މީގެ ކުރިން ދުވަހަކު ވެސް ނުބޭއްވޭ ވަރުގެ ފުރިހަމަ ބޮޑު މައުރަޒެއް މިފަހަރު ބޭއްވިގެންދާނެ: ސައީދު
މިފަހަރު ބާއްވާ ރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ މީގެ ކުރިން ދުވަހަކު ވެސް ނުބޭއްވޭ ވަރުގެ ފުރިހަމަ އަދި ބޮޑު މައުރަޒަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މާދަމާ ރޭ ހުޅުވިގެންދާ މި މައުރަޒު ވެގެންދާނީ މިދިޔަ އަހަރާއި އަދި އޭގެ ކުރިން ބޭއްވުނު މައުރަޒުތަކާ އަޅާބަލާއިރު، ހުރިހާ ގޮތަކުން ވެސް އުފެއްދުންތެރިކަން އިތުރު މައުރަޒަކަށް ކަމަށެވެ. އެގޮތުން މިފަހަރުގެ މައުރަޒުގައި ބައިވެރިވި ފަރާތްތަކާއި، ދައްކާލާ ތަކެތީގެ އަދަދު އަދި އީޖާދީ އުފެއްދުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރުގެ ޕްރޮޑަކްޓްސްތައް ބައިވެރިކުރި އަދަދު ބަލާއިރު 2467 ޕްރޮޑަކްޓެއް ބައިވެރި ކުރިއިރުގަ މި އަހަރު 4400 ޕްރޮޑަކްޓް ވަނީ ބައިވެރިކޮށްފަ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އަދި މި ޕްރޮޑަކްޓްތައް ބައިވެރި ކުރުމުގަ ރާއްޖޭގެ ހުރިހާ އަތޮޅެއް ވަނީ ބައިވެރިވެފަ ކަން އަޅުގަނޑު ފާހަގަކޮށްލަން. 240 މީހުން މިދިޔަ އަހަރު 2467 ޕްރޮޑަކްޓަށް ކޮންޓްރިބިއުޓް ކުރިއިރުގަ މި އަހަރު އެ އަދަދުވަނީ 600 ފަރާތަކަށް އިތުރުވެފަ. އަދި އޭގެ އިތުރަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީޚުގަ
މީގެއިތުރުން، މީގެ ކުރިން ފަސް ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އެކްސްޕޯ މިފަހަރު ހަތް ޑިސްޓްރިކްޓަކަށް އިތުރުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި އަލަށް ތައާރަފްކުރެވުނު 'ވިޒިޓާ އިކޮނޮމީ ޑިސްޓްރިކްޓް' އަދި 'އިންޓަނޭޝަނަލް ޑިސްޓްރިކްޓް' ފާހަގަކޮށްލެވެއެވެ. އިންޓަނޭޝަނަލް ޑިސްޓްރިކްޓްގެ ސަބަބުން ބޭރުގެ އެގްޒިބިޓަރުންގެ ފަރާތުން އާދަޔާޚިލާފު އައު ޓެކްނޮލޮޖީއާއި، ރާއްޖޭގެ ސިނާއަތްތަކަށް އަގު އެއްކުރެވޭނެ އީޖާދީ އުކުޅުތަކާއި ވަސީލަތްތައް ދިވެހިންނަށް ފެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބޭރުގެ ގިނަ ގައުމުތަކާއެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓްތަކާއި ފްރީ ޓްރޭޑް އެގްރީމަންޓްތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގެ އިޤްތިޞާދުގެ ނުވަތަ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީ (އުފެއްދުންތެރި އިޤްތިޞާދު) ކަމުގައި ހެދުން ކަމަށެވެ. އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަލަށް ވިޔަފާރިއަށް ވަންނަ ޒުވާނުންގެ ބިނާކުރަނިވި ޚިޔާލުތައް ނަފާވެރި ކަންކަމަށް ބަދަލުކޮށްދިނުމަށް ސަރުކާރުން ރެޔާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން 2040 ވަނަ އަހަރާ ހަމައަށް އޮތް ތަސައްވުރަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް 14 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ ފުދުންތެރިކަމާއި ކުރިއެރުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެންހުރި ހުރިހާ މަންފާއެއް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުޢިއްޒު މުރާލިކަމާއެކު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް