަންދުގެ ހާލަތާއި ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށާއި ބިދޭސީންނަށް ކާބޯޓަކެތީގެ ޕެކޭޖްތައް އަދި ކާބޯތަކެތީގެ ޕާރިސަލްތައް ފޯރުކޮށްދެވޭނެއެވެ.

އެހީ ޖަމިއްޔާއިން މަޢުލޫމާތުދޭގޮތުގައި މި ޕްރޮޖެކްޓަކީ ވަރަށްވެސް ކާމިޔާބު ޕްރޮޖެކްޓެކެވެ. މީގެއިތުރުން، ކޮވިޑް 19 ގެ ހާލަތާއި ގުޅިގެން އެހީއަށް ބޭނުންވެފައިވާ ގިނަ އާއިލާތަކަށާއި އަދި ގިނަ އަދަދެއްގެ ބިދޭސީއިންނަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެއެވެ.

އެހީއިން ހާމަކުރިގޮތުގައި، މިހާތަނަށް މި ޕްރޮޖެކްޓަށް ޖުމުލަ 300,433.46 ރުފިޔާގެ ޑޮނޭޝަން ލިބިފައިވެއެވެ. އަދި އެހީގެ ގޮތުގައި މިހާތަނަށް 183،603.71 ރުފިޔާ ހަރަދުކުރެވިފައިވާއިރު، ޖުމުލަ 44 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، 361 ބިދޭސީއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެހީއިން މަޢުލޫމާތުދެއެވެ.

ދިވެހި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިހާތަނަށް 72،503.01 ރުފިޔާ ހަރަދުކޮށްފައިވާއިރު، ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 111،100.70 ރުފިޔާ ވަނީ ހަރަދުކުރެވިފައެވެ. މީގެއިތުރުން، މި ޕްރޮޖެކްޓްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެނީ ފުރަބަންދާއި ގުޅިގެން ވަޒީފާ ގެއްލި، އަމްދަނީ ލިބޭނެ މަގެއް ނެތް އާއިލާތަކަށާއި ހާލުގައިޖެހިފައިވާ ބިދޭސީންނަށެވެ. މިފަދަ ފަރާތްތަކަށް ކާބޯތަކެތީގެ ޕެކޭޖްތައް ފޯރުކޮށްދިނުމުގެ އިތުރުން، ތުއްތު ކުދިން ދިރިއުޅޭ ގޭތަކުގައި ބޭނުންވާ ޒަރޫރީ ބައެއް ސާމާނުވެސް އެހީ އިން އަންނަނީ ފޯރުކޮށްދެމުންނެވެ.

މި ދަނޑިވަޅުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި އެހީ ބޭނުންވާ ފަރާތްތަކުން އެ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް އެހީއިން އިލްތިމާސްކުރެއެވެ.

އެހީއަށް އެދި ހުށައަޅަން ބޭނުންވާފަރާތްތަކުން އެހީ ޖަމިއްޔާގެ ހޮޓްލައިން ނަންބަރު 7803433 ނުވަތަ ހެވަތަ ހޮޓްލައިން ނަންބަރު 9133433 އެ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާ ކުރެވޭނެއެވެ. މީގެއިތުރުން، މި ޕްރޮޖެކްޓާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުންވެސް އެހީގެ ހޮޓްލައިން ނަންބަރު ނުވަތަ ހެވަތަ ހޮޓްލައިން ނަންބަރަށް ގުޅޭނެއެވެ. މީގެއިތުރުން، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެހީ ޖަމިއްޔާގެ އެކައުންޓް ނަންބަރު 7770000014820 މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެހީ އިން މަޢުލޫމާތުދޭގޮތުގައި، މި ޕްރޮޖެކްޓުގައި ޝާމިލްވާން ބޭނުންވާ ފަރާތްތަކައް އެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން އެ ޖަމިއްޔާއާއި ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތި ޑެލިވަރީ ކުރުން ފަދަ މަސައްކަތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތް ކަން ހާމަކުރެއެވެ.

އެހީ ޖަމިއްޔާއިން ވަނީ މީގެކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި އުޅެމުންދާ އާއިލާތަކަށާއި ވަކިވަކި ފަރުދުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، ކޯވިޑް-19ގެ ކުރިންވެސް އެހީއަށް ބޭނުންޖެހިފައިވާ ބައެއް ޢާއިލާ ތަކަށް ކޮންމެ މަހަކުވެސް ކާބޯތަކެތި ފޯރުކޮށްދެމުންގެންގޮސްފައިވެއެވެ.

Advertisement

ކޮމެންޓް