އިންވަސްޓަރުންނަށް ބިރުދެއްކުމާއި ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ: ސައީދު
ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ބިރުދައްކައި ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލަންޖެހޭކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ކުރިމަގަށްޓަކައި އިންވެސްޓަރުންނަށް އަމާޒުކޮށްގެން ކުރާ މިފަދަ އަމަލުތައް ހުއްޓާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި ވާދަވެރިކަން އޮންނަ ކަމަށް ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ދޮގު މައުލޫމާތު ފެތުރުމުން ރާއްޖެއާ ވާދަކުރާ ފަރާތްތަކަށް ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ލިބިދާނެ ކަމަށެވެ. ޒިންމާދާރުކަން ކުޑަ މިފަދަ އަމަލުތަކުން ގައުމަށް ގެއްލުން ލިބިދާނެތީ އެކަމާ މެދު އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ރާއްޖޭގައި ހިންގާ ކޮންމެ ވިޔަފާރިއެއް ހިނގަމުން ދާނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދާއިރާގެ ތެރޭގައި ކަމަށާއި، ގާނޫނާ ހިލާފު އެއްވެސް އަމަލަކަށް ޖާގަ ނުދެވޭނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ދެއްވިއެވެ.
މި ޕޯސްޓްގައި ވަޒީރު ވަނީ ކަންކަމުގެ ހަގީގަތް ނުބަލާ ދޮގު ހަބަރާއި ނަފުރަތު އުފެދޭ ވާހަކަ ފެތުރުން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރައްވާފައެވެ.
އިކޮނޮމިކް މިނިސްޓަރު އެކްސްގައި މި ބީދައިން ވިދާޅުވެފައިމިވަނީ ސަރުކާރުން ރަސްމާލެ ތަރައްގީކުރުމަށް ޔޫއޭއީގެ ކުންފުންޔެއް ކަމަށްވާ އީގަލް ހިލްސް އާއެކު ވެވުނު އެއްބަސްވުމާއި ގުޅިގެން އިދިކޮޅު ބަޔެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުން، އީގަލް ހިލްސްއަކީ ޔަހޫދީންނާއި ގުޅިފައިވާ ބަޔެއް ކަމަށް ތުހުމަތުކޮށް، ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
އިދިކޮޅު ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތައް ސަރުކާރުގެ އިތުރުން އީގަލް ހިލްސްއިން ވެސް ވަނީ ދޮގުކޮށްފައެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދިވެހީންނަށް ލިބޭނީ ބޮޑު ފައިދާއެއް ކަމަށް ސަރުކާރާއި އީގަލް ހިލްސްއިން ދަނީ ބުނަމުންނެވެ. މީގެ އިތުރުން، ދައުލަތައް ބޮޑު އާމްދަނީ އެއް ލިބި، އެތައް ހާސް ވަޒީފާއެއް މި މަޝްރޫއުގެ ސަބަބުން ދިވެހީންނަށް ލިބިގެންދާނެ ކަމަށް ސަރުކާރާއި އީގަލް ހިލްސްއިން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް