ދަނގެތީ ޢީދުއުފާ: ދައްކުވައިދިނީ އިމުގެ ތެރޭގައިވެސް ފޯރިގަދަ އުފާވެރި ޢީދެއް ފާހަގަކުރެވޭނެކަން
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިއަހަރުގެ ބޮޑު ޢީދު ނިމި، އެންމެން އެބައެއްގެ އާއްމު ދިރިއުޅުމުގެ މަސައްކަތަށް އެނބުރި ރުޖޫޢުވެފައިވާއިރު ބަހުސް ކުރެވޭ އެއް ސުވާލަކީ އެންމެ އުފާވެރި އަދި މަޖާ ޢީދެއް ފާހަގަކުރި ރަށަކާމެދުގައެވެ. އެ ބަހުސެއް މީސްމީޑިއާގެ އެކި މަންސަތަކުގައި އަދިވެސް ދަނީ ކުރެވެމުންނެވެ. އެކި ރަށްރަށުގެ ޢީދު ފޮޓޯ ތަކާއި ވީޑިއޯތައް އާއްމުވަމުންދާއިރު، އެންމެ ތަފާތު އަދި ފޯރި ގަދަ ޢީދެއް ފާހަގަކުރި އެއްރަށަކަށް ވާނީ ޔަގީނުންވެސް އދ. ދަނގެއްޗެވެ.

ދަނގެތީގެ ޢީދު އުފާ ހަރަކާތްތައް އެހެން ގިނަ ރަށްރަށާ އެންމެ ތަފާތުވާ އެއް ސަބަބަކީ އެރަށުގައި ޢީދު ފާހަގަކުރުމުގައި ހިފަހައްޓާ މިންގަނޑެވެ. ޢީދުގައި އުފާފާޅުކުރުމާއި މަޖާކުރުމާއި ފޯރިނެގުންވެސް އޮވެއެވެ. ތަފާތަކީ އެހުރިހާ ކަމެއްވެސް ކުރެވެނީ އިސްލާމީ އުސޫލާއި ގިއުގަނޑުގެ ތެރޭގައި ކަމަށްވުމެވެ.

ޢީދުގެ ކޮންމެ ދުވަހަކާއި ރެއަކުވެސް ފޯރިގަދަ ހަރަކާތްތަކެއް
ދަނގެތީ ޢީދުގެ ހަރަކާތްތައް ފެށިގެން ދިޔައީ ބޮޑު ޖަމާޢަތުގައި ކުރެވުނު ޢީދު ނަމާދަށްފަހު ބޭއްވުނު އުޟުހިޔާ ކަތިލުމުގެ ހަރަކާތުންނެވެ. ކުދި ބޮޑު އެންމެނަށް ފެންނަ ގޮތަށް ކުރިއަށް ގެންދެވުނު މި ހަރަކާތްތައް ބަލާލުމަށް ދަނގެތީ ރައްޔިތުންގެ އިތުރުން ރަށަށް ޒިޔާރަތްކުރި އެތައް ބަޔަކުވެސް ދިޔައެވެ.


އުޟުހިޔާ ކަތިލުމުގެ ކުރިން އެކަމުގެ މާތް ކަމާއި، އަދި މަޤުޞަދާއި ގުޅޭ ގޮތުން ޢިލްމުވެރިން ވާހަކަދައްކަވާފައިވާއިރު، އެ ޙަރާކާތް ކުރިއަށް ދިޔައިރު، ސްޓޭޖްމަތީގައި ކުދިން ތަކުބީރު ކިޔަމުންދިޔައެވެ.

އުޟުހިޔާގެ ހަރަކާތަށްފަހު، ފުރަތަމަ ދުވަހުގެ ހަވީރުގައި އޮތީ ގިނަ ކުދިން އެހަރަކާތަކަށް އެންމެ އިންތިޒާރުކުރާ ޢާއިލީ ހަވީރުގެ ހަރަކާތްތަކެވެ. މި ހަވީރަށް އައި ހުރިހާ ކުދިންނަށްވެސް ހަދިޔާއެއް ދީފައިވާއިރު، އެކިއެކި ސްޓޯލްތަކުގައި ހުރި ކުޅިވަރުތައް ނިންމި ކުދިންނަށްވެސް ހަދިޔާ ދީފައިވެއެވެ.





މި ހަވީރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ކުދިންގެ ފަރާތުން ހުށަހަޅައިދިން އެކިއެކި ސްޓޭޖް އައިޓަމް ތަކުންނެވެ. އެގޮތުން އެލްކޭޖީ އިން ފެށިގެން ގްރޭޑް 4 ގެ ދަރިވަރުންގެ ފަރާތުން މިފަހަރުވެސް ރީތި އައިޓަމްތަކެއް ހުށަހަޅައިދީފައިވެއެވެ.




މީގެ އިތުރުން، މި ހަވީރުގެ ތެރެއިންވެސް އެތަނަށް އައި ބޮޑެތި މީހުންނާއި ކުޑަކުދިންގެ މެދުގައި ގުރުނަގައި ވަރަށް އަގުހުރި އިނާމްތަކެއް ނަސީބުވެރިންނަށް ހަދިޔާ ކުރެވުނެވެ.



ހަވީރުގެ ހަރަކާތްތަކަށްފަހު ޢީދުގެ ހަރަކާތްތަކުގައި އެންމެ ފޯރި ހިއްޕާލީ އެރޭ އޮތް ބޮޑު މަސް ޝޯވް އާއި ގަދަފަހުލަވާނު މުބާރާތުންނެވެ.



އެރަށުގައި ބޮޑުމަސް ބޭނުމުގެ ހަރަކާތް ކުރިއަށް ގެންދަނީ މަޖާ އަދި ބަލާލަން ކަމުދާ ކުޑަ ޑްރާމާއެއް ކަހަލަގޮތަކަށެވެ. މި ޝޯވް މެދުވެރިކޮށް، އޭރު ޒަމާނުގައި މަސްބޭނުމުގެ ކަންކަމުގައި އަހަރެމެންގެ ކާބަފައިން ކޮށްއުޅުނު ކަންކަމާ ބެހޭ މައުލޫމާތުތައް ޝައުގުވެރިކުރުވަނި ގޮތަކަށް ފޯރުކޮށްދޭއިރު، ދީނީ ގޮތުން އެފަދަ ކަންކަމުގެ މައްޗަށް ޢިލްމުވެރިން ވަނީ އަލިއަޅުވާލައްވާފައެވެ.



ބޮޑުމަސް ޝޯވް ނިމުމާއެކު ދެން އޮތީ މުޅި ޢީދުގައިވެސް ކުރިއަށް ދިޔަ އެންމެ ފޯރިގަދަ އެއް މުބާރާތޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. އާދެ، ދަނގެތީ ޢީދު ހަރަކާތްތަކަށް މިފަހަރު އަލަށް އިތުރު ކުރެވުނު ގަދަ ފަހުލަވާނު މުބާރާތެވެ.


މިއީ ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ބުންވަރުހުރި، ބާރުގަދަ މީހާ ހޮވުމަށް ބޭއްވުނު މުބާރާތެކެވެ.

މުބާރާތް ބަލާލުމަށް އެ ސަރަހައްދަށް އެތަކެއް ބަޔަކު ޖަމާވެ، ފަހުލަވާނުންނަށް ހިތްވަރުދީ ފޯރި ނަގާފައިވެއެވެ. މުބާރާތުގައި ހަވާލުކުރެވުނު މަސައްކަތްތައް އެންމެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ނިންމައި ގަދަ ފަހުލަވާނުގެ އިނާމާއި ޓްރޮފީ އުފުލާލީ ދަނގެތީ އަހުމަދު ޝާރިފްްއެވެ.


ޢީދުގެ ދެވަނަ ދުވަހުގެ ހަވީރުގައި އޮތީ ޒުވާނުންގެ ވާދެމުމުގެ މުބާރާތެވެ. ރޭގަނޑު އޮތީ ބޮޑެތި މީހުންގެ ވާދެމުމުގެ މުބާރާތެވެ.



ދެ މުބާރާތުންވެސް ވަނަވަނައަށް އައި ފަރާތްތަކަށް ފައިސާގެ އިނާމް ވަނީ ހަވާލުކޮށްފައެވެ.


ތިންވަނަ ދުވަސްވެގެން ދިޔައީ ވަރަށްވެސް އުފާވެރި އަދި ޢީދު ފޯރި އިތުރަށް ގަދަކޮށްލި، ދުވަހަކަށެވެ.

އެދުވަހު ހަވީރު މަސްރޭހަށް ދޯނިތައް ފުރުވާލިއިރު، އެފަހުން އޮތީ ރަށުގެ އިސްރަށްވެހިންނަށް ޚާއްސަ ހަވީރެކެވެ. މި ހަވީރަކީ ރަށުގެ 70 އަހަރުން މަތީގެ އިސްރަށްވެހިންނަށް ޚާއްސަކޮށްގެން އެފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބޭއްވުނު ހަވީރެކެވެ.


ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ މި ހަވީރުގައި އިސްރަށްވެހިންނަށް މަރުހަބާ ކިޔާފައިވަނީ ރަތް ދޫލައިގައެވެ. އެފަހުން އެފަރާތްތަކަށް ހަދިޔާދީ، ކުދިންގެ ފަރާތުން ޚާއްސަ އައިޓަމެއްވެސް ހުށަހަޅައިދީފައި ވާއިރު، ހަވީރު ނިންމާލީ އިސްރަށްވެހިންގެ ކުޅިވަރު ހަރަކާތްތަކަކުންނެވެ.



ތިންވަނަ ދުވަހުގެ ރޭ ޚާއްސަކޮށްފައި އޮތީ އަންހެން ކަނބަލުންގެ ކެއްކުމުގެ މުބާރާތް ”ރަނި ރަހަ“ އަށެވެ. މަސްރޭހަށް ދިޔަ ޓީމުތައް މަސްބާނައިގެން ލެފިއިރު، ރަނިރަހަ މުބާރާތުގެ ޓީމްތައްވެސް ހުރީ ހަވާލުކުރެވުނު ޑިޝް ނިންމައި، ރީތިކޮށް އަތުރާލާފައެވެ. އެއަށްފަހު ދެން އޮތީ ފަނޑިޔާރުން އިންސާފުކުރުމެވެ.


ޓީމުތަކުން ކެއްކި ތަކެއްޗަށް އިންސާފު ކޮށްފައިވަނީ ކަމަށް ކުޅާދާނަ ތަޖުރިބާކާރުންނެވެ. މިފަހަރުވެސް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ރަނިރަހަ މުބާރާތުގެ އެއްވަނަ ހޯދީ ރުނބާ ޓީމުންނެވެ. އެއީ ފާއިތުވި ދެ އަހަރުގެވެސް އެއްވަނަ ޓީމެވެ.


މީގެ އިތުރުން، މިއަހަރުގެ މަސްރޭހުން އެއްވަނަ ޓީމަކަށް ހޮވުނީ މަސްކެޔޮޅު ޓީމެވެ.



މި ދެމުބާރާތުންވެސް ވަނަވަނައަށް އައި ފަރާތްތަކަށް ފައިސާގެ އިނާމް ހަވާލުކުރެވުނެވެ.

ދަނގެތީގެ ޢީދު ހަރަކާތްތައް މިފަހަރުވެސް ނިންމާލީ ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރި އެންމެންގެ ޝަރަފުގައި ބޭއްވުނު ރައްޔިތުންގެ ބާބަކިޔު އިންނެވެ. ބާބަކިޔުއަށްޓަކައި ސުފުރާމަތި އޮތީ ތަފާތު މީރު ކެއުންތަކުން ފުރާލާފައެވެ.



ކެއުން ނިމުމުން ދެން އޮތީ ޢީދު އުފާގެ ބޮޑު ހަދިޔާ ލިބޭ ނަސީބުވެރިޔާ އިއުލާން ކުރުމެވެ. ޤިބްލަ ހައްޖު އެންޑް އުމްރާގެ ފަރާތުން ހަދިޔާ ކުރާ އުމްރާ ދަތުރުގެ ނަސީބުވެރިޔާ ހޮވުމެވެ. މިފަހަރުގެ ދަތުރު ލިބުނީ ޢަރުފާ އަށެވެ.


ދަނގެތީގެ ޢީދު ހަރަކާތްތައް ތަފާތުވާ އަނެއް ސަބަބަކީ ބައިވެރިންނަށް ދޫކޮށްލާ އަގުހުރި އިނާމްތަކެވެ. ޢީދުގެ ކޮންމެ ހަރަކާތެއްގެ ތެރެއިންވެސް ގުރުނަގައި، ނަސީބުވެރިންނަށް އިނާމުތައް ހަވާލުކުރެއެވެ. މިފަހަރުވެސް، ޓެންޓު ތަކާއި، އުނދޯލިތަކާއި، ބޮޑު ޓީވީއަކާއި، ބައިސްކަލުތަކާއި، ތަފާތު ކުޅިވަރު ސާމާނާއި، ކައްކާ ސާމާނުތައް ވަނީ ނަސީބުވެރިންނަށް ދޫކޮށްލާފައެވެ.




ޢީދު ނިމިގެންދިޔައިރު އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ދަނގެއްްޗަށް ޒިޔާރަތްކުރި މެހެމާނުން ފުރައިގެންދިޔައީ އަންނަ ޢީދުގައިވެސް ޢީދު ކުޅިވަރު ބަލާލުމަށް އައުމުގެ އުއްމީދުގައެވެ.


ޢީދު ހަރަކާތްތައް ރޭވުމުގެ މުގުލުގައި ޖަމިއްޔަތުލް ޤަލަމް؛ އެހީތެރިންގެ ގޮތުގައި އެތައް ބައިވެރިންނެއް
މިފަދަ ފުރިހަމަ ޢީދެއް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ ޔަގީނުން އެކަމެއް ރާވައި ހިންގަން ވަރުގަދަ ފަހުލަވާނުންތަކެއް ތިބެގެންނެވެ. އެގޮތުން ދަނގެތީގެ މި އުފާވެރި ޢީދު ހަރަކާތްތައް ރާވައި ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރަނީ އެރަށު މަދަނީ ޖަމިއްޔާއެއް ކަމަށްވާ ”ޖަމިއްޔަތުލް ޤަލަމް“ އިންނެވެ. އެޖަމިއްޔާއިން މި މަސައްކަތް ފެށިތާ 12 އަހަރެއްހާ ދުވަސްވެފައިވާއިރު، ޖަމިއްޔާގެ މަސައްކަތް ފުޅާވެ، ހަރަކާތްތައް އިތުުވެ، އިތުރަށް ވަނީ ފުރިހަމަވެފައެވެ.


އެ ފުރިހަމަކަން ގެނެސްދެނީ ޢީދުގެ ހަރަކާތައް ކުރިއަށްގެންދިޔުމަށް އެތަކެއް ފަރާތްތަކުން ދެމުންދާ ދީލަތި އެހީތެރިކަމާއި މިންނެތް މަސައްކަތާއި ފުރިހަމަ އެއްބާރުލުމުންނެވެ.

އެގޮތުން މިފަހަރުގެ ޢީދު ކުޅިވަރުތައް ހިންގުމުގައި، އެ ރަށު ޖަމިއްޔަތުލް އަންވާރު، ދަނގެތީ ސިއްހީ މަރުކަޒު، ދަނގެތީ މަސައްކަތްތެރިންގެ ޖަމިއްޔާ، އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމިޓީ، ދަނގެތި ޕޮލިސް ސްޓޭޝަން، ދަނގެތީ ޔޫތު ސެންޓަރު، ދަނގެތީ ސްޓެލްކޯ އަދި އަލް އަސްރު ބައިވެރިވެއެވެ.

ސްޕޮންސަރުންގެ ގޮތުގައި އެތައް ފަރާތްތަކުން ދީލަތި އެހީތައް ފޯރުކޮށްދިނެވެ. ޙަރަކާތްތަކުގެ މެއިން ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކް އެވެ. މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް