ފުލުހުން ރެއިޑްކުރާހެން މިހާރު އެބަ ހީވެއެވެ!

18 Jul 2020 | 23:39

މި ޖުލައިމަހުގެ 1 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ޕާޓީން ރައްޔިތުންގެ މަޖިލީސްގައި ތިއްބެވި މެމްބަރުންނަށް އިންޒާރުގެ ރަނގަބީލެއް އެޅުއްވިއެވެ. މޭޒުކޮޅު މަތީގައި ހުރި ރަނގަބީލް ފުރަތަމަ ޖެއްސެވީ މެމްބަރުން ވޯޓަށް ތައްޔާރުވުމަށްކަމުގައި ވީނަމަވެސް އެއާއިވިދިގެން ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ފުލުހުންނާއިމެދު ސަމާލުވެގެން ތިބުމަށެވެ.

" ދަންނަވަން އޮތީ ވަރަށް އުނދަގޫ ވާހަކައެއް. އަޅުގަނޑަށް ވަރަށް މައުލޫމާތު އެބަލިބޭ ފުލުހުންގެތެރެއިން މަދު ބޭފުޅުންކޮޅެއް މަޖިލީހުގެ މްމެބަރުންގެ އެކިކަންކަން ރެއިޑްކުރުމަށް ބެލުމަށް މަސައްކަތްކުރަމުންދާކަމަށް" އެރައިޑްކުރުމާއިގުޅޭ ތަފްސީލަކަށް ވަޑައިނުގަންނަވައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާއަށް ފުލުހުން އަރުވާ ސިއްރު މައުލޫމާތު އެއިދާރާއިން އެމަނިކުފާނާއިވެސް ހިއްސާކުރާތީ ކަމެއް ނުވަތަ ފުލުހުންގެ ތެރެއިން ޖާސޫސްކޮށްދޭ ބަޔަކު އެމަނިކުފާނަށްދޭ ޖާސޫސީ މައުލޫމާތުތަކެއްގެ ސަބަބުން އެނގިވަޑައިގަތް ކަމެއްކަމަށް ބުނަން ނޭގުނަސް އެހެންވިދާޅުވި ވަގުތަކީ ނަޝީދާއި އަދި އެމަނިކުފާނާއި ވަރަށް ގާތް މެމްބަރުންކޮޅެއް ކޮންމެވެސް ރިސޯޓެއްގެ މޫދުގައި ކޮންމެވެސް ކަހަލަ ޑްރިންކެއް ނަންގަވަން ތިއްބެވި ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލީކުވެ އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި އޮތް ފުލުހުންގެ ބިލާއިބެހޭގޮތުން ހިގަމުންދިޔަ ބަހުސްގައި ނަޝީދާއި އަދި އެމްޑީޕީގެ މެމްބަރުން ފުލުހުންނަށް ފުލުފުލުގައި ވަރަށް ހަރުކަށި ބަހުރުވަޔަކުން ފާޑުކިޔަމުންދިޔަ ދަނޑިވަޅެކެވެ. އަދި ހަމަ އެހެން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ނުފޫޒުގަދަ މެމްބަރެއްގެ އާއިލާގެ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ރޭޕްގެ މައްސަލައެއް ފެންމަތިވެ ވަރަށް ހޫނު ބަހުސްތަކެއް ހިގަމުންދިޔަ ދުވަސްކޮޅެކެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި އޮތް ފުލުހުންގެ ބިލަށްވުރެ މޫދުގައި ތިއްބަވަނިކޮށް ނަގައި ސޯޝަލް މީޑިއާއަށް ދޫކޮށްލެވިފައިވާ ފޮޓޯއާއި ޖޫންމަހުގެ 27 ވަނަ ދުވަހުގެ ފަތިހު ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމަށް ފެތުރެމުންދިޔަ ވާހަކަތައް އެމްޑީޕީއަށް މާ ހައްސާސްކަން ބޮޑެވެ. މޫދުގައި ތިއްބަވަނިކޮށް ނަގާފައިވާ ފޮޓޯއިން ކޮންމެވެސް ބަޔަކު ނުވަތަ މީހަކު އެމަނިކުފާނަށް ފާރަލަމުންދިޔަކަން ނުވަތަ ދާކަން ދޭހަކޮށްދެއެވެ. ޚާއްސަކޮށް ރޭޕްކޭސްއެވެ. އެކޭސްއިން ދޫކޮށްލި ތީރު ވަދެގެންދަނީ ޕާޓީގެ ހިތުގެ ވަރަށް ފުނަށެވެ. އެމްޑީޕީގެ އެންމެ މުހިއްމު އެއް ޝިއާރަކީ އިންސާނީ ހައްގުތަކާއި އިންސާފު ހޯދައިދިނުންކަމަށްވީ ހިނދު ރޭޕް ކޭސްއިން މިދެ ޝިއާރަށް ގުޑުންއަރައިގެންދިޔަކަން ދޭހަވެގެންދިޔައީ ރައްޔިތުންގެ މަޖިލިސް ކުއްލިއަކަށް ހިލިގަތުމުންނެވެ. މަޖިލިސްގެ އިހްތިސާސްގެތެރެއަށް މަޖިލިސްގެ އާރާއިބާރުން އެމައްސަލަ ގެނެސް މުޅި މައްސަލައިގެ ތެރެއަށް ވަދެގެންނެވެ. ރާއްޖޭގައި މީހުން މެރުމާއި ޖިންސީ ފުރައްސާރައާއި ރޭޕްކޭސްތަކާއި ވައްކަންކުރުމާއި މިކަންކަމަކީ ކޮންމެހެން މަޖިލީހުން އެކަމާ އެހާވަރުން ކޮންމެ ފަހަރަކު އުޅޭކަންކަމެއްނޫނެވެ. އެކަމަކު ކޮންބައެއްކަން ހާމަނުކޮށް ދިވެހި ފިރިހެނުންތަކެއް އެފްރިކާގެ އަންހެންކުއްޖަކު ގަދަކަމުން ރޭޕްކުރިވާހަކައެއް، ސޯޝަލް މީޑިއާގެތެރޭގައި އެނބުރޭ އާދައިގެ އޮންލައިން ނޫހެއްގައި ޖެހުމާއެކު މަޖިލިސްގެ އިންސާނީ ހައްގުތަކާއިބެހޭ ކޮމިޓީގެ އެމްޑީޕީގެ މެމްބަރުން ކުއްލިގޮތަކަށް އެކްޓިވްވެ ފުލުހުންނާއި ހިއުމަންރައިޓްސް ކޮމިޝަނާއި ޕޮލިސް އިންޓަރގްރިޓީ ކޮމިޝަންތަކުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، މަޖިލިސްގެ ތަހްގީގެއް ފެށިއެވެ. އެތަހްގީގުން ހިތަށްވަދެގެންދިޔައީ ހަގީގަތުގައިވެސް މީހުން ބުނަމުންދިޔަ ކަހަލަ ރޯޔަލް ކޭސްއެއްގެ ދަރަޖައެއް ދެވިފައިވާ ކޭސް އެއް ހެންނެވެ. މަޖިލީހުގެ ކޮމެޓީން ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލަށް އެންގީ އެމައްސަލައިގެތެރެއަށް ވަނުމަށެވެ. ދެން ފުލުހުންގެ ތަހްގީގުނުނިމެނީސް ޕީޖީ އަވަސް އަރައިގަނެގެން ނޫސްކޮންފަރެންސެއް ދެއްވިއެވެ. އަދި އެރޭޕްކުރުން އެއީ ނުހިނގާކަމެއްކަމަށް ހެދުމަށްޓަކައި ދުނިޔޭގެ އެހެންތަންތާގައިވެސް މީޑިއާއިން ޕްރޮޕެގެންޑާ ފަތުރާ ބީދައިން ރާއްޖޭގެ އެންމެ ބާރުގަދަ ނޫހުގެ ސީނިއަރ ޖާރނަލިސްޓަކު، ކަން ހިގައިދިޔައީ އޭނާ ލިޔެފައިވާގޮތަށްކަން ދެއްކުމަށްޓަކައި، ސްޓޭންޑަޑް ނޫހެއްގައި ބޭނުންނުކުރާފަދަ އާއްމު އަދަބީ އަދި އަޚްލާގީ މިންގަޑާއި ފުށުއަރާފަދަ ގޮތަކަށް ޖިންސީ ގުނަވަންތައް ސިފަކޮށްދޭ ބަހުރުވަ ހިމެނޭގޮތަށް ބަލިކަށި އާރެއް ބާރެއް ނެތް ވިކްޓިމްގެ އިންޓަވިއުއެއް ނަގައިޖަހައި އެއީ އެއްގޮތަކަށްވެސް ނުހިގާކަމެއްކަމަށް ދެއްކިއެވެ.

ތުހުމަތުކުރެވުނު މީހުންގެ ދިފާއީ އައްޑަނައެއްގެ ގޮތުގައި ހެދިގެން ފެތުރި ވާހަކަތަކަށް މީހުންގެ ފާޑުކިއުންތައް އަމާޒުވުމުން ޖަރނަލިސްޓްގެ ދިފާއުގައި ރައީސް އޮފީހުގެ ޕޮލިސީ ޑައިރެކްޓަރެއްކަމުގައިވާ ޝައުނާއާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދީދީ ތާރީފްގެ ބަސްތަކެއް އަމުނައި ޓްވީޓްތަކެއް ނެރުނެވެ. އަނިޔާލިބުނު އަންހެން މީހާގެ ހައްގުގައި ބަހެއް ވިދާޅުވުމެއް ނެތިއެވެ. މިމައްސަލައިގެ ތަހްގީގު ނުނިމެނީސް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން މިހާރު ކަނޑައަޅުއްވަނީ ސަފާރީގައި ރޭޕްކުރިކަމަށް ދައްކާ ވާހަކައަކީ ހަގީގީ ހާދިސާއެއް ނޫންކަމަށްތޯއެވެ.

ޔަގީންކުރެވޭ ކަމަކީ ފުލުހުންނަށް މިހާދިސާގެ ފުރިހަމަ މަންޒަރެއް ލިބިފައިވާނެކެމެވެ. ފުލުހުންވާނީ ކޮންމެވެސް ވައްތަރެއްގެ ރައިޑެއް ކޮށްފައެވެ. އެކަން ތިލަކުރަންވީމާ ލީކްވުމަކީ މީގެކުރިން ކަންކަން ހިގާފައިވާ ގޮތެވެ. ކޮންމެއަކަސް މިރޭޕްކޭހުގެ ވާހަކަ މަޖިލީހުން ބޭނުންނުވާގޮތަށް ލިޔުނު ނޫސްތަކާއިމެދު ފިޔަވަޅު އަޅައި އަދަބުދޭން މަޖިލީހުންމިވަނީ ކަނޑައަޅާފައެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން އެކަން ނުކޮށްފިނަމަ އަދަބާއި ކުރިމަތިލާންޖެހޭނީ ފުރަތަމަ ކައުންސިލް މެމްބަރުންކަން ޔަގީނެވެ. އެހާވެސް މިމައްސަލައިގެ ހައްސާސް އެމްޑީޕީގެ ޕާލަމެންޓް މެމްބަރުންނަށް ބޮޑެވެ. އަޅުގަނޑުގެ ހިތަށް ވަދެގެންދަނީ މީގެ ދެތިން އަހަރެއް ކުރިން ރާއްޖޭގެ ނޫސްވެރިން އަމިއްލައަތުން އަގަމަތީގައި ޓޭޕްއަޅައިގެން ކުރި މުޒާހަރާއެކެވެ. އެއީވެސް ދުވަހެކެވެ. މިއަދަކީވެސް ދުވަހެކެވެ. އެވާހަކަ ކުރުކޮށްލާފައި ނަޝީދުގެ އިންޒާރުގެ ރަނގަބީލަށް ޖެހިލަމާތޯއެވެ.

އަނެއްކާ ފުލުހުންގެ އަނެއް ރެއިޑްއެވެ. މިފަހަރުވެސް އެމްޑީޕީގެ މަޖިލިސް މެމްބަރެއްގެ މައްސަލައެކެވެ. މައްސަލަ ރައްދުވަނީ އެމްޑީޕީގެ މިލަންދޫ ދާއިރާގެ މެމްބަރ އަލީ ރިޒާއަށެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭކަމަށް މީޑިއާތަކުގައި ލިޔަމުންދަނީ އިންސާނީ ވަގުވިޔަފާރި ކުރުމާއި އެތައް މަހެއްވަންދެން ބިދޭސިންގެ ބަޔަކު ލައްވައި ގުދާރު ބިދެންދެންމަސައްކަތްކުރުމަށްފަހު މުސާރަނުދީ 200 އެއްހާ މީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަތްކަމުގެ ވާހަކަތަކެކެވެ. މިމައްސަލައިގެތެރޭގައި ފުލުހުން އެބަރައިޑްކުރެއެވެ. މަޖިލިސް މެމްބަރަށް ރައިޑްކުރިކަމެއް އަދި ސާފެއް ނުވެއެވެ. މޫސުމީ ކަމެއްގެ ގޮތުގައި ރަށެއްގެ ތޮށިމައްޗަށް ރާޅެއް ބިންދާލިޔަސް ކުއްލި މައްސަލައެއް އުފައްދައި ގައުމީ މައްސަލައަކަށް އެމައްސަލަހަދާ ބީދައިން މެމްބަރު ނިސްބަތްވާ މައްސަލަ މަޖިލިސްތެރޭގައި އަދި ނުހިގައެވެ. މައްސަލަ ރައްދުވާ މެމްބަރު ލަދުފުޅެއްވެސް ނުގަނެއެވެ. ދުނިޔޭގެ އެހެން ގައުމެއްގައިނަމަ މިފަދަ ތުހުމަތެއް ކުރެވުމުން އެމެމްބަރަކު އިސްތިއުފާދޭނެއެވެ.

އަނެއްކާވެސް ރައިޑެކެވެ. ރޭޕްކުރުމޭ ނުކިޔަސް ކުރީ މައްސަލަފަދައިން އަނެއްކާވެސް ޖިންސީ ފުރައްސާރައިގެ މައްސަލައެކެވެ. މިފަހަރު އަމާޒުވީ އެމްޑީޕީގެ ކުރީގެ މަޖިލިސް މެމްބަރ އަދި ޕާޓީގެ ކުރީގެ ރައީސް އަދި މިހާރުވެސް ޕާޓީގެ މެމްބަރަކަށް ނުވިޔަސް ޕާޓީގެ ވެރިންގެ ގާތު ނުފޫޒުގަދަ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއާއި ގުޅޭ މައްސަލައެކެވެ. ފުލުހުން ވަރަށް ރައިޑް އެބަކުރެއެވެ. އަލީ ވަހީދު އަތުގައި އެޕާޓީގެ އެހެންބޭފުޅުންނާއިގުޅޭ ވީޑިއޯތަކެއް ނުވަތަ ކޮންމެވެސް ކަހަލަ ހެއްކަކަށް ބޭނުންކުރެވިދާނެފަދަ އެއްޗެހި ތަކެއް ހުރެވެސް ދާނެއެވެ. މާގިރި ހޮޓަލަށް ލައްކަ ބޭބޭފުޅުން ވަޑައިގަންނަވާކަމަށް ސާބިތުނުހިފޭ އަޑުތައް އޮވެއެވެ. އަޑުތައް އިވޭގޮތުންނަމަ މިއީ އަމިއްލަ ޕާޓީގެތެރޭގައި ހިގާ ކޯޅުންގަޑެކެވެ. ރައިޑްތައް ޖަހައިގެންވިޔަސް މިމައްސަލަގަނޑު ފުޅާވެ ގޯނިން ބޭރަށް ދިޔަނުދީ ވޭތޯ މަސައްކަތްކުރަންޖެހެއެވެ. ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ އިންޒާރު މިދަނީ ނިއުޅެމުންނެވެ.

ފަޟީހަތްވާ ކޮންމެ ފަޟީހަތްވުމަކުން ސަރުކާރަށާއި އެމްޑިޕީއަށް ލިބިގެންދަނީ އިއާދަނުކުރެވޭހާ ބޮޑެތިން ގެއްލުންތައްކަމަށް ފެންނަނީ ޕާޓީގެ މެމްބަރުން ޕާޓީން ކެނޑިގެންނުދާން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެދިވަޑައިގެންފައިވާ އެދިވަޑައިގަތުމުންނެވެ. ޖިންސީ ފުރައްސާރައިގެ އެހެން ކޭސްއެއް ފެންމަތިވެގެން އުޅޭތީ ސަރުކާރުގެ އެހެން ވެރިއެއްގެ މައްޗަށް ފުލުހުން ރެއިޑެއް ނުޖަހާނެއެކޭ ބުނަން ތަންކޮޅެއް އަދި އަވަހެވެ. މިއީ ނަޝީދު އެވިދާޅުވާގޮތަށް ފުލުހުންގެ ވަކި ބަޔަކު ރާވައިގެން ވަރަށް އަޑިއަޑިން ހިންގާ ކަމަކަށް ނުވާނެބާއޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ. ކޮންމެއަކަސް ފުލުހުން ނެރެގެން މިޖަހަންޖެހޭ ރައިޑްތަކުން ޕާޓީގެ ތަސައްވުރު ވަރަށް ބޮޑަށް ކިލަނބު ވަމުން އެބަދެއެވެ. ޕާޓީގެ އަގުވެށްޓެމުން އެބަދެއެވެ.

Advertisement

ކޮމެންޓް