އެއާ ފްރާންސް ކޭއެލްއެމް އިން ރާއްޖެއަށް ބެލީ ކާގޯގެ ޚިދުމަތް ޑިސެމްބަރުގައި ފަށަނީ
އެއާ ފްރާންސް ކޭއެލްއެމް މާޓިނެއާ ކާގޯ (އޭއެފްކޭއެލްއެމްޕީ ކާގޯ) އިން އަންނަ ޑިސެމްބަރު މަހުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވައިޑް ބޮޑީ ބެލީ ކާގޯގެ ޚިދުމަތް ދިނުމަށް ނިންމައިފިއެވެ.
އެ ކުންފުނީގެ 2026/2027 ވަނަ އަހަރުގެ ފިނި މޫސުމުގެ ތާވަލު ކުރިއަށްދާނީ 2026 އޮކްޓޫބަރު 25 ވާ އާދީއްތަ ދުވަހުން ފެށިގެން 2027 މާރިޗު 27 ވާ ހޮނިހިރު ދުވަހާ ހަމައަށެވެ. މި މުއްދަތުގައި ޕެރިހުގެ ޗާލްސް ޑި ގޯލް އެއާޕޯޓުން ރާއްޖެއަށް ހަފުތާއަކު ދެ ފްލައިޓް އެއާބަސް އޭ350 900 މަރުކާގެ ބޯޓުތަކުގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ރާއްޖޭގެ އިތުރުން، މި ފިނި މޫސުމުގައި ޑޮމިނިކަން ރިޕަބްލިކްގެ ޕުންޓާ ކާނާ އާއި މިސްރުގެ ގާހިރާއަށް ވެސް އެ ކުންފުނިން އަލަށް ދަތުރުތައް ފެށުމަށް ވަނީ ރާވައިފައެވެ. ޕެރިހާއި އެމްސްޓަޑަމްގެ ދެ ހަބު މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް މުދާ އުފުލުމުގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތް އެ އެއާލައިނުން ދަނީ ކުރަމުންނެވެ.
އެ ކުންފުނީގެ ކާގޯ ޑިވިޝަނުގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޕިއޭ-އޮލިވިއޭ ބަންޑޭ ވިދާޅުވީ، އަހަރު ނިމޭ ދުވަސްވަރާއި މާ މޫސުމާ ގުޅިގެން ފިނި މޫސުމަކީ މުދާ އުފުލުމަށް ބޮޑު ޑިމާންޑެއް އޮންނަ ދުވަސްވަރެއް ކަމަށެވެ. މާލެ އާއި ގާހިރާ އަދި ޕުންޓާ ކާނާއަށް ފަށާ އައު ޚިދުމަތްތަކުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފުރުޞަތުތަކާއި އިތުބާރު ހުރި ޖާގަ ލިބޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ތާވަލުގެ ދަށުން ދުނިޔޭގެ 14 މަންޒިލަކަށް ޚާއްޞަ ފްރައިޓާ ދަތުރުތައް ބޭއްވުމާ އެކު، ޕަސެންޖަރު ބޯޓުތަކުގެ ބެލީ ކާގޯ މެދުވެރިކޮށް 112 މަންޒިލަކަށް އަދި ޔޫރަޕްގެ 54 މަންޒިލަކަށް ޚިދުމަތް ދިނުމަށް އެ ކުންފުނިން ވަނީ ރާވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް