އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
އަވަށްޓެރި ޕާކިސްތާނުގައި މައިނޯރިޓީގެ ހައްގުތައް ހިމާޔަތްކުރުމުގައި ނާކާމިޔާބުވެފައިވާ ކަމަށް ބުނެ، އިންޑިއާއިން އދ. ގައި ޕާކިސްތާނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކޮށްފިއެވެ.
ބުރާސްފަތި ދުވަހު އދ. ގެ ހާއްސަ ރެޕަޓުއާއާ އެކު ކުރިއަށްދިޔަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.
އަދި ޕާކިސްތާނުގައި މައިނޯރިޓީންގެ އަދަދު ދުވަހެއް ދުވަހަކަށް މަދުވަމުންދާއިރު، އެމީހުންގެ ހައްގުތަކަށް އެ ގައުމުން އަބަދުވެސް އަރައިގަންނަމުންދާ ކަމަށް އޭނާ ތުހުމަތުކުރިއެވެ.
މީގެއިތުރުން، އިންސާނުން ތަހައްމަލުކުރާ ތަކުލީފުތަކަކީ ސިޔާސީ މަންފާ ހޯދުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދައިގެން ނުވާނެ ކަމަށާއި، ދީނީ މިނިވަންކަމާ ގުޅޭ ރިޕޯޓުތައް އެކުލަވާލުމުގައި ވަކިފަރާތަކަށް ނުޖެހޭ އިންސާފުވެރި އުސޫލުތަކެއް ގެންގުޅުމަށް އިންޑިއާގެ މަންދޫބު ޕާކިސްތާނަށް ގޮވާލިއެވެ.
ޖައްމޫ އަދި ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނުން ދެއްކި ވާހަކަތަކަށް ރައްދު ދެމުން ބަވިކާ ބުނީ، އިންޑިއާގެ އިމުގެ ތެރޭގައި ހިމެނޭ ޖައްމޫ އަދި ކަޝްމީރުގައި ހިނގާ ކަންކަމާ މެދު ޕާކިސްތާނުން މާބޮޑަށް ކަންބޮޑުވެގެން އުޅުމުގެ ބަދަލުގައި، އެ ގައުމުގެ ބާރުގެ ދަށަށް ”ގަދަކަމުން ގެންގޮސްފައިވާ“ ކަޝްމީރުގެ ސަރަހައްދުތަކާއި ރާވަލްކޯޓް ފަދަ ތަންތަނުގެ ހާލަތަށް ސަމާލުކަން ދިނުން މާ މުހިންމު ކަމަށެވެ.
މި ބައްދަލުވުމުގައި އިންޑިއާއިން ވަނީ ޕާކިސްތާނަކީ އަމިއްލަ ގައުމުގެ އެތެރޭގެ ހާލަތު ގޯސްވެފައި އޮތް ގައުމެއް ކަމަށްބުނެ، އެއީ ބައިނަލްއަގުވާމީ މައިދާނުގައި އެހެން ގައުމުތަކަށް ފާޑުނުކިޔުމަށް އެދިފައެވެ.
އިންޑިޔާއިން ޕާކިސްތާނަށް އަމާޒުކޮށް މިފަދައިން ވާހަކަދައްކާފައި މިވަނީ، އިންޑިޔާގެ މައިނޯރިޓީ ކަމުގައިވާ މުސްލިމުންގެ ހައްގުތަކަށް އެ ގައުމުން އަރައިގަންނަމުން އަންނާތީ އެކަމަށް ޕާކިސްތާނުން ބަހުގެ ހަމަލާތަކެއް އަމާޒުކުރުމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް