ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ޢައްބާސް އިބްރާހިމަށް އަރުވައިފި
ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢައްބާސް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އަރުވައިފި އެވެ.
އެމަނިކުފާނަށް މި ޝަރަފު އެރުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގަ އެވެ.
ޢައްބާސް އިބްރާހިމަކީ ދިވެހި ބަހާއި އަދަބިއްޔާތަށް 67 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒުގެ ރައީސްކަމުގައި 12 އަހަރު ޚިދުމަތް ކުރެއްވި އެވެ. ޢައްބާސް އަކީ ރާއްޖޭގައި އުފެދުނު އެންމެ ފާހަގަކޮށްލެވޭ ނޫސްވެރީންގެ ތެރެއިން ބޭފުޅެކެވެ. ނޫސްވެރިކަމަށް ނިކުންނެވީ 1950 ވަނަ އަހަރު އެވެ. "އާފަތިސް" ނަމުގައި ޢައްބާސް ވަނީ އަމިއްލަފުޅު ނޫހެއް ނެރުއްވާފަ އެވެ. އެ ނޫސް ވަރަށް ދިގު މުއްދަތަކަށް ނެރުއްވި އެވެ.
ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކޮށް މިނިވަން 25 ގެ އިނާމާއީ ނޫސްވެރިކަމުގެ ރަންގަލަމާއި އަލިމަސްގަލަމް އަދި ހަޔާތުގެ އަރުތަ ވެސް އައްބާސްއަށް ވަނީ އަރުވާފަ އެވެ.
ދިވެހި ބަސްފޮތް ޑިޖިޓަލް ކުރެއްވީވެސް ޢައްބާސްގެ ބެއްލެވުމުގެ ދަށުންނެވެ.
ޢައްބާސްގެ އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ކީރިތި ޤުރުއާންގެ ތަރުޖަމާން އެކީގައި ބައްލަވާ ދިވެހި ބަހުން ދޭހަވާނެހެން ފުރިހަމަ ކުރެއްވުމަށް ކުރެއްވެވި މަސައްކަތްޕުޅު ފާހަގަކޮށްލެވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް