ޑެތްގެ ބަންދަށް 12 ދުވަސް، ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާ
އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހާ އިހްތިޖާޖުކޮށް ފިހާރަތައް ލޫޓްވާން ގޮވާލި މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ސޯޝަލް މީޑިއާގައި އެކަމަށް ގޮވާލާ ޕޯސްޓެއް ކުރީ މީގެ ކުރީން އެމްޑީޕީގެ ހަރަކާތަކުން ފާހަގަވި މީހެކެވެ. އެއީ ހއ. ބާރަށު ކުއްޅަވައްގެ، އަލީ ޖުމާން އެވެ. ޑެތްގެ ނަމުން އާންމުންގެ ތެރޭގައި އޭނާ މަޝްހޫރުވެފައިވާއިރު އޭނާ ވަނީ 100 އަހަރަށް ބިންތައް ކުއްޔަށްދޭތީ އެކަމާއި ގުޅޭގޮތުން ޕޯސްޓެއް ކޮށްފަ އެވެ.
އެ ޕޯސްޓްގައި ވަނީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އިހްތިޖާޖު ކުރުމާއި އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހަން ގޮވާލާފަ އެވެ. އަދި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފިހާރައިގެ ނަން ފާހަަގަކޮށް ފިހާރަތައް ލޫޓްވަން ހިތްވަރު ދީފައިވެ އެވެ.
އޭނާ އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއް ހޯދައިގެންނެވެ.
އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ހާޒިރުކުރުމުން 12 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރު ނެރުނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް