ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި
ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީއެވެ. ބިލުގެ ފުރަތަމަ ކިޔުން ނިމިދިޔަ ހަފްތާގައި އިއްވާފައިވާއިރު، ބިލާ ބެހޭ އިބްތިދާއީ ބަހުސްވެސް މިއަދު މަޖިލީހުގައި ކުރިއަށް ގެންދެވުނެވެ.
ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅޭގޮތުން ނެގުނު ވޯޓުގައި، 43 މެންބަރުން ބިލު ބަލައިގަތުމަށް ވޯޓު ދެއްވާފައިވާއިރު، އެއްވެސް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެއް ނުވެއެވެ. މި ބިލު މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށްޓަކައި މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިކަމުގެ އިތުރުންވެސް މުހިންމު ބައެއް ކަންކަމާ ގުޅޭގޮތުން ބަހުސްކޮށް ނިންމާފައިވެއެވެ. އެގޮތުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން "ރަސްމާލެ" މަޝްރޫޢާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްޞީލުތައް ހާމަކުރުމަށް ގޮވާލާ ޤަރާރަކާ ބެހޭ ބަހުސް ކުރިއަށް ގެންދެވުނެވެ. ނަމަވެސް، އެ ޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާސްވެފައެއް ނުވެއެވެ. އެ ޤަރާރު ބަލައިގަތުމަށް 10 މެންބަރުން ވޯޓު ދެއްވި އިރު، 45 މެންބަރުން ވޯޓު ދެއްވީ ޤަރާރު ބަލައިނުގަތުމަށެވެ.
މީގެއިތުރުން، 2025 ވަނަ އަހަރުގެ ޑިސެންބަރު 11 ވަނަ ދުވަހު، މަސްވެރިން ކުރަމުންދިޔަ މުޒާހަރާއެއްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލަ، އިމްތިޔާޒާއި ސުލޫކު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްވެސް މިއަދު ކުރިއަށް ގެންދެވުނެވެ. އެ ރިޕޯޓު މަޖިލީހުން ފާސްކުރައްވާފައިވަނީ 46 މެންބަރުންގެ ވޯޓާއެކުގައެވެ. ރިޕޯޓު ފާސްކުރަން ނުފެންނަކަމަށް 10 މެންބަރުން ވޯޓު ދެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް