މި ދުވަސްވަރު އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފި

20 Jun 2020 | 15:27

ކޮވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާ ނަމަވެސް މި ދުވަސްވަރު އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފައިވަނީ ދިވެހިރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ފުރަބަންދަށް ލުއިދިނުމުގެ ދެވަނަ މަރުހަލާގައިވެސް އާންމު ތަންތަނުގައި އެއްވެ އުޅެވޭނީ އެއް ފަހަރާ ތިން މީހުންނަށްވުރެ ގިނަ ނުވާނެގޮތަކަށް ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ ކަމަށެވެ. 

ނަމަވެސް މި އެންގުމާއި ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުން ބޭއްވުމަށް ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާއި ޚިލާފަށް އެއްނުވެ، އެންމެހާ ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރަން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުން މިފަދައިން އިލްތިމާސް ކޮށްފައިވަނީ "މަޖިލިސް ހޭލައްވާ" ނަމުގައި ނަވާނަވައި ކިޔާ ސިޔާސީ ހަރަކާތުން އަންނަ ހޯމަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި މުޒާހަރާކުރަން ރާވަމުން ދަނިކޮށެވެ. 

މި މުޒާހަރާއާއި މެދުގައި އާންމުންގެ މެދުގައި ޚިޔާލުތަފާތުތަކެއް އުފެދިފައި ވަނިކޮށް، އިއްޔެގެ ވަގުތެއްގައި ޓްވިޓަރގައި ވަނީ ނަވާނަވައިގެ އިސް މެންބަރެއްކަމުގައިވާ އަހުމަދު މުހައްމަދު (ފޯމީ)އާއި ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި ފެންމަތިވި ގްރޫމިންގ ގެ ތުހުމަތުތަކުގެ ވާހަކަ އަނެއްކާވެސް ދެކެވެން ފަށާފައެވެ. 

Advertisement

ކޮމެންޓް