ހިޔާ މަޝްރޫއުގެ ފްލެޓްތައް އަންނަ މަހުގައި ހަވާލުކުރަން ފަށަނީ

06 Jun 2020 | 14:25

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ މަޝްރޫއުގެ 7000 ފްލެޓްތައް ލިބޭ ފަރާތްތަކާއި އެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އަންނަ މަހުގެ ފަހުކޮޅު ފެށޭނެކަމަށް ސަރުކާރުން އިއުލާންކޮށްފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓް އާތިފާ ޝުކޫރު ވިދާޅުވީ ކުރިއަށް އޮރް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާން ކުރެވޭވަރު ވާނެކަމަށެވެ.

އަދި އަންނަ ޖުލައިމަސް ނިމޭއިރު ފްލެޓް ހަވާލު ކުރެވޭވަރުވާނެ ކަމަށްވެސް އާތިފާ ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ހުޅުވިގެން މަސައްކަތް ފަށައިގަނެވިއްޖެ ކަމަށް ވަންޏާ، އިރާދަކުރެއްވިޔާ ޖުލައި މަސް ނިމޭއިރު ހަވާލުކުރެވޭނެ"، ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އާތިފާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހިޔާ ފްލެޓްގެ މަސައްކަތް ސަރުކާރުން އެދެވޭ އަވަސް މިންވަރަށް ނުކުރާތީ ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒްވެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރު ވަނީ އިމާރާތްކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކުންނެވެ.

ފޮޓޯ: ހޯރަ

Advertisement

ކޮމެންޓް