މާފަރު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި
މާފަރު އެއާޕޯޓް ތަރައްގީކޮށް ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މިއަދު ހެނދުނު ވެވުނު މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމް އެވެ.
މި މަޝްރޫޢުގެ ދަށުން Boeing 777-ER300 މަރުކާގެ ބޯޓް އޮޕަރޭޓް ކުރެވޭ ވަރަށް ރަންވޭ ބޮޑުކޮށް، ރަންވޭ އިތުރު 650 މީޓަރ ދިގުކުރުމަށާއި ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، މިހާރު ބޭނުން ކުރެވޭ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑް ކުރުން ހިމެނޭ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.
އަދި މީގެ އިތުރުން ޓެކްސީވޭ ފުޅާ ކޮށް، AGL އަޕްގްރޭޑް ކޮށް ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުންވެސް ހިމެނޭ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އިން ފަންޑުކޮށްފައިވާ 27،180،835.29 ޑޮލަރަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް