ޕީސް ފައުންޑޭޝަންގެ ސުޖޫދު ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ޕީސް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ސުޖޫދު ކޭމްޕް" ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
އުމުރުން 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ މި ކޭމްޕަކީ ނަމާދާ ގުޅުންހުރި މުހިންމު ކަންކަން ޢަމަލީ ގޮތުން ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޚާއްޞަ ވޯކްޝޮޕެކެވެ. އެގޮތުން، ނަމާދުގެ ރުކުންތަކާއި ވާޖިބުތައް ޞައްޙަ ގޮތުގައި އަދާކުރާނެ ގޮތް، ޕްރެކްޓިކަލް ސެޝަންތަކާ އެކު މި ކޭމްޕުގައި ކުދިންނަށް އުނގަންނައިދޭނެ އެވެ.
މި ކޭމްޕުގެ ސެޝަންތައް ނަންގަވައިދެއްވުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ތަޖުރިބާކާރު ޢިލްމުވެރިއެއް ކަމަށްވާ އުސްތާޛު ނަސީމެވެ. އުސްތާޛު ނަސީމަކީ ކުޑަކުދިންނަށް ދީނީ ތަޢުލީމާއި ހޭލުންތެރިކަން އިތުރުކުރުމުގެ އެކި ޕްރޮގްރާމްތައް ހިންގުމުގައި ގިނަގުނަ ތަޖުރިބާތަކެއް ޙާޞިލުކުރައްވާފައިވާ، ކުދިންނާ ގުޅޭ ޝައުޤުވެރި ގޮތްތަކަށް މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ކުޅަދާނަ ބޭފުޅެކެވެ.
ޕީސް ފައުންޑޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އަހަރުގެ ކޭމްޕުން ފާހަގަކޮށްލެވޭ އެންމެ ޚާއްޞަ އެއް ކަމަކީ، ކޮންމެ އަހަރަކު މެލޭޝިޔާގައި ބޭއްވޭ އަލްޚާދިމް ޔޫތު ކޭމްޕު (އޭ.ކޭ.ވައި.ސީ.) ގައި ބައިވެރިވުމުގެ ފުރުސަތު ދިނުމެވެ. އެގޮތުން، ސުޖޫދު ކޭމްޕްގައި ބައިވެރިވާ ކުދިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 2 ކުއްޖަކަށް މި ބައިނަލްއަޤްވާމީ ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.
މީގެ އިތުރުން ޕީސް ފައުންޑޭޝަނުން ފާހަގަކުރި ގޮތުގައި، މި ކޭމްޕަކީ ކޮންމެ އަހަރަކުވެސް ބެލެނިވެރިންނާއި ކުދިންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ޕްރޮގްރާމެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް 100 އަށްވުރެ ގިނަ އަދަދަކަށް ކުދިން މި ކޭމްޕުގައި ބައިވެރިވެ، ނަމާދާ ގުޅޭ މުހިންމު މަޢުލޫމާތުތަކާއި ޢަމަލީ ތަޖުރިބާ ހޯދަމުންދާ ކަމަށް އެ ފައުންޑޭޝަނުން މަޢުލޫމާތު ދެއެވެ.
ޑިސެމްބަރު 15 ން 16 އަށް ކުރިޔަށް ގެންދާ ސުޖޫދު ކޭމްޕުގައި ބައިވެރިވުމަށް މިލިންކުގައި ވާ ފޯމް ފުރާލައިގެން ބައިވެރިވެވޭނެއެވެ.
https://forms.gle/UPr1Z3rneAh5NWPq7 އިތުރު މަޢުލޫމާތު ޕީސް ފައުންޑޭޝަންގެ މީސްމީޑިއާ މަންސަތަކުން ލިބޭނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް