ކޯޕަރޭޓް ގަވަނަންސް އެންމެ ރަނގަޅު ކުންފުންޏަކަށް އެސްޓީއޯ ހޮވިއްޖެ
ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް އެންމެ ބޮޑަށް އަމަލުކުރާ ކުންފުންޏަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ހޮވިއްޖެއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު "ކޯޕަރޭޓް ގަވަނަންސް ރިވިއު 2025" ގައިވާ ގޮތުން، އެސްޓީއޯ އިން ވަނީ ކޯޕަރޭޓް ގަވަނަންސްގެ މިންގަނޑުތަކަށް 97.5 އިންސައްތަ ކާމިޔާބީއެއް ހޯދައި، ލިސްޓުގެ އެއްވަނަ ހޯދާފައެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ އަށް ކުންފުންޏެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި މި ރިޕޯޓުން ދައްކާ ގޮތުގައި، ކުންފުނިތަކުން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް އަމަލުކުރާ މިންވަރު ވަނީ ޖުމްލަ ގޮތެއްގައި 92.9 އިންސައްތައަށް އިތުރުވެފައެވެ. މިއީ 2024 ވަނަ އަހަރުގެ 88 އިންސައްތައާއި 2023 ވަނަ އަހަރުގެ 86 އިންސައްތައާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.
މި ރޭންކިންގގެ ދެވަނައިގައި 96.2 އިންސައްތައާއެކު އުރީދޫ މޯލްޑިވްސް އޮތްއިރު، ތިންވަނަ ލިބިފައިވަނީ 94.9 އިންސައްތައާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށެވެ. އަދި މި ލިސްޓުގެ އެންމެ ފުލުގައި 88.6 އިންސައްތައިގެ ސްކޯއަކާއެކު އޮތީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އެވެ.
ސީއެމްޑީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެސްޓީއޯ އިން ވަނީ ބޯޑު ހިންގުމާއި، ޑިރެކްޓަރުން ތަމްރީނުކުރުމާއި، އެތެރޭގެ އޮޑިޓް ނިޒާމު ހަރުދަނާކުރުމުގައި ނަމޫނާ ދައްކާފައެވެ. ވަކިން ހާއްސަކޮށް، 2025 ވަނަ އަހަރު ޑިރެކްޓަރުންގެ ހުނަރު އިތުރުކުރުމަށްޓަކައި 1,025,597 ރުފިޔާ ޚަރަދުކޮށް، އަށް ތަމްރީނު ޕްރޮގްރާމް އެ ކުންފުނިން ވަނީ ހިންގާފައެވެ.
މީގެއިތުރުން، ކޮންމެ އަހަރަކު ޑިރެކްޓަރުންގެ ބޯޑުގެ ތިންބައިކުޅަ އެއްބައި އިންތިޚާބުކުރަންޖެހޭ ޝަރުތު ފުރިހަމަކުރި ހަމައެކަނި ކުންފުންޏަކީ ވެސް އެސްޓީއޯއެވެ. އެ ކުންފުނީގެ މުޅި ބޯޑު އެކުލަވާލެވެނީ އެއް އަހަރުގެ ދައުރަކަށް ކަމަށްވާތީ، ކޮންމެ އަހަރީ އާންމު ޖަލްސާއެއްގައި ޑިރެކްޓަރުން އަލުން އިންތިޚާބުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި އެސްޓީއޯގެ ޗީފް އޮޑިޓް އެގްޒެކެޓިވްގެ ރިޕޯޓިންގ ލައިން އޮންނަ ގޮތަކީ މި ރިވިއުއިން ފެނުނު އެންމެ ފުރިހަމަ އަދި ސާފު ނިޒާމު ކަމަށް ސީއެމްޑީއޭ އިން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް