ރީކޯ މޫސާގެ 2 ރަށެއް 45.6 މިލިއަން ޑޮލަރަށް ވިއްކާލުމަށް ބީއެމްއެލްއިން އިއުލާންކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދެއްކުމާ ގުޅިގެން، ލ. އަތޮޅުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކަށް ދީފައިވާ ފަރެސްއާއި ކުޑަފަރެސް ރަށް އާންމު ނީލަމެއްގައި ވިއްކާލަން ހުޅުވާލާފައިވާ ކަމަށް އެ ބޭންކުން އިއުލާނުކޮށްފިއެވެ.
މި ރަށްތަކަކީ ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކަށް ރަހުނުކޮށްފައިވާ ރަށްތަކެކެވެ.
ސިވިލް ކޯޓުން މިމަހުގެ 2 ވަނަ ދުވަހު ކޮށްފައިވާ ހުކުމަކާ ގުޅިގެން، ބޭންކަށް ލިބިދީފައިވާ ބާރުގެ ދަށުން މި ރަށްތައް ވިއްކާލުމަށް ނިންމާފައި ވަނީ 45,633,000 އެމެރިކާ ޑޮލަރަށެވެ. މި ރަށްތަކުގެ ހެޑް ލީސްގެ މުއްދަތު 2064 ވަނަ އަހަރުގެ ޑިސެމްބަރު 18 ގެ ނިޔަލަށް ހަމަވާގޮތަށް ހަމަޖެހިފައިވާއިރު، އެތަން މިވަގުތު ދަނީ 100 ކޮޓަރީގެ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ހިންގަމުންނެވެ.
މި ނީލަމުގައި ބައިވެރިވެގެން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ޕްރޮޕޯސަލްތައް ހުށަހަޅަންޖެހެނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، މާލޭގެ އޯކިޑްމާގޭގެ 6 ވަނަ ފަންގިފިލާގައި ހުންނަ ބީއެމްއެލްގެ ކްރެޑިޓް ޑިޕާޓްމަންޓަށެވެ.
ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައިގަތުމަށްފަހު ހަމަ އެ ދުވަހުގެ މެންދުރު 12:00 ގައި އޯކިޑްމާގޭގެ 11 ވަނަ ފަންގިފިލާގެ މީޓިންގ ރޫމުގައި ބައިވެރިންގެ ހާޒިރުގައި ޕްރޮޕޯސަލްތައް ކަނޑާނެއެވެ. އަދި ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ވެސް މި ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ބޭންކުން ބުނެއެވެ.
މިތަން ވިއްކާލެވެނީ "އެ އޮތް ގޮތަކަށް" އަދި "ހުރި ތަނެއްގައި" ކަމަށްވާތީ، ބީލަން ހުށަހަޅާ ފަރާތްތަކުން އަމިއްލައަށް ރިސޯޓާ ގުޅޭ ދިއު ޑިލިޖެންސް ހެދުމަށް ބޭންކުން ވަނީ އިރުޝާދުދީފައެވެ. އަދި ކާމިޔާބުވާ ފަރާތުން ޑިޕޮސިޓެއްގެ ގޮތުގައި 100,000 އެމެރިކާ ޑޮލަރު ފަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
2024 ވަނަ އަހަރުވެސް ބީއެމްއެލްއިން ވަނީ މި ރަށްތައް ވިއްކާލުމަށް އިއުލާންކޮށްފައެވެ. އެގޮތުން، ބީއެމްއެލުން ކުރި އިއުލާނުގައިވަނީ އެ ރަށްތައް ވިއްކާލުމަށް ދެ އޮޕްޝަނެއް ދީފައެވެ. ސިވިލްކޯޓުން އެއިރު ނެރުނު ހުކުމަށް ބަލާއިރު، ހެވީލޯޑުން ލޯނުގެ ގޮތުގައި ބީއެމްއެލުން ނަގާފައިވަނީ، 11 މިލިއަން ޑޮލަރެވެ.
ރީކޯ މޫސަގެ މަސްލަހަތު އޮންނަ ހެވީލޯޑަށް ލ.އަތޮޅުން މި ރަށްތައް ސަރުކާރުން ދީފައިވަނީ، ތިލަފުށި ބިންހިއްކުމުގެ މަޝްރޫއުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް