ޝާހިދު މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި
18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފުގެ އަޑުއެހުން މިއަދަށް ތާވަލްކޮށްފައިވަނިކޮށް ކެންސަލްކޮށްފިއެވެ.
އެގޮތުން، ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފުގެ އަޑުއެހުން ފުރަތަމަ ތާވަލްކޮށްފައިވަނީ، މިއަދު މެންދުރު 1:00 ގައި ބޭއްވުމަށެވެ. ނަމަވެސް، އެ އަޑުއެހުން މިހާރު ވަނީ ކެންސަލްކޮށްފައެވެ. އަދި ކެންސަލްކުރި ސަބަބު ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިމަހުގެ 2 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ޝާހިދު ގެންގޮސްފައިވަނީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިމަހުގެ 3 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ތަހުގީގަށް 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ، މިމަހުގެ 4 ވަނަ ދުވަހު ޝާހިދުގެ ރަސްމީ ގެކަމަށްވާ ހ. ރަބީއީމަންޒިލަށް ވަދެ އެތަން ބަލައިފާސްކޮށްފައެވެ.
މީގެ އިތުރުން، އޭނާ ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން، އޭނާއަށް ކުރަމުންދާ ތުހުމަތުތައް ދޮގުކުރައްވައި 'އެކްސް' ގައި ޕޯސްޓެއް ކުރައްވާފައިވެއެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ، މިއީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، މިފަދަ ސާބިތުނުހިފޭ ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އުމުރުން 64 އަހަރުގެ ޝާހިދަކީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ދެ ފަހަރެއްގެ މަތިން އޭނާ އަދާކުރައްވާފައިވެއެވެ. އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމު ފުރުއްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި 23 އަހަރު މަސައްކަތްކުރައްވައި، މަޖިލީހުގެ ރައީސްކަން ވެސް އޭނާ ކޮށްދެއްވާފައިވެއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުއްވުމަށް ޝާހިދު ވަނީ، އެމްޑީޕީގެ ރައީސް ކަމުން މިދިޔަ އޮގަސްޓް މަހު އިސްތިއުފާދެއްވައި، ރަސްމީކޮށް ކެމްޕެއިން ކުރުމުގެ މަސައްކަތް ފަށާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް