ދީޕިކާ އަދި ރަންވީރް ކައިވެނިކޮށްފި

15 Nov 2018 | 06:31

ބޮލީވުޑްގެ މަޝްހޫރު ދެ ފިލްމީ ތަރިން ކަމުގައިވާ ދީޕިކާ ޕަޑުކޯން އަދި ރަންވީރް ސިންހް ކައިވެނިކޮށްފިއެވެ. މި ދެތަރިން ކައިވެނި ކުރަން އުޅޭކަން އިއުލާނު ކޮށްފައިވަނި ނިމިދިޔަ އޮކްޓޫބަރު މަހުގައެވެ.

ދީޕިކާ އަދި ރަންވީރް ކައިވެނި ކޮށްފައިވަނީ އިޓަލީގެ ރިސޯޓެއް ކަމުގައިވާ ކަސްޓަޑީވާ ރިސޯޓް އެންޑް ސްޕާގައެވެ. އަދި މި ކައިވެނީގެ ހަފްލާގައި ބައިވެރިވެފައިވަނީ އާއިލާގެ މެންބަރުންގެ އިތުރުން އެންމެ ގާތް ރަހުމަތްތެރިންނެވެ. މީގެ ތެރޭގައި ޝަހްރުކް ހާން، ސަންޖޭ ލީލާ ބަންސާލީ އަދި ފަރާ ހާންވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިދެތަރިން ދެމަފިރިންގެ ގޮތުގައި އެނބުރި އިންޑިއާއަށް ދަތުރުކުރާނީ މި ހިނގާ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ނޮވެންބަރު 21 ވަނަ ދުވަހު ކައިވެނީގެ ހަފްލާއެއް ބެންގަލޫރުގައި ބޭއްވުމަށްފަހު ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު މުމްބާއީގައި ފިލްމީ ދާއިރާގައި އުޅޭ ރަހުމަތްތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޕާޓީއެއްވެސް އޮންނާނެކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

ކަރަން ޖޯހަރު ހުށަހަޅާ ކޮފީ ވިތް ކަރަން ޝޯގެ އެންމެ ފަހު ސީޒަނުގެ އެޕިސޯޑެއްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވި ދީޕިކާވަނީ ރަންވީރާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރުވެފައިވާކަން ކަށަވަރު ކޮށްދީފައެވެ.

މިވާހަކަތަކާއެކު، ދީޕިކާ އަދި ރަންވީރް ރައްޓެހިވެގެން އުޅޭކަން އާންމުންނަށް އިނގޭނޭހެން އިއުލާނު ނުކުރި ކަމުގައިވިއަސް މި ދެތަރިން އެކުގައި އުޅެން ފަށާފައިވަނީ ރާމް ލީލާ ފިލްމުގެ ޝޫޓިންގގެ ތެރެއިން ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އަރާމުކޮށްލާ ސިކުނޑި ހަމަޖައްސާލުމަށް ކަމަށް ބުނެ ދީޕިކާ މިވަގުތު ފިލްމީ މަސައްކަތްތަކުން ދުރުގައި ހުރި ނަމަވެސް ރޯހިތް ޝެޓީ ޑައިރެކްޓްކުރާ ފިލްމް ސިމްބާއިން ރަންވީރު ކުރިއަށް އޮތް ޑިސެންބަރު މަހު ފެނިގެންދާނެއެވެ.  

Advertisement

ކޮމެންޓް