އިނގިރޭސިވިލާތުން، ސައުދީއަށް ހޫތީންނާއި ދެކޮޅަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދެނީ
ޔަމަނުގެ ހޫތީންގެ ހަމަލާތައް އަލުން ފެށުމާއެކު ސަރަހައްދުގައި ހަމަނުޖެހުން އިތުރުވުމާ ގުޅިގެން، ސައުދީ އަރަބިއްޔާއަށް ދިފާއީ އެހީތެރިކަން ދޭން އިނގިރޭސިވިލާތުން ނިންމައިފިއެވެ.
އިނގިރޭސިވިލާތުން ބުނެފައިވާ ގޮތުގައި، އެ ގައުމުން ފޮނުވާނީ ރޯޔަލް އެއާ ފޯސް (އާރްއޭއެފް)ގެ ވޮއޭޖަރ މަރުކާގެ، ވައިގައި ހުރެ އެހެން މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދޭ ބޯޓެކެވެ. މި އެހީ ދެނީ ސައުދީ ސަރުކާރުން އެދިވަޑައިގަތުމުން، ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް ސައުދީން ކުރިއަށް ގެންދާ ދިފާއީ މަސައްކަތްތަކަށް އެހީތެރިވުމަށެވެ.
ސައުދީ އަރަބިއްޔާއަށް ހޫތީން ދީފައިވާ ހަމަލާތައް ކުށްވެރިކުރާ ކަމަށާއި، ސައުދީ އަރަބިއްޔާއާއި ޔަމަނަށް އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ލިބިގެންވާ ކަމަށް އިނގިރޭސިވިލާތުން ބުނެފައިވެއެވެ. ހޫތީންނަކީ މެދުއިރުމަތީގެ ސުލްހައަށް ނުރައްކާތެރި ބައެއް ކަމަށާއި، އެމީހުން ކާމިޔާބު ނުވުމަކީ އިނގިރޭސިވިލާތުގެ އިގްތިސާދީ އަދި ރައްކާތެރިކަމުގެ މަސްލަހަތު ކަމަށް ވެސް އެ ގައުމުން ބުނެފައިވެއެވެ.
އިނގިރޭސިވިލާތުން ފާހަގަކޮށްފައިވާ ގޮތުގައި، ގަލްފް ސަރަހައްދުގެ ކުރިމަތިލުންތަކުގެ ސަބަބުން އެ ގައުމުގެ ތެރޭގައި އަގުތައް މައްޗަށް ދިއުމާއި، ހަކަތައިގެ ސަޕްލައިއަށް ހުރަސް އެޅުމާއި، އިނގިރޭސި ވިޔަފާރިތަކަށް އިތުރު ހަރަދުތައް ކުރިމަތިވުމުގެ ނުރައްކާ އޮވެއެވެ.
މި އެހީއަކީ ސައުދީގެ ވައިގެ ދިފާއަށް އިނގިރޭސިވިލާތުން ކުރިން ވެސް ދެމުންދާ އެހީގެ އިތުރު ބައެކެވެ. މީގެ ތެރޭގައި ވައިގެ ދިފާއީ ވަސީލަތްތަކާއި، މިސައިލާއި ޑްރޯން ހަމަލާތަކުން ރައްކާތެރިވުމަށް އެހީތެރިވާ އިނގިރޭސި މުވައްޒަފުން ހިމެނެއެވެ.
ސައުދީ އަރަބިއްޔާއާއި ޔަމަނަކީ ދިގު މުއްދަތެއްގެ ބައިވެރިން ކަމަށް އިނގިރޭސިވިލާތުން ބުނެފައިވާއިރު، ސަރަހައްދުގެ ސުލްހަ ރައްކާތެރިކުރުމާއި، މުހިންމު ވިޔަފާރިއާއި ހަކަތައިގެ ސަޕްލައި ހިމާޔަތްކުރުމާއި، ޔަމަނުގެ ހަނގުރާމައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ހިތްވަރުދިނުމަކީ އެ ގައުމުގެ މަސްލަހަތު ކަމަށް ވެސް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް