19 ވަނަ ރައްޔިތުންގެ މަޖިލިސް "ރޭސިސްޓް" ވީތޯއެވެ؟

21 Jun 2020 | 12:51

ބުރާސްފަތި ދުވަހުގެ ނިއުސްޕޭޕަރުތައް ކިޔަމުންގޮސް، ޝައުގުވެރިކަމާއެކު ކިޔައިލެވުނީ ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދުއަށް މަގުމަތިން ފުރައްސާރަކޮށް ހަޑިހުތުރު އެއްޗެހި ގޮވިކަމަށް ބުނާ ޖައުފަރު ކިޔާ މީހެއްގެ އަންހެން ދަރިފުޅު ސުނާނާއަށް ބަޔަކު ރުޅިއައިސްގެން ފުރައްސާރަކޮށް ރޭޕްކުރަން ގޮވަމުންދިޔަކަމަށް ބުނެ މިހާރު ނޫހުގައި ލިޔެފައިވާ ދިގު ރިޕޯޓެކެވެ. މިރިޕޯޓް ބިނާކޮށްފައިވަނީ ސުނާނާ ޓްވީޓަރއަށް ދޫކޮށްލި ލިޔުމެއްގެ މައްޗަށެވެ. އެރިޕޯޓާއިމެދު ޝައްކުކުރަން ބޭނުންނުވި ސަބަބަކީ ރިޕޯޓް ލިޔުނު ޖަރނަލިސްޓްގެ ސީނިއަރިޓީއާއި ނޫސްވެރިކަމުގައި ހޯދާފައިވާ ކާމިޔާބުތަކުގެ ވާހަކަ އަޑުއިވިފައިވާތީއެވެ. އެރިޕޯޓްގައި ލިޔެފައިވެއެވެ. "ވަހީދުގެ ދެކަނބަލުންނާ ޖައުފަރު މަގުމަތިން ދިމާކޮށް، "ބާޣީ" ގޮވުމުން އެމްޑީޕީގެ އެކްޓިވިސްޓުންނަށްވީ އޭނާކުރި ހިއްވަރު ގަދަ އަމަލެއްގެ ގޮތުގައެވެ.

އެމްޑީޕީގެ ރ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު ރައްޔިތުންގެ މަޖިލީހަށް ވެއްދި ކުއްލި މައްސަލައަކީވެސް މިބާވަތުގެ ކަމެކެވެ. ރައްޔިތުންނަށް އޮޅުވައިލުމެކެވެ. މިމަހުގެ 13 ވަނަ ދުވަހު ރައީސް މުހައްމަދު ވަހީދުގެ ދެމަފިރިކަނބަލުންނަށް މަގުމަތިން ފުރައްސާރަކުރި މީހާ ފުރައްސާރަ ކުރަމުން ބާޣީއަށް ގޮވި ވާހަކައެއް ރައީސް މުހައްމަދު ވަހީދު ހާމަކުރައްވާފައެއް ނުވެއެވެ. އެމަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނުގައިވެސް ފުރައްސާރަ ކުރި މީހާ ބޭނުންކުރި އިބާރާތަކީ ބާޣީކަމަށް އިޝާރާތްކޮށްފައެއްނުވެއެވެ. އެއީ އެމްޑީޕީގެ ބައެއް މެމްބަރުންނަށް ޖަޒްބާތީ ބަހެކެވެ. ރައީސް ވަހީދަށް ބާޣީއޭ ގޮވިކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ވާހަކަދެއްކީ ދޮގު ވާހަކަ ފެތުރުމުގެ ގޮތުންނެވެ. ކަނޑައެޅިގެން ދޮގުވާހަކަ ފެތުރުމަކީ އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ފާފަވެރި އަމަލަކަށްވިޔަސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލިސްތެރޭގައި އިމްތިޔާޒު އޮންނަކަމަށް އަމިއްލައަށް ނިންމާފައިވާތީ ކިޔަނީއެވެ.

ޖައުފަރުގެ ދަރިފުޅު އޭނާގެ ބައްޕަގެ ބަލިކަމާއި އެކަންފެށުމުގައި އޭނާ ހައްޔަރުކުރި ކުރުމަކަށް އިޝާރާތްކޮށްފައި ވިޔަސް ޖައުފަރުގެ ގޮތް ދަންނަ އޭނާ އުޅޭ ސާބުގަނޑުގެ މީހުންނަށް އޭނާގެ އަޚްލާގެއް ނޯޅެއެވެ. މަގުމަތިން އޭނާ ފުރައްސާރަކޮށްފައިވަނީ ހަމައެކަނި ރައީސް ވަހީދަށް ނޫންކަން ސޯޝަލް މީޑިއާގައި އޭނާގެ އެފަދަ އަމަލުތައް ތަޖުރިބާކުރެވިފައިވާކަމަށްބުނެ މީހުން ފާޅުކޮށްފައިވާ ޝުއޫރުތަކުން އެގެއެވެ. ޖެނިފާ ލަތީފު ކިޔާ ކަނބަލަކު އޭނާއާއި މިޖައުފަރު ދިމާކުރިކަމަށް ލިޔެފައިވެއެވެ. ބަލިމީހަކު މަގުމައްޗަށް ނުކުމެ މީހުންނަށް އަވަގުރާނިގޮވައި ހުތުރު އެއްޗެހި ގޮވައި ފުރައްސާރަ ކުރަމުންދާނަމަ އެމީހަކު މުޖްތަމައަށް ދޫކޮށްލެވިފައި ހުންނަންވާނެތޯއެވެ. ނޫނެކެވެ. މިއީ މުޑުދާރު އަޚްލާގީ މައްސަލައެއް ހިމެނޭ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ އެމްޑީޕިން ވެއްދީ ރ އުގޫފާރު ދާއިރާގެ މެމްބަރު އޭނާ ހިތަށް އެރިގޮތަކަށް ރައީސް ވަހީދު ލިޔުއްވާފައިވާ އެއްޗެއް މާނަކޮށް މަޖިލިސްތެރޭގައި މިމައްސަލަ ހިލުވައިލުމަށެވެ. ހަމަލާދިންކަމަށް ބުނުމަކީ ރައީސް ވަހީދުގެ ގައިކޮޅުގައި ޖެހުންކަމަށް މާނަކޮށް އެއީ ރައީސް ވަހީދު ހެއްދެވި އިތުރުފުޅެއްކަމަށް ދެއްކުމަށެވެ. ދިވެހި ބަސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މީހަކު ތަރުޖަމާކޮށްދޭން ޖެހޭނެކަމަށް ދެކޭ މީހަކު ނުހުރެދާނެއެވެ. އެކިގޮތްގޮތަށް މީހުންނަށް ހަމަލާދެވެއެވެ. ދިވެހި ބަހުގައިވެސް އަދި އެހެންބަސްބަހުގައިވެސް ބަހުގެ ހަމަލާދިނުމަކީ އޮންނަކަމެއްކަން ނަޝީދަށް އެގިވަޑައިގަންނަވައެވެ. އަދި އިނގިރޭސިން އެބަސް ތަރުޖަމާކޮށްދޭން އުޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލްއަކީވެސް ރަނގަޅަށް ކިޔަވައިގެން ހުރި ޒުވާނެއްނޫންތޯއެވެ.

މީގައި އެންމެ ހައިރާންވިކަމަކީ ރައީސް ވަހީދު އެމައްސަލަ އަމިއްލަފުޅަށް ފުލުސް އޮފީހަށް ހުށަނާޅުއްވަނީސް އެމަނިކުފާނު ހުށަހެޅުއްވިކަމަށް ބުނެ މެމްބަރ އަނެއް ދޮގު ރައްޔިތުންގެ މަޖިލީހުގައި ހެދުމެވެ. އެމައްސަލަ ހުށަހަޅަނީ ސިފައިންނެވެ. ކުރީގެ ރައީސުންގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަވަނީ ނޭޝަނަލް ޑިފެންސްފޯސްއިން ކަމަށްވުމާއެކު ނޭޝަނަލް ޑިފެންސްފޯސްއިން އެމައްސަލަހުށަހަޅާނީ ހުށަހަޅަންޖެހޭ ސަބަބުތަކެއް ހުރީމަނޫންތޯއެވެ. ފުލުހުންނަށް މައްސަލައެއް ހުށަހަޅުއްވާފައިނުވާނެކަމަށް ރައީސް ވަހީދު އަމިއްލަފުޅަށްވެސް ވިދާޅުވެފައިވެއެވެ.

އެކަމަކު އެމައްސަލައަކީ ރައީސް ވަހީދު ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލައަކަށް އެމްޑީޕީން ހަދައި، މީހުންނަށް އޮޅުވައިލުމަށްޓަކައި ހިތުހުރިގޮތަކަށް ބަސްމާނަކޮށް، ނުހިގާކަމެއް ހިގިކަމަށް ހަދައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަޖިލީހަށް މައްސަލަ ހުށަހަޅަން ފޮނުވުމުން ރިޔާސަތުން ކަނުލޮލަކުން ބަލައި، ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޝަރަފްލިބިގެންވީ އިއްޒަތްތެރި މަޖިލީހުގައި ފުރައްސާރަކުރަން ހުޅުވައިލުމަކީ ދިވެހި ރާއްޖޭގެ ގާނޫނާއި ޚިލާފްކަމަކަށް ނުވާނެތޯއެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ރައީސް ވަހީދަށް އޮންނަ ހަސަދަވެރިކަމަކާއި ރުޅިވެރިކަމެއްގެ ބޮޑުކަމުން އެމަނިކުފާނުގެ ކުލައަށް ބަލައި، ކާޅަށް ގޮވާގޮވުން ތަރުޖަމާކުރަން ރައްޔިތުންގެ މަޖިލީހުގެތެރޭގައި ތެދުވެވަޑައިގަތީ މަޖިލީހުގެ ނާއިބް ރައީސާ އީވާއެވެ. އީވާގެ ވާހަކަތައް އަޑުއަހަން ފަސޭހަ ނުވިޔަސް އެވާހަކަތަކާއި ދެކުނުއެފްރިކާގެ ކަޅުނަސްލުގެ މީހުންނަށް އެގައުމަށް ވެރިވެތިބި ދޮން ނަސްލުގެ މީހުން އިންގި ނަސްލީތަފާތުކުރުންތަކުގައި ބެނުންކުރި ބަސްމަގާއި ހުރީކޮންތަފާތެއްތޯއެވެ. ތިމާމެން މިއީ ދެން މާކުލަރީތި ބަޔަކީތޯއެވެ. ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މިވަރުގެ ރޭސިސްޓް އަމަލުތަކެއް ހިންގަން ހެޔޮވާނީ ކިހިނަކުންތޯއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސަކީ އިންސާނީ ހައްގުތަކަށް ލޯބިކުރުމުގައި އޭޝިޔާގެ ނެލްސަން މަންޑޭލާއޭ ބަޔަކު ކިޔައެވެ. އެއީ ރާއްޖޭގެ މަހާތުމާ ގަނދީއޭ ކިޔައެވެ. ރައްޔިތުންގެ މަޖިލީހުގައި ރޭސިޒަމް ޕްރޮމޯޓްކުރަމުން ދިޔައިރު އެމަނިކުފާނު އިންނެވީ ފޭސްމާސްކެއް އަޅުއްވައިގެންނެވެ.

މަގުމަތިން ފުރައްސާރަ ރައްދުވި މީހާށް ރައްޔިތުންގެ މަޖިލިސްތެރޭގައި މެމްބަރުން އެމީހުން ހިތަށް އެރި އެއްޗެއްގޮވައި އަބުރު ކަތިލަމުންދިޔައިރު ފުރައްސާރައިގެ މުޑުދާރު އަމަލު ހިންގި މީހާވީ އޮނަރަބްލްގެ ދަރަޖަ އެރުވުނު އިއްޒަތްތެރި މީހަކަށެވެ. މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިޖައުފަރުގެ ނަން ބޭނުންކުރުމުގައި ކުރިއަށް އޮނަރަބްލް ބެނުންކުރިއެވެ. ރައީސް ވަހީދުގެ މައްސަލައަކީ މީހަކު އެމަނިކުފާނަށް ފުރައްސާރަކުރުމުން އެވާހަކަ އެހެންމީހުން ކައިރީގައި ބުނުމެވެ. އެއީ ވަހީދަށް އޮންނަޖެހޭ ހައްގެއްކަމަށް މަޖިލިސްގެ މިމެމްބަރުންނަށް ގަބޫލުފުޅު ނުކުރެއްވެނީއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން އެމީހާވެސް ޕާޓީއަށް ނިސްބަތްވާ މީހަކަށްވީމައި ކުށުން ބަރީއަކޮށް ދޫކޮށްލެވުނީއެވެ. އެކަމަކު ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއިވެސް ވަރަށް ދެކޮޅު ކަމަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވައެވެ.

ރައީސް މުހައްމަދު ވަހީދު ބަޣާވާތްކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ވާހަކަ ދައްކަވައި އެކަން މަޖިލީހުން ތަހްގީގުކުރަން ފެންނަކަމަށް ބުނިއިރު ރައީސް މުހައްމަދު ވަހީދު ރައީސްކަމުގައި ހުންނަވަނިކޮށް އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެހޯދިގޮތަކަށް ހޯދައި ރައްޔިތުންގެ މަޖިލީހުގައި ފެބްރުއަރީ 7 ތަހްގީގުކުރި ހަދާންހުރި މީހަކު ފަހެ ނެތީތޯއެވެ. އެހާވަރަށް ހަދާންބަލިވެ ދިޔައީތޯއެވެ. އެތަހްގީގު ހިންގުމަށް ރައީސް މުހައްމަދު ނަޝިދު އަރިހުގައި ފެބްރުއަރީ 7 ގެ ހާދިސާ ހިނގިއިރު ތިބި ސިފައިންގެ އިސްވެރިންތައް މަޖިލީހަށް ހާޒިރުކޮށް ލައިވްކޮށް ހިންގި ތަހްގީގުން އެއީ ބަޣާވާތަކަށްވުރެ ބޮޑަށް ރައީސްކަމުގައި ހުންނެވި ބޭފުޅާއަށް ހެއްދެވުނު ގޯސްތަކެކަމަށް ވެގެންހިގައިދާނެކަމަށް ފެންނަން ފެށުމުން އެތަހްގީގު ހުއްޓައިލީވެސް އެމްޑީޕީގެ ބާރު އޮތް މަޖިލީހުން ނޫންތޯއެވެ. ކޯނީގެ ރިޕޯޓް މަޖިލީހުގެ މެމްބަރުންގެ ޑެސްޓޮޕަށް ދޫކޮށްލެވި ގޮތަށް އެތަހްގީގު ބަޔާންތައް މެމްބަރުން ކިޔައިލެއްވުމަށް ނިކަން ދޫކޮށްލައްވަ ބައްލަވާށެވެ. އެތަހްގީގު ހިންގެވި މަޖިލީހުގެ ކޮމެޓީގެ މުގައްރިރަކަށް އިންނެވީ ކޮމަންވެލްތުގެ ބޭފުޅެއްނޫނެވެ. އެމްޑީޕީގެ އިއްޒަތްތެރި އަދި ބަޣާވާތް ރަނގަޅަށް ނިއުޅާލައްވަން ބޭނުންފުޅުވެފައި ހުންނެވި މެމްބަރެކެވެ. ރަނގަޅަށް ފުރާނައިގެން މަޖިލީހަށް ހާޒިރުކުރީވެސް ކޮމެޓީއަށް ހާޒިރުކުރަން ފެނުނު ސިފައިންގެ ޖެނެރަލުންނެވެ. އެކަމަކު ހިތްއެދޭ ނަތީޖާއެއް ނުފެނުނީއެވެ.

Advertisement

ކޮމެންޓް