"މިއުޅެނީކީ ފައިނޭންޝަލް ކްރައިސިސްއެއް އައިސްގެނެއް ނޫން. މިއުޅެނީ ބައްޔެއް ފެތުރިގެން" ރައީސް ޞާލިހްގެ ހިސާބު ގޯހުންގޯހަށް!

30 May 2020 | 15:39

މިއީ 25 މާރިޗު 2020 ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުންބައެކެވެ. މިއީ ކޮވިޑް-19 ގެ ނުރައްކާގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވުމާއެކު ގިނަ ދުވަސްތަކެއް ވަންދެން މީޑިއާތަކާއި، އަދި ހާއްސަކޮށް ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ ބައްދަލުނުވެ ހުރުމަށްފަހު ރައްޔިތުންނަށް ރައީސް ޞާލިހް ދެއްވި ޔަޤީންކަމެއްގެ ވާހަކައެވެ.

ރައްޔިތުންނާއި ދުރުގައި ޤައުމު ސަލާމަތުގެ އައްސޭރިއަށް ގެނެސްދިނުމަށް އެމަނިކުފާނު ހައްދަވާފައިވާ ހިސާބުތަކާއި ހޯމްވޯކް ރައްޔިތުންނާއި ހިއްސާކުރެވިގެން ދިޔަ މި ބައްދަލުވުމުގައި ރައީސް ތަކުރާރުކޮށް ބުނަމުން ދިޔަ އެއްވާހައަކީވެސް މިއެވެ. މިއުޅެނީ ފައިނޭންޝިއަލް ކްރައިސިސްއެއް އައިސްގެންނޫންކަމާއި، ކޮވިޑް-19 ސަލާމަތްވުމާއެކު އިޤްތިސާދަށް ބޫސްޓެެއް އަންނާނެ ވާހަކައެވެ.

ޓުއަރިޒަމްއަށް މުޅިން ކަހަލަ ގޮތަކަށް ބަރޯސާވެފައިވާ ރާއްޖެއަށް އިޤްތިސާދު ބޯޑަރު ބަންދުކޮށް، ރިސޯޓުތައް ބަންދުކުރުމާއެކު ގިނަ ބަޔަކު ވަޒީފާތަކުން އައީ ވަކިކުރަމުންނެވެ. ކުދި ވިޔަފާރިތައް އައީ ބަނގުރޫޓުވަމުންނެވެ. ކުލި ދެއްކޭނެތޮތްނެތި، ކާންފައިސާ ނެތް ހިސާބަށް ރައްޔިތުންގެ ކަންކަން ގޮސްފައިވާކަން އެންމެ ރަނޅަށް އެގޭނެ އެއްބަޔަކީ ނޫސްވެރިންނެވެ. އިޤްތިސާދީ އިލްމު ދަންނަ ކޮންމެ މީހަކަށްވެސް ޤައުމުގެ މިސްރާބު ހުރީ އިޤްތިސާދީ މުސީބާތަކަށް ކަން ޔަޤީންވެއެވެ. އެހެންކަމުން ތަކުރާރުކޮށް އެދުވަހު ނޫސްވެރިން ކުރަމުން އައި އިޤްތިސާދީ ސުވާލުތަކަށް ރައީސް ޞާލިހް ދެއްވީ މި ކުރު، އުންމީދީ ޖަވާބެވެ.

"މީގައި އުއްމީދު ގެއްލުވާލާކަށްނުވޭ. މިއުޅެނީކީ ފައިނޭންޝަލް ކްރައިސިސްއެއް އައިސްގެނެއް ނޫން. ފައިސާ އެބަހުރި ބޭންކްތަކުގައި. ޤައުމުތަކުގައިވެސް އެބަހުރި. އެހެންނަމަވެސް، އެހެންކަމެއް މީގެތެރެއަށް ދިމާވެގެން މިއުޅެނީ. ބައްޔެއް ފެތުރިގެން. އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި އުނދަގޫތަކެއް ދިމާވެގެން މިއުޅެނީ. މިކަމުން އަރައިގަތުމާ އެކީގައި، އަޅުގަނޑަށް ފެންނަނީ އިޤްތިޞާދަށް ވަރަށްބޮޑު ބަދަލެއް އަންނާނެ ތަން. އެނގިވަޑައިގަންނަވާނެ، މިކަމުގެ އެކްސްޕަރޓުން ވިދާޅުވާ ގޮތުގައިވިއްޔާ، މި އަހަރުގެ ފަހު ކްއާރޓަރ އާއި، މި އަންނަ އަހަރުގެ ފުރަތަމަ ކްއާރޓަރގައި އިކޮނޮމިކް ބޫމެއް އަންނާނެ ކަމަށް." ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ މި އަންދާޒާއަށް އެއްމަސް ވީ ދުވަހު، 24 އޭޕްރިލް 2020 ގައި ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިސާދު މިހާރު އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

އަމީރު ވިދާޅުވި ގޮތުގައި ދައުލަތުން ފިޔަވަޅު ނާޅައިފިނަމަ އިޤްތިސާދީ ރިސެޝަން ވަރަށް ބޮޑުވާނެ ކަމަށާއި މި ދަނޑިވަޅުގައި މުހިންމު ފިޔަވަޅުތައް އަޅަންޖެހޭކަމަށެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ފައިނޭންސިން ގެޕްގެ ސަބަބުން ދައުލަތުގެ ދަރަނިވެސް އިތުރު ވާނެ ކަމަށާއި ކުރިން ފާސް ކުރި ބަޖެޓުގައި ހުންނާނީ 57 ބިލިއަން ރުފިޔާގެ ދަރަނި ކަމަށާއި ނަމަވެސް މިހާރު ދަރަނި 70 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ކޭޝް ފްލޯ އަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، ދައުލަތުގެ ކޭޝް ފްލޯއަށް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުރިއަށް އޮތް ތިން މަހު ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އެންމެ މަދުވެގެންވެސް 4 ބިލިއަން ރުފިޔާ ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޞާލިހް ސަރުކާރުގެ މާލީ ވަޒީރު މިހެން ވިދާޅުވިނަމަވެސް އޭގެ 3 ހަފްތާކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީޜު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ވަރަށް އަވަހަށް ރިކަވަރ ވާނެ ކަމަށާއި ބޭރުގެ ގިނަ ފަރާތްތަކަކުން ފައިސާގެ އެހީ ލިބޭނެކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިހްގެ ހިސާބުތަކުން ކޮވިޑް-19 ގެ ދަތިން ރާއްޖެ ސަލާމަތްވުމަށް 6 މަސްވަރު ނަގާނެއެވެ. މިއީ ޤައުމުގެ އިޤްތިސާދުގެ ހުންގާނުގައި ހުންނެވި މިނިސްޓަރު ފައްޔާޒުގެ ލަފާގެ މައްޗައް އެމަނިކުފާނު ވިދާޅުވިއެއްޗެކެވެ.

"އަޅުގަނޑުމެން ފުރަތަމަ އަންދާޒާކުރީ މިނިސްޓަރ ފައްޔާޟް އެ ވިދާޅުވި ފަދައިން ހަމަސް ދުވަހުގެ ތެރޭގައި ހަމައަކަށް އެޅިގެންދާނެ ކަމަށް. އަޅުގަނޑަށް އަދިވެސް ގަބޫލުކުރެވެނީ، ހަމަސް ދުވަހުގެ ތެރޭގައި ރާއްޖެ ހަމައަކަށް އެޅޭނެ އިނގޭތޯ އިރާދަކުރެއްވިއްޔާ." ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހް ދެންވެސް ވިދާޅުވީ ރައްޔިތުން އަތުގައި ފައިސާ ހުރި ވާހަކައާއި މިއީ އިޤްތިސާދީ ކާރިސާއެއްނޫންކަމަށެވެ.

"ދެން އަޅުގަނޑު މިދެންނެވި ފަދައިން މުޅިން ހަމައަކަށް އެޅެން އަހަރެއްވަރު ނަގާފާނެ. އެހެން ނަމަވެސް، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިއީކީ އިކޮނޮމިކް ކްރައިސަސްއެއް، ފައިނޭންޝަލް ކްރައިސަސްއެއް އައިސްގެނެއް ނޫނޭ މިއުޅެނީކީ. ބޭންކްތަކުގައި ފައިސާ އެބަހުއްޓޭ. މީހުން އަތުގައިވެސް އެބަހުއްޓޭ ފައިސާ. ޚަރަދުކުރަންވެސް ބޭނުންވޭ." ރައީސް ޞާލިހް ތަކުރާރުކުރައްވަމުން ވިދާޅުވިއެވެ.

ނަމަވެސް މިއަދު ފެންނަން އޮތް ހަޤީގަތަކީ ޒަރޫރީ ފެންބިލާއި ކަރަންޓު ބިލަށް ސަރުކާރުން ސަބްސިޑީ ދިނުމުންވެސް ދެއްކޭނެފަދަ ހާލަތެއްގައި ރައްޔިތުންގެ ފޯރުންތެރިކަން ނެތްކަމެވެ. ރޯދަ މަސް ނިމިގެން ދިޔައިރު ބައިން ޕަވާ މިވަނީ އެތައް ގުނައެއް މަދުވެފައެވެ. މިއާއެކު މުޅި އިޤްތިސާދަށް އަސަރު އަންނަނީ ކުރަމުންނެވެ. ގިނަ ބަޔަކަށް އަދިވެސް ސަރުކާރުގެ މާލީ އެހީ ނުލިބޭކަމުގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ސަރުކާރުގެ މި އެހީ ދޭންޖެހުމުން އެކަން ނުކުރެވޭނެކަމަށް އިކޮނަމިކް މިނިސްޓަރ ވަނީ މަޖިލިސް ކޮމިޓީގައި ވިދާޅުވެފައެވެ. އަމިއްލަ ވިޔަފާއިއާއި، އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަންނާނުންނަށް މިއަދު މިވަނީ ހަދާނެގޮތެއް ނޭނގިފައެވެ. ދޭނެ ރުފިޔާ ނެތް ވާހަކައަކީ މިއަދު މިނިސްޓަރުން ދައްކަވާ ވާހަކައެވެ.

ކޮވިޑް-19 ގައި ފުރާނަ އަތައްލައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައާއި އެލަވަންސްއަށް ފާއިތުވި ދެ މަހު މުސާރަ ދޭން ކައިރިކޮށްފައިވަނީ ބަދަލުތައް ގެނެސްފައެވެ. އޯޓީ ދޭ އުސޫލަށް ދެފަހަރުވެސް ބަދަލު ގެނައި ކުރިން އެންގުމަކާއި ނުލައި މުސާރަ ދިނުމަށް ގާތްކޮށްފައެވެ. ޤާނޫނުގައި ބުނާ އުސޫލުން ބޭރުން އޯޓީ އުނިވާގޮތަށް ހެލްތުން ނެރުނު މެމޯތަކުން ސަރުކާރު ހޫނު ފެނައް ވެއްޓުމުން ރައީސް ވަނީ ހާއްސަ އެލަވަންސްއެއް ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭނެކަން އިއުލާންކުރައްވާފައެވެ. އެއާއެކުވެސް ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އޯޓީއަށް ކުރިން އަމަލު ކުރަމުންއައި ގޮތް ބަދަލުކޮށް އޯޓީ މަދުވާގޮތައް ހެދީއެވެ.

މި ހައްސާސީ ދަނޑިވަޅުގައި މިފަދަ ގޮތަކަށް މެނޭޖްނުކުރެވި، ޤައުމުގެ ހާލަތު އަންދާޒާ ނުކުރެވި ހެދޭ އުސޫލްތަކާއި ސިޔާސަތުގެ ދަށުން ރައްޔިތުންގެ ހާލަތު މިދަނީ ހީނުކުރާ މިންވަރަކަށް ގޯސްވަމުންނެވެ. ފާއިރުވި އެއްމަސްދުވަސް ތެރޭ ގެއިން ނެރެ މަގުމަތިވެފައިވާ އެތައް އާއިލާއެއް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު ހިޔާ ފްލެޓް ދޭން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރާތަނެއްނުފެނެއެވެ.

ސިޔާސީ މަޤާމްތައް އިންތިހާއަށް ގިނަކަމަކީ ދެބަސްވެވޭނެ ކަމެއްނޫނެވެ. މިނިސްޓަރުން ތިއްބާވާއިރު، މިނިސްޓަރުން ގެ މަސައްކަތާއި ގުޅޭ އިރު މަޤާމްތައް "އެޑްވައިޒަރުންގެ" ނަމުގައި ވަނީ އުފައްދަވާފައެވެ. ދެއްވަނީ އިންތހާއަށް ބޮޑު މުސާރައެވެ. ހާއްސަ ހާލަތާއި ގުޅިގެން މުސާރަ ކުޑަކުރެވުމުންވެސް ލިބެނީ މުޅި ދުވަހު ޕީޕީއީ އާއެކު ފްރޮންޓްލައިންގައި މަސައްކަތް ކުރާ ނަރުހުންނާއި، ޑޮކްޓަރުންނާއި، ލެބް ޓެކްނީޝަނުންނަށް ލިބޭ މުސާރައަށް ވުރެން އެތައް ގިނައެއް ބޮޑުކޮށެވެ.

މިފަދަ އެތައް ކަމަކެއް ބޮއްސުންލާފައިވުމުން ރައްޔިތުންގެ މަޔޫސްކަން މިވަނީ ވަރަށްބޮޑަށް އިތުރުވެ ސަރުކާރަށް އިތުބާރު ގެއްލިފައެވެ. ވުޒާރާތައް މިއަދު ފެންނަނީ ވަކި ސަރުކާރުތައްކެއް ގޮތުގައި ވަކި ވަކިން މިނިސްޓަރުން ހަރަކާތްތެރިވަމުންނެވެ. މެޑަލް ޖައްސަވަން ބައެއް މިނިސްޓަރުން އުޅުއްވާ އިރު އަނެއްބައި މިނިސްޓަރުން ވަނީ ގެއްލިފައެވެ.

މިނިސްޓަރ ޢަލީ ވަހީދު ޕްރެސްތަކުގައި ރައިސް ޞާލިހާއި ސަރުކާރަށް އިތުބާރު ކުރެއްވުމަށް އެދުން ނޫންކަމެއް ނުކުރައްވައެވެ. ފްލޯޓިން ހޮސްޕިޓަލާއި މިފަދަ އެތައް ވާހަކައެއް ދައްކައި ޕްރެސް ތައް ނިންމާލައެވެ. ފޮރިން މިނިސްޓްރީ ފެންނަނީ ވަކި ޤައުމެއްގެ ޕީއާރ އެޖެންސީއެއް ގޮތުގައި ކަމަށް ބުނުމުގެ ޖާގަ ހަރީޖީއާގެ ޓުވިޓާ ބަލާލުމުން އެނގި ހާމަވެއެވެ. ކޮވިޑް-19 އާއި ދެކޮޅަށް ކާމިޔާބު ހޯދި ހަމައެކަނި ޤައުމު ޗައިނާގެ އެހީއަށް އެދެން ފަސް ޖެހެމުންދާ އިރު ޔޫރަޕުގެ ބޮޑެތި ޤައުމުތަކުން އަންނަނީ ޗައިނާގެ އެހީއަށް އެދި އޭގެ ފައިދާ ހޯދަމުންނެވެ. އަވަށްޓެރި ލަންކާ ވެސް ކާމިޔާބު ހޯދަނީ ޗައިނާއިން މަދަދު ހޯދައިގެންނެވެ. އިޤްތިސާތީ ގޮތުން "ޗައިނާއިން" ނަގާފައިވާ ލޯންތަކަށް ލުއި ހޯދުމާއިއެކު، ހިލޭ އެހީވެސް ހޯދައިގެންނެވެ. ލިބުން ދަތި ޓެސްޓް ކިޓްތަކާއި ވެންޓިލޭޓަރު ވެސް ހޯދައިގެންނެވެ.

އެހެންކަމުން މި ދަނޑިވަޅުގައި ތައުލީމީ ޤާބިލް ޓެކްނިކަލް ފަރާތްތައް ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިކޮށް، ޤައުމު މި ވެއްޓިފައިވާ އިޤްތިސާދީ އަނދަވަޅުން ސަލާމަތްކުރަން އަތުކުރި އޮޅާލަންވެއްޖެއެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކާއި އެއްގޮތަށް ރާއްޖެއަށްވެސް ކުރިމަތިވެފައިމިވަނީ އިޤތިސާދީ ކާރިސާއެއްކަން ޤަބޫލުކޮށް އަވަސް ފިޔަވަޅުތަކެއް އަޅާންޖެހެއެވެ.

Advertisement

ކޮމެންޓް