ދަރިފުޅުގެ ހައްގުގައި ޔުނާން މުލީއާގެ ބޭރުގައި!

25 Jul 2020 | 19:19

ހިތުގެ މައްސަލައަކާއި ގުޅިގެން ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކުޑަ އަންހެން ދަރިފުޅުގެ ހައްގުގައި އެކްޓަރ މުހައްމަދު ޔުނާން މުލީއާގެ ބޭރުގައި ހަރަކާތްތެރިވެއްޖެއެވެ.

ޔުނާން މީސް މީޑިޔާގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ ވަރަށް ގިނަ ތަންތަނުގައި އާދޭސް ކުރެވިއްޖެކަމަށާއި، އެންމެ ފަހުން ރިޖެކްޓް ޖެހުމުން މުލީއާގެއާއި ހިސާބަށްވެސް އަންނަން ޖެހިއްޖެ ކަމަށެވެ. ނަމަވެސް މުލީއާގޭގައި އެއްވެސް ފަރާތެއް ނެތްކަމަށް ބުނުމުން މީހަކާއި ބައްދަލުވާގޮތް ނުވިކަމަށް އޭނާ ބުންޏެވެ.

އެކަމަކުވެސް މީހަކާއި ބައްދަލުވެ ޖަވާބެއް ލިބެންދެން މަޑުކޮށްލާނެކަމަށް ޔުނާން ބުންޏެވެ. އަދި ދަރިފުޅުގެ ހައްގުގައި މަސައްކަތް ކުރެވެން އޮތް ގޮތަކުން މަސައްކަތް ކުރަމުންދާކަމަށްވެސް ފާހަގަކުރިއެވެ.

ނަމަވެސް ސަރުކާރުގެ އެއްވެސް ފަރާތަކުން އެއްބާރުލުން ނުލިބި ދަރިފުޅަށް ލިބެންވާ ފަރުވާ ނުލިބޭކަމަށް އޭނާ ބުންޏެވެ.

ޔުނާންއާއި އޭނާގެ އަންހެނުން ދަރިފުޅުގެ އޮޕަރޭޝަނަށްޓަކައި ދިއުމަށް މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ނަމަވެސް އެ ދަރިފުޅުގެ އޮޕަރޭޝަން ކުރެވެން ހުރި އިންޑިޔާގެ ކޮޗިންގެ ހޮސްޕިޓަލަކީ އާސަންދައިން ކަވަރ ނުކުރާ ހޮސްޕިޓަލަކަށްވުމުން އެކަމުގައި ވަނީ މާލީގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. 

އާސަންދައިން ވަނީ އެމީހުންގެ ދަރިފުޅު ޔޫންއަށް އިންޑިޔާގެ ކިމްސް ހޮސްޕިޓަލަށް ދެވޭނެ ގޮތް ހަމަޖައްސައިދީފައެވެ. ނަމަވެސް ކިމްސްއަކީ އެފަދަ ހިތުގެ އޮޕަރޭޝަނެއް ކުރަން އެންމެ އެކަށީގެންވާ ތަނެއް ނޫންކަމަށް ޔުނާންގެ އަންހެނުން ރިހުލާ ވަނީ ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ވަގުތު" އަށް މައުލޫމާތުދެމުން ބުނެފައެވެ. 

"މީގެ ކުރިން ހިތުގެ އޮޕަރޭޝަނެއް ކުރި 2 ކުދިންވެސް ނިޔާވީ. އަޅުގަނޑުމެން ބޭނުމެއް ނުވާނެ އަޅުގަނޑުމެންގެ ދަރިފުޅު އަޅުގަނޑުމެންނާއި ވަކި ވެގެން ދާކަށް" ރިހުލާ ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާސަންދައިން ކިމްސް ހޮސްޕިޓަލަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށްފަހު، ފަހުން އެފަދަ އޮޕަރޭޝަނެއް އެތަނުގައި ނުކުރެވޭނެ ކަމަށްބުނެ ފުރަން އޮތް ފްލައިޓުން ޖާގަ ކެންސަލްކޮށްފައެވެ. 

ފޮޓޯ: ވަގުތު

Advertisement

ކޮމެންޓް