ފޭސްބުކު މެދުވެރިކޮށް ގުޅުން އުފައްދައި، ގެސްޓްހައުސްއަކަށް އަންހެނަކު ގެންގޮސް ރޭޕްކުރި މީހަކު 15 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި
ފޭސްބުކް މެދުވެރިކޮށް އަންހެނަކާ ގުޅުން އުފައްދައި، މާލޭގެ ގެސްޓްހައުސްއަކަށް ގެންގޮސް އެ އަންހެން މީހާ ރޭޕްކުރި މައްސަލައެއް ސާބިތުވެ، ޒުވާނަކު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ރޭޕްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ލ. މާބައިދޫ، ކަޑުރޯޅި، އިސްމާޢީލް ޖުމާންގެ މައްޗަށެވެ.
ދައުލަތުން ކޯޓަށް ހުށަހެޅި ދަޢުވާގައި ބަޔާންކޮށްފައިވަނީ، 23 މާރިޗު 2022 ވީ ދުވަހުގެ ފަތިހު 05:00 އެހައިކަންހާއިރު، ކ. މާލެ، ހ. ލަންދޫ ގޭގައި ހިންގަމުންދިޔަ "ރިއަލްއިން" ގެސްޓްހައުސްގެ ކޮޓަރިއެއްގެ ތެރޭގައި އަނިޔާލިބުނު އަންހެން މީހާގެ ނުރުހުމުގައި އިސްމާޢީލް ޖުމާން އޭނާ ރޭޕްކޮށްފައިވާ ކަމަށެވެ. މި ދަޢުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ ޖިންސީ ކުށުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާއަށް އިންކާރުކުރަމުން އިސްމާޢީލް ޖުމާން ބުނެފައިވަނީ، އެ ދުވަސްވަރު އެ އަންހެން މީހާއާއެކު އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި، އެ ދުވަހުގެ ފަތިހު ސައިކަލު ދުއްވާލަން ގޮސް ގެސްޓްހައުސްއަށް ދިޔައީ ވާހަކަދައްކާލަން ކަމަށެވެ. އަދި ދަޢުވާގައި ބުނާ ފަދަ އެއްވެސް ޢަމަލެއް އެތަނުގައި ހިންގާފައި ނުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ނަމަވެސް އަނިޔާލިބުނު އަންހެން މީހާ ހެކިބަސް ދެމުން ބުނެފައިވަނީ، އިސްމާޢީލް ޖުމާންއަކީ ފޭސްބުކުން ދަންނަ މީހެއް ކަމަށާއި، އެ ދުވަހު ސައިކަލު ދުއްވަން ގޮސް ގެސްޓްހައުސްގެ ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެ އިންދާ، އޭނާގެ ކަރުގައި ހިފައި ގަދަކަމުން އަންނައުނު ބާލުވައި ރޭޕްކުރީ ކަމަށެވެ. އަދި އެކަން ނުކުރުމަށާއި ތަދުވާކަމަށް ބުނެ ތަކުރާރުކޮށް އާދޭސްކުރި ނަމަވެސް، ޖުމާން އެ ޢަމަލު ހުއްޓާލީ އޭނާއާ ކައިވެނިކުރާނެ ކަމަށް އެއްބަސްވުމުން ކަމަށްވެސް ހެކިބަހުގައިވެއެވެ.
މީގެއިތުރުން، އެ ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ އަންހެން މީހާ ރޮވިފައި ހުރެ އޭނާގެ ރަޙްމަތްތެރިއަކަށް އެ ވާހަކަތައް ކިޔައިދީފައިވާކަން އެކުވެރިޔާގެ ހެކިބަހުން އެނގެން އޮތްއިރު، އައިޖީއެމްއެޗްގެ މެޑިކޯ ލީގަލް ރިޕޯޓުންނާއި ޑޮކްޓަރުގެ ހެކިބަހުން، އެ އަންހެން މީހާގެ ކަރުގައި ބުރޫޒް މާކްތަކެއް ހުރިކަމާއި، ގަދަކަމުން ޖިންސީ ގުޅުން ހިންގިކަން ަވަނީ ސާބިތުވެފައެވެ.
ހަމައެހެންމެ، ފުލުހުންގެ ފޮރެންސިކް ޑީއެންއޭ ރިޕޯޓުން ދައްކާ ގޮތުގައި، އަނިޔާލިބުނު އަންހެން މީހާގެ ހަށިގަނޑުގެ އެކި ތަންތަނުންނާއި، އޭނާ ލައިގެން ހުރި އަންނައުނުންނާއި، ގައިން ނެގި ސާމްޕަލްތަކުން ވަނީ އިސްމާޢީލް ޖުމާންގެ ޑީއެންއޭ ފެނިފައެވެ.
މި ހެކިތަކަށް ރިޢާޔަތްކުރައްވައި ކްރިމިނަލް ކޯޓުގެ ޤާޟީ މުޒައްމިލު ނާޞިރު ނިންމެވީ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޖުމާންގެ މައްޗަށް ރޭޕްކުރުމުގެ ކުށުގެ މާއްދީ އަދި މަޢުނަވީ ރުކުން ސާބިތުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް