ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން ހުޅުމާލޭގައި ބިނާކުރި އެކުންފުނީގެ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީ އިމާރާތްކުރި މި އޮފީސް އިމާރާތް ހުޅުވައިދެއްވީ މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސް ބޭފުޅުންނެވެ. އިމާރާތް ހުޅޫވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ، ކުންފުނީގެ މާޒީގައި ކާމިޔާބީތަކެއް ނެތްނަމަވެސް މިއަދު ކުންފުނީގެ ކުރިމަގު ފެންނަނީ ވަރަށް އުއްމީދީކޮށް ކަމަށެވެ. އެގޮތުން ކުންފުންޏަށް އާމްދަނީ ލިބޭނޭ ދާއިރާތައް އިތުރުކޮށް ގިނަ ކަންތައްތަކެއް ކުރަމުންދާކަމަށް ހާރިސް ފާހަގަކުރެއްވިއެވެ.

ޖުމްލަ 2,205 އަކަފޫޓްގެ މި އިމާރާތް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ މެއިމަހުގެ 20 ވަނަ ދުވަހެވެ. އެއަށްފަހު މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރުމަށްޓަކައި ޗައިނާގެ ހުނާން ނަންބަރު 6 އިންޖިނިއަރިންގް ކުންފުންޏާއެކު އެމް.ޓީ.ޑީ.ސީ އިން ސޮއިކޮށްފައިވަނީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހެވެ.

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.
އެމްޓީޑީސީން ބުނީ ތިމާވެއްޓާ ރައްޓެހި އުސޫލުތަކަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި އިމާރާތަކީ ހަކަތަ އިގްތިސާދުކުރެވޭނެ ގޮތަށް ބިނާކުރި ތަނެއް ނޫންކަމަށެވެ. އެގޮތުން ކަރަންޓު ޚަރަދު ކުޑަކުރެވޭ ފަދަ ލައިޓްތަކާއި، އިމާރާތުގެ އެތެރެ ހޫނުވުން ކުޑަކޮށްދޭ 'ލޯ-އީ' ބިއްލޫރި އަދި އެޑްވާންސް ތާމަލް އިންސިއުލޭޝަން ފަދަ ވަސީލަތްތައް މި އިމާރާތުގައި ހިމަނާފައިވާކަން އެމްޓީޑީސީން ވަނީ ފާހަގަކޮށްފައެވެ.
އެމްޓީޑީސީއަކީ ޓޫރިޒަމްގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް