އިބާ އޭނާގެ ވޯކް ސްޓޭޝަންގައި މަސައްކަތް ކުރަނީ-
އިބާ އޭނާގެ ވޯކް ސްޓޭޝަންގައި މަސައްކަތް ކުރަނީ-
ރިޕޯޓް 22 Nov 2026 | 07:37

ސްކްރީނާ ދުރުވެ، އުމުރުން 11 އަހަރުގެ އިބާ އުފެއްދި ކްރޯޝޭގެ ދުނިޔެ

މި ޒަމާނުގައި ގިނަ ކުދިންގެ ވަގުތުތައް ބޭކާރުވެގެންދަނީ ސްމާޓްފޯނުތަކާއި ޓެބްލެޓްތަކުގެ ސްކްރީންތަކަށް ގެއްލި، ސޯޝަލް މީޑިއާއާއި ގޭމުތަކަށް ކުޅުމުގައެވެ. އެތައް ގަޑިއިރެއް ބޭކާރު ގޮތުގައި ސްކްރީނަށް ހުސްކުރާއިރު، އޭގެ ސަބަބުން ކުދިންގެ ސިކުނޑިއަށާއި އުޅުމަށް އެތައް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

ނަމަވެސް، އދ. ދަނގެތީ ސްކޫލުގެ ގްރޭޑް 6 ގައި ކިޔަވަމުން އަންނަ އުމުރުން 11 އަހަރުގެ އިބާ އިބްރާހީމް ދާއޫދު މިވަނީ އެ އޮއިވަރާ ދެކޮޅަށް ފަތައި، ތަފާތު ނަމޫނާއެއް ދައްކުވައިދީފައެވެ. އިންޓަނެޓާއި ސްކްރީނުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ޔޫޓިއުބް މެދުވެރިކޮށް ކްރޯޝޭ ކުރަން ދަސްކޮށް، ވޫލު ބަރަނިތަކުގެ އެހީގައި އޭނާ މިވަނީ ސްކްރީންތަކާ ދުރު، ފަންނީ އަދި އުފެއްދުންތެރި އަމިއްލަ ދުނިޔެއެއް ބިނާކޮށްފައެވެ

އިބާ ވިޔެފައިވާ ޢީދު ހެދުން އޭނާ ލައިގެން-
އިބާ ވިޔެފައިވާ ޢީދު ހެދުން އޭނާ ލައިގެން-
އިބާގެ މަސައްކަތް ދައްކާލަނީ
ނޯވާ ރިސޯޓްގް އާޓް އެގްޒިބިޝަންގައި އިބާގެ މަސައްކަތް ދައްކާލަނީ

ފެށުން؛ ޝައުޤުވެރިކަމުން ހުނަރަކަށް

އިބާގެ މި ދަތުރު ފެށުނީ އުމުރުން އެންމެ 9 އަހަރުގައެވެ. ޔޫޓިއުބުން ފެނުނު ވީޑިއޯތަކަކުން އުފެދުނު ޝައުޤުވެރިކަމެއްގެ ސަބަބުން، ކްރޯޝޭ ކުރަން ދަސްކުރަން ބޭނުންވާ ވާހަކަ މަންމަ ގާތުގައި ބުންޏެވެ.

"އިބާ އައިސް ބުނީ އެކަން ކުރަން ބޭނުންވާ ވާހަކަ، އޭރު އަދި 9 އަހަރުވަރު. ހިތަށްއެރީ ވޭތޯ އެ ތަކެތި ހޯދައިދޭނަމޭ. ދެން އޭރު އަލީ އެކްސްޕްރެސްއިން ވަރަށް ދުވަހުން ލިބެނީވެސް. އެކަމަކު ހުކު ސެޓެއް ފުރަތަމަ ގެނައީ، ރަށުން ވޫލް ބޮޑިއެއް ގަތީ."

އިބާގެ މަންމަ އައިމިނަތު ސަމާ

އިބާ ވިޔެފައިވާ ތަކެތި
އިބާ ވިޔެފައިވާ ތަކެތި

މަންމަ ކިޔައިދިން "ސްލިޕް ނޮޓް" އާއި "ޗެއިން" އެޅުމުގެ އަސާސީ ފިލާވަޅަށްފަހު، އިބާގެ އެދުރުދޮރާށްޓަކަށްވީ ޔޫޓިއުބެވެ.

"މަންމަ ކިޔައިދިނީ ސިލިޕްނޮޓް އަދި ޗެއިން، ދެން ޔޫޓިއުބް ބަލައިގެން އަމިއްލައަށް ދަސްކުރީ. ޔޫޓިއުބުންވެސް ބެލީމަ ނޭނގުނީމަ މަންމަ ކައިރީ ބަލަން ބުނަނީ ޔޫޓިއުބް، ދެން މަންމަ ބަލާފަ ކިޔައިދެނީ. އެންމެ ފުރަތަމަ ހެދީ މަލެއް."

އިބާ

އިބާ ވިޔެފައިވާ ކީޗެއިން އަދި ސޮފްޓް ޓޯއީ
އިބާ ވިޔެފައިވާ ކީޗެއިން އަދި ސޮފްޓް ޓޯއީ

މިހާރު އިބާއަކީ ތަފާތު ވައްތަރުގެ ކީ-ޗެއިން، ކުޑަކުދިންގެ ހެދުން އަދި ކުޅޭ އެއްޗެހިވެސް ވިޔަން ދަންނަ ކުޅަދާނަ ކުއްޖެކެވެ.

އިބާ މިހާތަނަށް ހެދި އެންމެ ޚާއްޞަ އެއްޗަކީ އޭނާގެ ފަޒޫދޮންތަ ދިން އޯޑަރަކަށް ހެދި "އާމީ މޭން" އެކެވެ. އެއީ އިބާގެ ކޫބޭ ނޭޝަނަލް ސާވިސަސްގެ ޓްރެއިނިން ނިންމި މުނާސަބަތަށް ހެދި އެއްޗެކެވެ.

އިބާގެ ކޫބޭއަށް ހަދައިދިން އާމީ މޭން
އިބާގެ ކޫބޭއަށް ހަދައިދިން އާމީ މޭން

މީގެއިތުރުން ސްޓެލްކޯގެ އާޓް މުބާރާތަށް، ހެދި ކްރޯޝޭ ކެންވަސްއަކީވެސް އިބާގެ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. ސްކޫލު ޓެސްޓް ދުވަސްވަރާ ދިމާކޮށް ހަދަން ފެށި އެ މަސައްކަތް ނިންމާލެވުނީ  14 ދުވަހުންނެވެ. އެ މަސައްކަތް ވަނީ މުބާރާތުގެ "ބެސްޓް 10" އަށް ހޮވިފައެވެ.

ސްޓެލްކޯ އާޓް މުބާރާތަށް އިބާ ވިޔުނު ކެންވަސް
ސްޓެލްކޯ އާޓް މުބާރާތަށް އިބާ ވިޔުނު ކެންވަސް

ކިޔެވުމާއި މަސައްކަތުގެ ބެލެންސް

ކިޔަވާ ކުއްޖަކަށް ވުމާއެކު، ވަގުތު މެނޭޖްކުރުމަކީ އިބާއަށް ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން މަސައްކަތްތައް ކުރަމުންދަނީ ވަކި ތަރުތީބަކުންނެވެ. ފުރަތަމަ ނަމާދެވެ. އެއަށްފަހު ފިލާވަޅުތައް ހަދައި ކިޔެވުމެއެވެ. ދެން ކްރޯޝޭ ކުރުމެވެ.

”ބޮޑު އޯޑަރެއްނަމަ ނަގަނީ ކިޔެވުމަށް އުނދަގޫނުވާހެން ނިންމަން ގިނަ ދުވަސް އޮތް ނަމަ. އެނޫން ލިބޭ ކުދި އޯޑަރުތައް ހަދަނީ ލިބޭ ހުސްވަގުތު ތަކުގަޔާއި އަދި ބަންދު ދުވަސް ތަކުގައި.

އިބާ

ނޯވާ ރިސޯޓްގެ އާޓް އެގްޒިބިޝަންގައި އިބާގެ މަސައްކަތް ދައްކާލަނީ
ނޯވާ ރިސޯޓްގެ އާޓް އެގްޒިބިޝަންގައި އިބާގެ މަސައްކަތް ދައްކާލަނީ

އިބާގެ މަންމަ ކިޔައިދިން ގޮތުގައި މި މަސައްކަތުގެ ސަބަބުން އިބާއަށް ޒިންމާދާރު ކަމާއެކު މަސައްކަތްތައް ނިންމުމުގެ އިތުރުން ރިވެތި އަޚްލާޤީ ސިފަތައްވެސް ދަސްވެއެވެ. އެގޮތުން، ކްރޯޝޭ ކުރަން ވަގުތު ހޯދުމުގެ ގޮތުން، ގޭތެރޭގައި އަމިއްލައަށް ކުރަންޖެހޭ ކަންކަން އަވަހަށް ނިންމާލުމުގެ އިތުރުން، ކޮއްކޮގެ ފިލާވަޅުތައް ހެދުމުގައިވެސް އިބާ އެހީތެރިވެއެވެ. އަދި ކްރޯޝޭ ކުރުމުގައި ގޯހެއް ހެދިއްޖެނަމަ މުޅި އެތި ނިއުޅުވާލަން ޖެހުނަސް، ފޫހިކަމެއް ނެތި ކެތްތެރިކަމާއެކު އެކަން ކުރުމުގެ މަސައްކަތް ކުރެއެވެ.

ޢާއިލާގެ އެއްބާރުލުމާއި ކުރިމަގުގެ ހުވަފެން

މި ހުނަރު އިތުރަށް ތަރައްޤީކުރުމާއި، މަސައްކަތް ކުރުމުގައި އިބާގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ ޢާއިލާއެވެ. އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމަކީ ހުއްޓުމެއްނެތި މަސައްކަތާއިގެން ކުރިއަށް ދިޔުމަށް ލިބޭ ބާރެކެވެ.

ޓީޗާސްޑޭއަށް އިބާ ވިޔުނު ބޭންޑް
ޓީޗާސްޑޭއަށް އިބާ ވިޔުނު ބޭންޑް

ޚާއްޞަކޮށް މަންމަ، ބައްޕަ، މާމަ އަދި ފަތުރުދޮންތަގެ ފަރާތުން ލިބޭ އެއްބާރުލުން އިބާ ފާހަގަކުރެއެވެ. ރާއްޖެއިން ބޭރަށްދާ ދަތުރުތަކުން އިބާއަށް ބޭނުންވާ ތަފާތު ވައްތަރުގެ ވޫލުތައް ހޯދައިދެނީ އާއިލާގެ މެންބަރުންނެވެ. އަދި އިބާގެ މަސައްކަތް ފުޅާކޮށް، ވިޔަފާރިއަކަށް ހަދައިދެން މަގުފަހިކޮށްދިނީވެސް އެމީހުންނެވެ.

އިބާ ވިޔެފައިވާ އެއްޗެއް
އިބާ ވިޔެފައިވާ އެއްޗެއް

އެގޮތުން ފުރަތަމަ ހޮބީއެއްގެ ގޮތުގައި ފެށި މި މަސައްކަތުން ހަދާ ތަކެތި އޭނާ މާމަގެ ފިހާރައިންނާއި އިންސްޓަގްރާމް ޕޭޖު ”ކްރޮޝޭ ބައި އިބާ” މެދުވެރިކޮށް މިހާރު ދަނީ ވިއްކަމުންނެވެ.

އަދި ސްކޫލުގެ ޓީޗަރުންނާއި ރައްޓެހިންގެ ފަރާތުންވެސް މިހާރު އޯޑަރުތައް ލިބެމުންދާއިރު، ނޯވާ ރިސޯޓްގައި ބޭއްވި އާޓް އެގްޒިބިޝަންގައި ދަނގެތީ ސުކޫލުގެ ފަރާތުން ބައިވެރިވެ، އިބާގެ ކްރޯޝޭ މަސައްކަތް އެ ރިސޯޓްގެ ފަތުރުވެރިންނަށްވެސް ވަނީ ދައްކާލާފައެވެ.

މި އަހަރުގެ ޓީޗާސްޑޭއަށް އިބާ ތައްޔާރުކުރި ސަންފްލާވާ ބޭންޑު ޓީޗަރުން އަޅައިގެން
މި އަހަރުގެ ޓީޗާސްޑޭއަށް އިބާ ތައްޔާރުކުރި ސަންފްލާވާ ބޭންޑު ޓީޗަރުން އަޅައިގެން

މުސްތަޤުބަލަށް ކުރާ އުއްމީދު

މުސްތަޤުބަލުގައި އިބާ ބޭނުންވަނީ އެހެން މީހުންގެ ވީޑިއޯތަކަށް ބެލުމެއްނެތި، އަމިއްލަ ޚިޔާލަށް ޕެޓާންތައް އުފައްދާ މޮޅު ފަންނުވެރިއަކަށް ވާށެވެ. އަދި މޯލްޑިވްސް އެކްސްޕޯ ފަދަ ބޮޑެތި މައުރަޒުތަކުގައި ބައިވެރިވެ ހުނަރު ދައްކާލައި، އަމިއްލަ ކްރޯޝޭ ސްޓޫޑިއޯއެއް ހުޅުވުމަކީ އިބާ ދެކޭ އެންމެ ބޮޑު ހުވަފެނެވެ.

އިބާ ވިޔެފައިވާ ދަބަހެއް
އިބާ ވިޔެފައިވާ ދަބަހެއް

އިބާގެ މި ކުޑަކުޑަ މަސައްކަތަކީ ހަމައެކަނި ވޫލު ފަށަކުން ތަކެތި ވިޔެލުމެއް ނޫނެވެ. މިއީ ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ، ޅަފުރައިގެ ކުއްޖެއްގެ ކިބައިގައިވެސް މުހިންމު ހުނަރެއް އަށަގަންނުވައި، ދިރިއުޅުމުގެ ރިވެތި އާދަތަކެއް ބިނާކުރެވިދާނެ ކަމުގެ މިސާލެކެވެ. ކުދިންގެ ޝައުޤުވެރިކަން ދެނެގަނެ، އެކަމަށް ޢާއިލާއިން މަގުފަހިކޮށްދީފިނަމަ ސްކްރީންތަކުގެ އަޅުވެތިކަމުން ދުރުވެ، އުފެއްދުންތެރި ކާމިޔާބު ދުނިޔެއެއް ބިނާކުރެވިދާނެކަން އިބާ މިވަނީ ސާބިތުކޮށްދީފައެވެ. ވޫލު ފަށަކާއި ކްރޯޝޭ ހުކަކުން ފެށުނު މި ދަތުރަކީ، މާދަމާގެ ފަންނުވެރި މުޖުތަމަޢަކަށް އަޅާދިން ވަރުގަދަ ބިންގަލެކެވެ.

އިބާ ވިޔެފައިވާ ފޯން ކަވަރެއް
އިބާ ވިޔެފައިވާ ފޯން ކަވަރެއް

އިބާގެ އުއްމީދަކީ ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އަމިއްލަ ހުނަރުން މުޖުތަމަޢު ފަޚުރުވެރިކޮށްދޭނެ ކުއްޖަކަށް ވުމެވެ.

"މަސައްކަތް ކޮށްފިނަމަ ކުޑަކުއްޖަކަސް ކާމިޔާބުވާނެ. ބޭކާރުކޮށް ވަގުތު ހޭދަނުކޮށް، ޔޫޓިއުބުންވެސް ފައިދާހުރި ކަންކަން ދަސްކުރުން." ސްކްރީންގެ ބޭނުން ހެޔޮގޮތުގައި ހިފައި ހުނަރު ތަރައްޤީކުރުމަށް ނަޞޭޙަތްތެރިވަމުން އިބާ ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެލައިޓް އެފްސީ ބަލިކޮށް، "ހަނދު ރުނބާ ޗެލެންޖް 2026"ގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީއަށް؛ މުބާރާތުގެ ކިންގް އަކީ ލޫކް
17 Nov 2026 ކުޅިވަރު

އެލައިޓް އެފްސީ ބަލިކޮށް، "ހަނދު ރުނބާ ޗެލެންޖް 2026"ގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީއަށް؛ މުބާރާތުގެ ކިންގް އަކީ ލޫކް

އދ. ދަނގެތީ، ޤަލަމް ސްޕޯޓްސް އެކަޑަމީ އިން އިންތިޒާމްކޮށްގެން ބޭއްވި "ހަނދު ރުނބާ ޗެލެންޖް2026" ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި 3-0 ގެ ނަތީޖާއަކުން އެލައިޓް އެފްސީ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީން ހޯދައިފިއެވެ.

އދ.ދަނގެތީގައި އެފްއެސްއެމްގެ ޝެޑެއް ގާއިމްކޮށް ހިދުމަތްދޭން ފަށައިފި
07 Nov 2026 ހަބަރު

އދ.ދަނގެތީގައި އެފްއެސްއެމްގެ ޝެޑެއް ގާއިމްކޮށް ހިދުމަތްދޭން ފަށައިފި

ދަނގެތީގެ މަސްވެރިންގެ އިތުރުން އެ ސަރަޙައްދުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށް ވެސް މި ސްޓޭޝަނުން ހެޔޮ އަގުގައި ފަސޭހަކަމާ އެކު ތެޔޮ ލިބުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެސްއެސްއެމުން ފާހަގަކުރެއެވެ.

ދަނގެތީ ޢީދުއުފާ: ދައްކުވައިދިނީ އިމުގެ ތެރޭގައިވެސް ފޯރިގަދަ އުފާވެރި ޢީދެއް ފާހަގަކުރެވޭނެކަން
02 Jun 2026 ރިޕޯޓް

ދަނގެތީ ޢީދުއުފާ: ދައްކުވައިދިނީ އިމުގެ ތެރޭގައިވެސް ފޯރިގަދަ އުފާވެރި ޢީދެއް ފާހަގަކުރެވޭނެކަން

މިއަހަރުގެ ބޮޑު ޢީދު ނިމި، އެންމެން އެބައެއްގެ އާއްމު ދިރިއުޅުމުގެ މަސައްކަތަށް އެނބުރި ރުޖޫޢުވެފައިވާއިރު ބަހުސް ކުރެވޭ އެއް ސުވާލަކީ އެންމެ އުފާވެރި އަދި މަޖާ ޢީދެއް ފާހަގަކުރި ރަށަކާމެދުގައެވެ. އެ ...

ދަނގެތީ އީދު އުފާ: ޢުމްރާ ދަތުރު ވޮއިސްގެ އަރޫއަށް، އުންމީދާއެކު ދުޢާކުރުމުގެ ނަތީޖާ
31 May 2026 ރިޕޯޓް

ދަނގެތީ އީދު އުފާ: ޢުމްރާ ދަތުރު ވޮއިސްގެ އަރޫއަށް، އުންމީދާއެކު ދުޢާކުރުމުގެ ނަތީޖާ

އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އެންމެ ކުލަގަދަކޮށް އީދު ފާހަގަކުރާ އެއް ރަށަކީ އދ. ދަނގެއްޗެވެ. އެ ރަށުން މުޅި ރާއްޖެއަށް މި ނަމޫނާ ދައްކާތާ ފަސް އަހަރެއްހާ ދުވަސްވީ އެވެ. އިސްލާމީ އުސޫލުގެ ތެރެއިން...

ދަނގެތީ ޢީދުއުފާ؛ އިސްރަށްވެހިންގެ ހަވީރުން އެންމެނަށް އުފާވެރިކަން
31 May 2026 ރިޕޯޓް

ދަނގެތީ ޢީދުއުފާ؛ އިސްރަށްވެހިންގެ ހަވީރުން އެންމެނަށް އުފާވެރިކަން

އދ. ދަނގެތީ ޢީދު އުފާގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ތަފާތު އަދި އެންމެ ހިތްހަމަޖެހުން ގެނުވައިދޭ އެއް ހަރަކާތަކީ އިސްރަށްވެހިންގެ ހަވީރެވެ. އާއްމުކޮށް ޢީދު ކުޅިވަރުގެތަކުގެ ތެރެއިން އެންމެ ބާކީވާ އ...

ދަނގެތި ޢީދުއުފާ: ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ ކެއްްކުމުގެ މުބާރާތް ’ރަނިރަހަ‘ގައި ބައިވެރިވުމުގެ ފުރުސަތު
24 May 2026 ހަބަރު

ދަނގެތި ޢީދުއުފާ: ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ ކެއްްކުމުގެ މުބާރާތް ’ރަނިރަހަ‘ގައި ބައިވެރިވުމުގެ ފުރުސަތު

ކުރިއަށް އޮތް ބަރަކާތްތެރި އަޟުހާ ޢީދު ފާހަގަކުރުމަށް ދަނގެތީގައި ކުރިއަށް ގެންދާ މުބާރާތްތަކުގެ ތެރެއިން އަންހެން ކަނބަލުންނަށް ޚާއްސަކޮށް ބާއްވާ ކެއްކުމުގެ މުބާރާތް، ”ރަނިރަހަ“ގައި ބައިވެރިވުމުގެ ފު...